21 ޑިސެމްބަރ 2010
އިބްރާހީމް ރާމިޒް
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙުމަދު ނިހާނަށް މިހާތަނަށް މަޖިލީހުގައި ކުރެއްވުނު ކަމަކީ އިންސާނިއްޔަތާ، ޤާނޫނާ ޚިލާފް ބިލެއް މަޖިލީހަށް ހުށަހެޅުއްވުން ކަމަށް އެދާއިރާއިން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަރްޙަމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންއެފްއެމް އިން ކޮންމެ ރެއެއްގެ ވެސް 9.15 ން 9.30 އަށް ގެނެސްދޭ “އަނެއް ދިވެހިރާއްޖެ ރަށަށް” މި ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން އަރުހަމް ވިދާޅުވީ ޒައީމް ހިމާޔަތްކުރުމަށް ބިލެއް ހުށަހެޅުން ފިޔަވައި އިތުރު ކަމެއް ޑީއާރުޕީގެ މެންބަރު ނިހާނަށް ކުރެވިފައިނުވާ ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ކަންތަކަށް ނިހާނު ވަކާލާތުކުރަމުން ނުދާ ކަމަށެވެ. މީގެ އިތުރުން ވެސް އަރުހަމް ވިދާޅުވީ ރައްޔިތުންނާއި ސަރުކާރާއި ގުޅުވާލަދޭ ފާލަމަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވުން ކަމަށެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޑަވެލީ ރަށު ކައުންސިލަށް ކުރިމަތިލައްވާ އިލްހާމް މިރޭ ވިދާޅުވީ ކައުންސިލަރުންގެ ބަދަލުގައި ޒިންމާދާރުވެރިންނާ މުއާމަލާތުކުރުމަށް އިލެކްޝަނުން ނިންމާފައިވާ އިރު މަޑަވެލި ރަށު ކައުންސިލަށް އެރަށު އޮފީހުގެ ޒިންމާދާރުވެރިޔާގެ އުފަން ދަރިއަކު ކުރިމަތިލާފައިވާ ކަމަށާއި، އެހެން ކަމުން އެރަށުގެ ކައުންސިލް އިންތިޚާބުގެ ކަންތައް އިންސާފުންދާނޭ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވެސް އިލްހާމް ވިދާޅުވީ ލޯކަލް ކައުންސިލް އުފެއްދުމުގެ ފިކުރަކީ އެމްޑީޕީގެ ފިކުރެއް ކަމަށާއި މި ފިކުރު ޙަޤީޤަތަކަށް ހެދޭނި އެމްޑީޕީއަށް ވޯޓުދީގެން ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުލުމާ ހަމައަށް ގޮސްފައިވާއިރު އިލެކްޝަނުން މިހާތަނަށް އެއިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ އަދަދާއި، ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކރިމަތިލައްވާފއިވާ ފަރާތްތަކުގެ އަދަދު ހާމަކޮށްފައިނުވާތީ މިރޭގެ ޕްރޮގްރާމްގައި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.