އެމްޑީޕީ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން: އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕެއް މިއަދު ދަރުބާރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕެއް މިއަދު ދަރުބާރުގޭގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު މެންދުރުފަހު 2.00 އިން 6.00 އަށް ދަރުބާރުގޭ ފާށަނާ މާލަމުގައި ބާއްވާ މި ވޯކް ޝޮޕަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ކެމްޕެއިން ކުރުމާ ބެހޭ މަޢުލުމާތު ދިނުމަށް ބާއްވާ ވޯކްޝޮޕެއް ކަމަށާއި، މި ވޯކްޝޮޕްގައި މަޢުލޫމާތު ދެއްވާނީ ކެމްޕެއިންކުރުމުގެ ތަޖުރިބާއާއި ހުނަރު ލިބިލައްވާފައިވާ އެމްޑީޕީގެ މެންބަރުން ކަމަށް އެޕާޓީން ބުނެއެވެ.
އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ވަރަށް ފޯރިޔާއެކު ކުރިޔަށް ގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އެކި އަތޮޅުތަކަށް ކެމްޕެއިން ދަތުރުކުރުމާއި، ޑޯރޓުޑޯ ކެމްޕެއިންގެ އިތުރުން ސަންއެފްއެމް މެދުވެރިކޮށް އެމްޑީޕީން ކޮންމެ ރެއަކު ގެނެސްދޭ އަނެއް ދިވެހިރާއްޖެ ރަށަށް ޕްރޮގްރާމް ފާހަގަކޮށްލެވެއެވެ.