ރާއްޖޭގެ ޓުއަރިޒަމް އިޝްތިހާރު ކުރުމުގައި، ތިމާވެށްޓާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހާމަކޮށްދިނުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

20 ޑިސެމްބަރ 2010

green-award-independent1

ރާއްޖެއަށް ޒިޔާރަތްކުރާ ޓުއަރިސްޓުންނަށް ރާއްޖެއިން ވިއްކާ އުފެއްދުމަކީ ރާއްޖޭގެ ތިމާވެށި ކަމަށާއި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަރުވާ ދެމެހެއްޓުމަށް އެންމެ މުހިންމު ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއާއެކު، ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރެއްވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލް ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު، ދުނިޔެއަށް ހާމަކުރެވޭފަދަ ގޮތަކަށް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމުގައިވާ ޕްލޭންހޮޓެލް ރެޒޯޓްސް އެންޑް ހޮޓެލްސް ރާއްޖޭގައި ޙަރަކާތްތެރިވާތާ 20 އަހަރު ފުރުމާއި، އެ ކުންފުނިން ރާއްޖޭގައި ހިންގާ ޑައިމަންޑް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާޒްގައި އަލަށް ޢިމާރާތްކުރި 25 ވޯޓަރ ވިލާ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް، އިއްޔެ އެ ރިޒޯޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެއިތުރުން، ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރައްވާ އިންވެސްޓަރުންނަކީ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، މި ރާއްޖޭގެ ތަރައްޤީގައި، ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކާ އެއްފަދައިން، މި ރާއްޖޭގައި އިންވެސްޓް ކުރައްވާ އިންވެސްޓަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާޒަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އަރިއަތޮޅު ދެކުނުބުރީގައި އޮންނަ މިރިޒޯޓަކީ، 46 ބީޗް ވިލާއާއި، 25 ވޯޓަރ ވިލާއާއި އަދި 5 ގާރޑްން ވިލާ އެކުލެވިފައިވާ ރިޒޯޓެކެވެ.