ށ.ފުނަދޫއަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވޭ – ފުނަދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުން

20 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

މި ސަރުކާރުން މިވީ ކުރު މުއްދަތުގެ ތެރޭގައިވެސް ށ. ފުނަދޫގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގާފައިވާ ކަމަށް އެދާއިރާގެ އެމްޑީޕީ ކެންޑިޑޭޓުން ވިދާޅުވެއްޖެއެވެ.
ސަންއެފްއެމް އިން ކޮންމެ ރެއަކު 9.15 ގައި ގެނެސްދޭ އަނެއް ދިވެހިރާއްޖެ ރަށަށް ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން، ށ. ފުނަދޫ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އިލްޔާސް ހާމިދު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވެސް ފުނަދޫގައި ކުރީގެ ސަރުކާރުގެ އެއް ވެސް މަޝްރޫއެއްގެ މަސައްކަތް ހުއްޓާލާފައި ނުވާ ކަމަށާއި، މި ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ފުނަދޫގެ ކަރަންޓްގެ ޚިދުމަތް ރަގަޅުކުރުމަށް 2.7 މިލިއަން ރުފިޔާ ޚަރަދުކުރެއްވުމުގެ އިތުރުން 200 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް ފުނަދޫ އަށް ހަދިޔާ ކުރެއްވި ކަމަށާއި، ފުނަދޫގައި މި ސަރުކާރުން ވަރަށް ފުރިހަމަ ނަރުދަމާގެ ނިޒާމަކާއި، ބަނދަރެއް މަރާމާތުކޮށް ހައްދަވައިދެއްވާފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް ފުނަދޫ ދާއިރާގެ އެހެން ރަށް ރަށުގައި ވެސް މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުން ގެންދަވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި މިރޭ ބައިވެރިވެލެއްވި ށ. ފުނަދޫ ދާއިރާއިން އެމްޑީޕީގެ ޓިކެޓްގައި އަތޮޅު ކައުންސިލަށް ކުރިމަތިލައްވާ ޢަބްދުﷲ އަލީ ވިދާޅުވީ އެމްޑީޕީއަށް ދެވޭ ވޯޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމަށް ދެވޭ ވޯޓެއް ކަމަށާއި، މަލްޓި ޕާޓީ ސިޔާސީ ނިޒާމެއްގައި ރައްޔިތުން ރިޔާސީ ނިޒާމެއް ޤަބޫލުކޮށްފައިވާ އިރު، 5 އަހަރުގެ ދައުރަކަށް ރައްޔިތުން ހޮވާފައިވާ ސަރުކާރަށް އެއްބާރުލުންދީ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް މަގުފަހިވާނޭ ގޮތައް އަމަލުތައް ބެހެއްޓުމަކީ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަނެއް ދިވެހިރާއްޖެ ރަށަށް މިނަމުގައި ކޮންމެ ރެއަކު 9.15 ގައި 94.6 ސަންއެފްއެމް މެދުވެރިކޮށް އެމްޑީޕީން ގެނެސްދޭ މި ސިލްސިލާ ދޮޅު މަސް ދުވަސް ވަންދެން ކުރިޔަށް ގެންދާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އިދިކޮޅު ފަރާތްތަކާ ޚިލާފަށް އެމްޑީޕީން ވަރަށް ފޯރިއާއެކު އެޕާޓީގެ ކެމްޕެއިން ކުރިޔަށް ގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މިހާތަނަށް ލ.ގަންފޮނަދޫ، އައްޑޫ ސިޓީ، ފުވައްމުލައް އަދި މާލެ ވިލިނގިލީގައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާތައް ވަނީ ބާއްވާފައެވެ.