އަނެއް ދިވެހިރާއްޖެ ރަށަށް ކެމްޕެއިން: ވިލިމާލޭގައި މިރޭ އާންމު ޖަލްސާ އެއް އޮންނާނެ

20 ޑިސެމްބަރ 2010

– މި ޖަލްސާގައި ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ތައާރަފްކޮށް، އެކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް މިރޭ ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގައި އޮންނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ،

މި ޖަލްސާގައި އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ 11 ކެންޑިޑޭޓުންނާއި މާލޭ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވާހަކަފުޅު ދައްކަވާނެއެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވެސް ވާހަކަފުޅުދައްކަވާނެއެވެ.

މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން މާދަމާރޭ ޖަލްސާ ބާއްވާއިރު، 9 ޑިސެމްބަރ 2010 ވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ “އަނެއް ދިވެހިރާއްޖެ ރަށަށް” ކެމްޕެއިން ރަސްމީކޮށް ވަނީ ފަށާފައެވެ. އޭގެ ފަހުން މިދިޔަ ހަފްތާ ބަންދުގައި ދެކުނު ޕްރޮވިންސްގެ އައްޑޫ ސިޓީ އާއި، ފުވައްމުލަކުގައި ވަނީ އެމްޑީޕީގެ އާންމު ޖަލްސާ ބާއްވާފައެވެ.