19 ޑިސެމްބަރ 2010
ޑީއާރުޕީގެ ކެންޑިޑޭޓުން ހޮވާފައިވަނީ މަސްބަހާ އުސޫލުން ކަމަށް އެކެންޑިޑޭޓުން ވިދާޅުވި –
އިބްރާހީމް ރާމިޒް
މެދު އުތުރު ޕްރޮވިންސްގެ އދ. އަތޮޅުގައި، ޚާއްސަކޮށް އެއަތޮޅުގެ ވެރިރަށް މަހިބަދޫގައި ސަރުކާރުގެ ދާއިރާތަކުން ޚިދުމަތް ދިނުން ލަސްވަމުންދަނީ ” ޒިންމާދާރުކަންކުޑަ” ޒިންމާދާރު ވެރިންތަކެއް ތިބުމުގެ ސަބަބުން ކަމަށް މަހިބަދޫ ދާއިރާގެ ކެންޑިޑޭޓުން ވިދާޅުވެއްޖެއެވެ.
ސަންއެފްއެމް އިން މިރޭ 9.15 ގައި ގެނެސްދިން އެމްޑީޕީގެ ” އަނެއް ދިވެހިރާއްޖެ ރަށަށް” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހިބަދޫ ރަށު ކައުންސިލަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް، އދ. މަހިބަދޫ، މާރސް ޢަބްދުﷲ ނަޒީފް ވިދާޅުވީ ސްކޫލް، ހޮސްޕިޓަލް ފަދަ ރައްޔިތުންނަށް ޚިދުމަތްދޭ މުޥައްސަސާތަކުން ދެމުންގެންދާ ޚިދުމަތް އެއަތޮޅުގައި ލަސްވަމުންދާ ކަމަށާއި، އެގޮތަށް ދިމާވަނީ ޒިންމާދާރު ކަމެއްނެތް ޒިންމާދާރު ވެރިން މަޤާމްގައި ދެމިތިބެވޭނޭ ގޮތް ދިމާވުމުގެ ސަބަބުން ކަމަށެވެ.
ނަޒީފް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ހޮވާފައިވަނީ ޑިމޮކްރެޓިކް އުސޫލުން ކަމަށް ވިޔަސް ޑީއާރުޕީން ކެންޑިޑޭޓުން ހޮވާފައިވަނީ އެޕާޓީގެ އެކްޓިވިސްޓުންނަށް މަސްބަހާ އުސޫލުން ކެންޑިޑެންސީ ބަހައިގެން ކަމަށެވެ.
އެމްޑީޕީން މިރޭ މި ފެށި ޕްރޮގްރާމް ދޮޅު މަސް ދުވަސް ވަންދެން ކޮންމެ ރެއަކު ވެސް 9،15 ގައި އޮންނާނޭ ކަމަށް އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން ބުނެއެވެ.
މިރޭގެ ޕްރޮގްރާމްގައި ނަޒީފްގެ އިތުރުން ދެން ބައިވެރިވެވަޑައިގެންނެވީ މަހިބަދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި އދ. މަހިބަދޫ ފިޔާތޮށިގޭ އާދަމް ޒާހިރާއި، ފޮނަދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި، ލ.މާމެންދޫ، ފިތުރޯނު ވިލާ މުޙައްމަދު ޝިޔާމް އެވެ.