19 ޑިސެމްބަރ 2010
އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އާންމު ޖަލްސާ އެއް މާދަމާރޭ ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގައި އޮންނާނޭކަމަށް އެޕާޓީން ހާމަކޮށްފިއެވެ،
މާދަމާރޭ 9 ޖާހާއިރު ފަށާ މި ޖަލްސާއަކީ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ 11 ކެންޑިޑޭޓުން ތައާރަފްކޮށް، އެފަރާތްތަކަށް ތާޢީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން މާލޭ ސިޓީއަށް ކަނޑައަޅުއްވާފައި ހުންނަވާ ކޯރޑިނޭޓަރ (މާލިމީ) އިބްރާހީމް އަޙުމަދު ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ 11 ކެންޑިޑޭޓުންނާއި މާލޭ ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވާހަކަފުޅު ދައްކަވާނެއެވެ. އެގޮތުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވެސް ވާހަކަފުޅުދައްކަވާނެއެވެ.
އެމްޑީޕީ ވެބްސައިޓަށް މި ޖަލްސާއާ ބެހޭ މަޢުލޫމާތު ދެއްވަމުން މާލިމީ އިބްރާހީމް ވިދާޅުވީ ” މި ޖަލްސާއަކީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގަ މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ ފަރާތްތައް ތަޢާރަފްކުރާ ޖަލްސާ ކަމަށްވާތީ މި ޖަލްސާ އަކީ ވަރަށް މުހިއްމު ޖަލްސާއެއް ކަމަށް އަޅުގަނޑު ދެކެނީ. އެހެންވީމަ މި ޖަލްސާއަށް ވީހާވެސް ގިނަ އެމްޑީޕީ މެންބަރުންނާއި، ސަޕޯޓަރުންނާއި، އެމްޑީޕީއަށް ހެޔޮއެދިވަޑައިގަންނަވާ އަދި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދުކުރައްވާ ފަރާތްތަކުން ހާޒިރުވުން ވަރަށް މުހިއްމު” ކަމަށެވެ.
މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން މާދަމާރޭ ޖަލްސާ ބާއްވާއިރު، 9 ޑިސެމްބަރ 2010 ވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީގެ “އަނެއް ދިވެހިރާއްޖެ ރަށަށް” ކެމްޕެއިން ރަސްމީކޮށް ވަނީ ފަށާފައެވެ. އޭގެ ފަހުން މިދިޔަ ހަފްތާ ބަންދުގައި ދެކުނު ޕްރޮވިންސްގެ އައްޑޫ ސިޓީ އާއި، ފުވައްމުލަކުގައި ވަނީ އެމްޑީޕީގެ އާންމު ޖަލްސާ ބާއްވާފައެވެ.