މަޖިލީހުން ބަޖެޓް ކޮށާ މަށާ ނުލައިފިނަމަ ވޭތުވެދިޔަ ސަތޭކަ އަހަރު ފުވައްމުލަކުގައި ނުކުރެވޭވަރުގެ ކެޕިޓަލް އިންވެސްޓްމެންޓް ތަކެއް އަންނަ އަހަރު ފުވައްމުލަކުގައި ކުރެވިގެންދާނެ – ޝިފާޤް

– އަންނަ އަހަރު ދެކުނު ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކްސަމިޓްގެ ކުރިން ފުވައްމުލަކު އެއާޕޯޓް ނިމޭނެ

އިބްރާހީމް ރާމިޒް

shifaq

މިހާރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ކޮށާމަށައި ނުލައިފިނަމަ ވޭތުވެދިޔަ 100 އަހަރު ފުވައްމުލަކުގައި ނުކުރެވޭވަރުގެ ކެޕިޓަލް އިންވެސްޓްމެންޓް ތަކެއް އަންނަ އަހަރު ފުވައްމުލަކުގައި ކުރެވިގެންދާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތަޢާރަފު ކުރުމަށް، ޏ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ރޭ ބޭއްވި އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާގު ވިދާޅުވީ އަންނަ އަހަރު ދެކުނު ޕްރޮވިންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކްސަމިޓްގެ ކުރިން ފުވައްމުލަކު އެއާޕޯޓް ނިމޭނެކަމަށް މީގެ ދެހަފަތާ ކުރިން ރައީސް ނަޝީދު އެމަނިކުފާނަށް ޔަގީންކަން ދެއްވާފައިވާ ކަމުގައެވެ.
ބަޖެޓާ ބެހޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ޝިފާގު ވިދާޅުވީ ބައިވޯޓާ އާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގެ ނަރުދަމާ ނިޒާމު ގާއިމުކުރުމަށްޓަކައި މަގުތައް ކޮނުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށާއި ބަނދަރުގެ ޝީޓްޕައިލްތައް މަތީގައި އަޅާފައި ހުރި ލަކުޑިބެރި ފީވެފައިވާތީ އެތަނުގައި ކޮންކްރީޓް ބެރި އެޅުމަށް އަންނަ އަހަރުގެ ބަޖެޓަގައި ހިމަނާފައި ވަނިކޮށް އެމަނިކުފާނު ދެކެވަޑައިގަތް ކަމުގައެވެ. އަދި ބަނދަރުގެ ޖެޓީ މަރާމަތުކޮށް ރަނގަޅުފެންވަރެއްގެ ފާލަމެއް އެޅުމަށްޓަކައި ހަމިލިއަން ރުފިޔާ އާއި ފެރީޓާމިނަލެއް އެޅުމަށްޓަކައި 12 މިލިއަން ރުފިޔާއާއި މަސްމާރުކޭޓް އެޅުމަށް ބޭނުންވާ ފައިސާ އަދި ކާނުތައް ރަނގަޅުފެންވަރަކަށް ހެދުމަށްޓަކައި ބޭނުންވާ ފައިސާއަށް ބަޖެޓްކޮށްފައި ވާއިރު ފުވައްމުލަކުގެ ގިރާސަރަހައްދު ގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެތައް މިލިއަން ރުފިޔާއަކާއި އާސާރީ ތަރިކަ ދެމެހެއްޓުމަށް ބޭނުންވާ ފައިސާވެސް ބަޖެޓްގައި ޖަހާފައިވާތަން އެމަނިކުފާނު ދެކެވަޑައިގަތް ކަމަށް ޝިފާގު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ހޯދައިދީ ސިޓީ ކައުންސިލެއް ގާއިމުކުމަށްޓަކައި ޝިފާގު މަޖިލީހުގައި ކުރައްވަނުން ގެންދަވާ މަސައްކަތަށް އަލި އަޅުވައިލައްވަމުން ވިދާޅުވީ އެމަސައްކަތަކީ ފުވައްމުލަކުން އެމްޑީޕީ ޓިކެޓްގައި ރަށު އަދި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ 30 ބޭފުޅުންގެ އިސް ނެންގެވުމެއް ކަމުގައެވެ. އެ 30 ބޭފުޅުންނަކީ ރަށަށް ހެޔޮއެދޭ އިޚްލާސްތެރިންކަން މިކަމުންވެސް ދޭހަވާކަމަށާއި އެހެންކަމުން ހުރިހާ ބޭފުޅުންވެސް އެބޭފުޅުންނަށް ވޯޓްދެއްވުމަށް ޝިފާގު ގޮވައިލެއްވިއެވެ. އަދި ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ކުރާމަސައްކަތް ކާމިޔާބުވަންދެން ކުރިއަށް ގެންދަވާނެކަމަށްވެސް ޝިފާގު ވިދާޅުވިއެވެ.
އެމްޑީޕީގެ އާންމު ގިނަ މެމްބަރުންތަކެއް ހާޒިރުވި ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކުވެސް ވިދާޅުވެފައި ވަނީ ފުވައްމުލަކުގެ އެއާޕޯޓް ސާކްސަމިޓްގެ ކުރިން ނިމޭނޭކަމުގައެވެ. އަދި ފުވައްމުލަކަށް އެންމެ އެކަށީގެންވަނީ ސިޓީ ކައުންސިލެއްކަމަށް ވިދާޅުވެ އާދަމް މަނިކު ރޭ ވާހަކަދެއްކެވިއެވެ.
އެމްޑީޕީ ޓިކެޓްގައި ފުވައްމުލަކު އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފު ކުރެވުނު މިޖަލްސާގައި ޝީފާގު އާއި އާދަމްމަނިކުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓްފޯރ ފިނޭންސް އެންޑް ޓްރެޜަރީ އަސްލަމް ޝާކިރާއި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާއި އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެބްބަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ އިބްރާހިމް ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދައިރާގެ މެމްބަރު އީވާއަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު އަދި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒް ވާހަކަ ދެއްކެވިއެވެ. މިހުރިހާ ބޭފުޅުންގެ ވާހަކާގައިވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓުދިނިމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވައި އެބޭފުޅުންނަށް ވޯޓު ދެއްވުމަށް ގޮވާލައްވާފައިވެއެވެ.