21 ޑިސެމްބަރ 2010
މަޖިލީހުން ފެންނަމުންދާ ހިތްދަތި މަންޒަރުތަކަށް ބައްލަވާފައި ނަމަވެސް އެމްޑީޕީ އަށް ވޯޓުދެއްވުމަށް މި ޖަލްސާގައި ގޮވާލި
އިބްރާހީމް ރާމިޒް
ހެޔޮ ވެރިކަމެއް ކުރެވޭނީ ރައްޔިތުން ގެ ވިސްނުމާއި ރައްޔިތުންގެ ހިޔާލާއެކީ ވެރިކަން ކުރެވޭނެ ނިޒާމެއް ހޯދިންކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ވިލިމާލޭ މުޙިއްޔުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންސާނީ ތަޖުރިބާ މިހާތަނަށް ދައްކާފައިވާ ގޮތުގައި އެންމެ ރަނގަޅު ނިޒާމަކީ ޑިމޮކްރަސީ ކަމަށާއި، އެނިޒާމުގެ އެންމެ މުހިމު އަސާސަކީ ވަކިވަކި ރަށްތަކާއި، އަތޮޅުތަކާއި ސިޓީ ތަކުގައި ގާއިމްކުރާ ލޯކަލް ކައުންސިލް ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އަޅުގަނޑުމެން އެނބުރެން ބޭނުންވީ ޙުދުމުހުތާރު ވެރިކަމަކުން ޑިމޮކުރަސީގެ ރީތި އުސޫލަށް ނުވަތަ ރައްޔިތުންގެ ރުހުމާއި އެކީގައި ވެރިކަން ކުރެވޭ ނިޒާމަކަށް ކަމަށާއި، އަޅުގަނޑުމެން މި ބޭނުންވާ ތަރައްގީ ހޯދުމުގެ އެންމެ ބޮޑު އަސާސަކީ މިފެށޭ އިންތިހާބުކަމަށް ވުމާއެކު އެމްޑީޕީގެ މެންބަރުނަށް ކައުންސިލް އިންތިހާބުގައި ވޯޓުދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޓިކެޓްގައި ނިކުންނަ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓްދެއްވުމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ގޮވާލައްވާފައިވާއިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ މަޖިލީހުން ފެންނަމުންދާ ހިތްދަތި މަންޒަރުތަކަށް ބައްލަވާފައި ނަމަވެސް އެމްޑީޕީ އަށް ވޯޓުދެއްވުމަށް ގޮވާލައްވާފައެވެ.
މާލޭ ސިޓީއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓުން ތަޢާރަފްކޮށް، އެކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ރޭ އެމްޑީޕީން ވިލިމާލޭގައި ބޭއްވި މި ޖަލްސާގައި ޑ.ރ މުސްތަފާ ލުތުފީ އާއި، ޑ.ރ އިބްރާހިމް ދީދީ (ޑރ.ޑީޑީ) ގެ އިތުރުން އެމްޑީޕީގެ އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިންގެ ތަރުޖަމާނު ޑ.ރ ޝަހީދުވެސް ވާހަކަފުޅުދެއްކެވިއެވެ.