އަނެއް ދިވެހިރާއްޖޭގެ ހުރިހާ އުފަލެއް ރައްޔިތުންނަށް ލިބޭނީ ފެބުރުއަރީއަށް ފަހު: އެމްޑީޕީ
ޢަބްދުﷲ ޖުނައިދު
ރާއްޖެ މިއޮތީ 30 އަހަރުވީ މައުމޫނިޒަމްގެ އަނިޔާވެރި އަޅުވެތިކަމުން ސަލާމަތްވެ ދުނިޔޭގެ ނަންހިނގާ ޤައުމުތަކުގެ ކުރިޔަށް ޖެހިފައި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ވެބްސައިޓަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގައި ހޯރަފުށީ ދާއިރާގެ މެމްބަރު ވިދާޅުވީ ‘މިނިވަން ދިވެހި ރާއްޖެ – ސާފު ދިވެހި ރާއްޖެ’ އޭ ކިޔައި ކުރީ ސަރުކާރުން ކުރި ކެމްޕޭނަކީ ބޮޑު އޮޅުވާލުމެއް ކަމަށާ ރާއްޖެއަށް ޙަޤީގީ މިނިވަންކަން ލިބުނީ އެމްޑީޕީ މިވުޖޫދަށް އައުމުންކަން އޮޅިފައިވާނެ އެއްވެސް މީހަކު ނެތް ކަމަށެވެ.
ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމާ ޙަވާލުވިފަހުން ދުވަހަކަށްވުރެ ދުވަހަކު ރާއްޖެއަށް ސާފު ޑިމޮކްރަސީގެ ހަރުދަނާ ސިޔާސަތުތައް ވަދެ ޑިމޮކްރަސީގެ ވެށްޓެއް ޤާއިމް ކުރެވެމުން އަންނަ ކަމަށާއި، ފެބުރުއަރީ 5 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވެއްޖެނަމަ އަނެއް ދިވެހިރާއްޖެއިން ލިބޭ ޚިދުމަތްތަކާ ތަރައްޤީވެގެންދާނެ ހަލުވިމިން ރައްޔިތުންނަށް ފެނި އޭގެ ހަގީގީ ދިރިއުޅުމާ ހަމަޔަށް ވާޞިލް ވެވޭނެ ކަމަށް ވިދާޅުވި އެވެ.
“އަޅުގަނޑުމެންނަށް މިހާރު މިއިވެނީ އަޅުގަނޑުމެންގެ މާޒީގެ ހާލުގެ ދުލުން ޤައުމުދެކެ ލޯބިވާ ވާހަކަ ޑީއާރުޕީން ދައްކާ އަޑު. އަޅުގަނޑު ހަމަ އެހެން އެބުނާ މީހުނަށް މަލާމާތް ކުރަން މަޖިލީހުގައި ޒިންމާދާރުކަން ކުޑަކޮށް ޑީއާރުޕީން އެދައްކަވާ ވާހަކަތަކަށް. ޑްރަގް ވަބާއާއި މާރާމާރީތަކުގެ ވާހަކަތައް ދައްކަވާއިރު އެވެސް މިތަނުގައި ޢާންމު ކުރުވި ބަޔަކީ ޑީއާރުޕީ. ދެން އެދައްކަނީ ބަނދަރާ ނަރުދަމާ ހަދާ ވާހަކަ. ރައްޔިތުންގެ އަތްމަތި ދަތިވާހަކަ. ބަޖެޓުގައި މިކަމަށް ފައިސާ ނެތުމުން އެކަމާ ދެރަވެ ހިތާމަކުރާ ވާހަކަ. ބަލަ ފާއިތުވީ 30 އަހަރު އެބުނާ ބަޔަކު ނޫންތޯ މިޤައުމު ދަރަނިވެރި ކުރުވީ. އެމީހުނެއް ނޫންތޯ ބޮޑު ސިންގާ މަތިންދާބޯޓު ކުންފުނި ބަނގުރުޓޫކޮށް މުޅި ރާއްޖޭގަ މާރާމާރީއާ ޑްރަގް އާންމު ކުރީވެސް. އެމީހުން މިއަދު މަޖިލީހުގައި ބަނދަރުހަދާ ވާހަކަތައް ދައްކާއިރު މީގެ ކުރިން ކީއްވެތޯ އެކަން ނުކޮށްދިނީ. ކުއްލިއަކަށް މިއަދު އެމްޑީޕީ ވެރިކަމަށް އައިސް ހުރިހާ ރަށްތައް ތަރައްގީވަމުންދާތަން ފެނިފައި ދައްކާނެ ވާހަކައެއް ނެތިގެން ހަމަ ކޮންމެވެސް އެއްޗެކޭ ކިޔައި އަނެއްކާވެސް އެމީހުން ބޭނުންވެގެން އުޅޭ ފިތުނަ އުފައްދަން އެ މަސައްކަތް ކުރަނީ. އަޅުގަނޑު ވަރަށް ކެރިހުރެ މިދަންނަވަނީ އެމްޑީޕީގެ ލޮބުވެތި މެމްބަރުންނޭ ހަމަޖެހޭށޭ، މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނަމޭ މާތްﷲގެ ވާގިފުޅާއެކު. އަޅުގަނޑުމެންގެ ޕާޓީތެރެއަކު ތަޅާފޮޅާ މާރާމާރީ ހިންގާ ލޭ އޮހޮރުވައެއް ނުލާނެއޭ. އަޅުގަނޑުމެންގެ ޕާޓީ މިއައީ އިންސާފުގެތެރޭން ރައްޔިތުންނަށް ޚިދުމަތް ކުރުމަށޭ، އެމްޑީޕީ އޮތީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހުޅުވާލެވިފައޭ. ޕާޓީން ބޭނުންވަނީ ހުރިހާ ރަށަކަށްވެސް ތަރައްޤީއޭ. އެހެންވީމަ މިހުވަފެން ޙަޤީގަތަކަށް ހެދުމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް ވޯޓު ނުދެއްވާށޭ.” މިއަދު އެމްޑީޕީ ވެބްސައިޓަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަޙްމަދު ރަޝީދު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވި އެވެ. “މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލި ހުރިހާ ކެނޑިޑޭޓުންވެސް ލޫއްޕެއާއެކު ބިރެއް ނެތި، ކެރިގެން ކެމްޕޭނު ކުރަންވީ. މިއިންތިޚާބު އަޅުގަނޑުމެން ނޫން ބަޔަކަށް ކާމިޔާބެއް ނުކުރެވޭނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިރޭ 9 ޖަހާއިރު މައިޒާން އަލިބެގެ ކެމްޕޭނު ޖަގަހަ ހުޅުވާކަން ޕާޓީގެ ހުރިހާ އެންމެނަށްވެސް އަންގާ، އޭނާއަށް ތާއީދުކުރުމަށް”