މެންބަރުންގެ ޚިޔާލު: ރައްޔިތުންގެ ޙައްޤު ނިގުޅައި ގަނެވިފައި!!!

ފުނަމާ

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 4 ވަނަ މާއްދާ ބައްލަވާ ލައްވާށެވެ. ( ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.) މައް ދިވެހި ބަހުން އެބުނާ އެއްޗެއް ރަނގަޅަށް ސާފުވޭ ދޮގެއްތޯއެވެ.
މިހާރު އަމަލު ކުރެވެމުންމިދާ ޤާނޫނު އަސާސީ ހަދަމުން ދިޔައިރު ނުވަތަ ނޫޤާނޫނު އަސާސީ އިސްލާހު ކުރެވުނުއިރު އެންމެ ބޮޑަށް އުފެދުނު ސުވާލަކީ ރާއްޖޭގައި އޮންނާނީ ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ؟ އުފެދުނު ސުވާލެވެ. އެމްޑިޕީ އިން ބުނަމުން ގެންދިޔައީ ރާއްޖޭގައި އޮންނާން ވާނީ ބަރުލަމާނީ ނިޒާމެއް ކަމުގައެވެ. ނަމަވެސް އެހެން ސިޔާސީ ޕާޓީތަކުން ހަރުއަޑުން ގޮވަމުން ގެންދިޔައީ ރާއްޖޭގައި އޮންނާންވާނީ ” ފުރިހަމަ ރިޔާސީ ނިޒާމެއް ” ކަމުގައެވެ. އަދި އެއިރު ރާއްޖޭގައި އޮތް އެންމެ ބޮޑުޕާޓީއާއި ދީނީ ޖަމާއަތް ތަކުން ” ބަރުލަމާނީ ނިޒާމަކީ ” އިސްލާމްދީނާވެސް ޚިލާފު ނިޒާމެއް ކަމުގައި ރައްޔިތުންނަށް ވިސްނައި ދެމުން ގެންގޮސްފައި ވެއެވެ. މާޒީއަށް ޖެހިލައްވައި ހަނދާން އާކޮށްލައްވާށެވެ. އެނގިވަޑައި ގަންނަވާނެއެވެ.
ބަރުލަމާނި ނިޒާމާ ދެކޮޅަށް ވަކާލާތު ކުރެއްވި ފަރާތްތަކުން އެނިޒާމުގައި ސަރުކާރުގެ ވެރިޔާ ނުވަތަ ބޮޑުވަޒީރު އައްޔަން ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ ރުހުމާ ނުލައި މަޖްލީހުގައި ތިއްބަވާ މެންބަރުންގެ އެކަނި ރައުޔައް ކަމުގައި ވިދާޅުވަމުން ގެންދެވިއެވެ. އަދި މިގޮތައް އެނިންމާ ނިންމުމަކީ މުޅި ރައްޔިތުންގެ ބަހެއް އޮވެގެން ނިންމާ ނިންމުމަކަށް ނުވާތީ އެކަމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމުގައި އަޑަށް ބާރުލައި ވިދާޅުވަމުން ގެންދެވިއެވެ. އަދި ހަމަ އެހެންމެ ވަޒީރުން މަޖްލީހުގައި “ތަންއޮތްތާ ފަންއަޅައިގެން” މަސައްކަތް ކުރައްވާން ޖެހުމުން ސަރުކާރުގެ ވުޒާރާތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ތަކަށް ބުރޫ އަރާނެ ކަމުގައި ވިދާޅުވެ ބަރުލަމާނީ ނިޒާމުގެ ގޯސްސިފަތައް ހާމަކުރައްވަމުން ގެންދެވިއެވެ. އަދި “ދެއިރުކާ ބޭހެއްހެން” ބޮޑުވަޒީރު ހޮވާން ޖެހޭނެތީވެ މަލާމަތް ކުރަމުން ގެންދިޔައެވެ.
ސުވާލަކީ މިއަދު ރައްޔިތުންގެ މަޖްލީހުން ނިންމާ ކޮންމެ ނިންމުމަކީ އެބުނާފަދަ (މުޅި ރައްޔިތުންގެ ބަހެއްނެތި ނިންމާ) ނިންމުމެއް ކަމުގައި އެމަޖްލީހުގެ ބޭފުޅުން ދެކިވަޑައި ގަންނަވާބާވައެވެ. އަދި ވަޒީރުން މަޖްލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް އަބަދު ހިފަހައްޓަވާންޖެހުނަސް ވުޒާރާތަކުގެ ކިދުމަތަށް ބުރޫ ނާރާނެ ކަމުގައި ދެކިލައްވާބާވައެވެ. މިއަދު އަޑަށް ބާރު ލައްވާފައި ރައްޔިތުންގެ މަޖްލީހުގެ މެންބަރުން އެވިދާޅުވަނީ އެމަޖްލީހުން ނިންމާ ނިންމުންތަކަކީ ސީދާ ރައްޔިތުން ނިންމާ ނިންމުން ކަމުގައެވެ. ޤާނޫނު ހެދުމުގެ އެންމެހާ ބާރުތައް ޤާނޫނު އަސާސީއިން އެމަޖްލީހަށް ދީފައި އޮތްކަމާމެދު އަޅުގަނޑު ދެކޮޅެއް ނުހަދަމެވެ. އެހެނަސް މުޅި ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރެވޭ ރައީސުލް ޖުމްހޫރިއްޔާއާއި ރާއްޖޭގެ އިދާރީ ދާއިރާއަކުން ލިބިވަޑައި ގަންނަވާ ބައިކުޅަބައި ވޯޓަކައިގެން ހިންދަމާ ލައްވާ ރައްޔިތުންގެ މަޖްލީހުގެ މެންބަރަކާ އަޅާނުކިޔޭނެކަމަށް ބައެއް ބޭފުޅުން އެއްބަސްވެ ވަޑައި ގަންނަވާނެ ދޮގެއްތޯއެވެ.
ކޮންމެއަކަސް ރާއްޖެގައި އޮންނާން ފެންނަ ނިޒާމަކާ މެދު އޭރުގެ މަޖްލީހުގައިވެސް ބަހުސްތައް ދިގުވެ ގޮތެއް ނުނިންމިގެން އެންމެފަހުން އެކަމަށް ބަހެއް ބުނާން ހަވާލުކުރީ އޭރު އަމަލު ކުރެވެމުންދިޔަ ސަތާރައަހަރުގެ ” ފުރިހަމަ” ޤާނޫނު އަސާސީގައިވެސް ދައުލަތުގެ އެންމެހާ ބާރުތަކުގެ ވެރީން ކަމުގައި ބަޔާންކޮށްފައިވާ ދިވެހި ރައްޔިތުންނާއި އެވެ. ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތަކުން ބުނެ ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގައި އޮންނާންވާނީ ” ފުރިހަމަ ރިޔާސީނިޒާމެއް” ކަމުގައެވެ. އެހެންކަމުން މިޤާނޫނު އަސާސީގައި އެނޫން ނިޒާމަކަށް ބުރަވާނެ އެއްވެސް މާއްދާއެއް ލިޔެ އަމަލު ކުރާނަމަ އެވެވެނީ ދިވެހި ރައްޔިތުންނަށް ޚިޔާނާތެކޭ މީހަކު ބުނެފާނެ ދޮގެއްތޯއެވެ.
ރާއްޖޭގައި ގާނޫނު އަސާސީ މާނަކުރުމުގެ ބާރު ޤާނޫނު އަސާސީއިން ދީފައިވަނީ ރާއްޖޭގެ ކޯޓުތަކަށެވެ. އަދި އޭގެތެރޭންވެސް އެންމެ ބޮޑު އިޚްތިޔާރެއް ދެވިފައިވަނީ ސްޕްރީމް ކޯޓަށެވެ. އެކޯޓުގެ ނިންމުމަކާ އިދިކޮޅަށް ގޮތެއް ނިންމާނެ ބަޔަކު ކަނޑައަޅަފަކާ ނެތެވެ. އެކަމަކު މުޅި ދައުލަތުގެ އެންމެހާ ބާރުތައް ރައްޔިތުންގެ އަތުގައި ގާއިމްވެ އޮންނާނެއެވެ. ނިގުޅައެއް ނުގަނެވޭނެއެވެ.
ވިއިރު އުފެދޭ ސުވާލަކީ ދައުލަތުގެ ވެރީންނާއި ޚިލާފަށް ހަދާފައިވާ ޤާނޫނު އަސާސީ އަކަށް އަމަލު ކުރެވެނީ ކީއްވެ ބާވައެވެ. ރަނގަޅެވެ. ކޮންމެ މީހަކީ ޤާނޫނު މާނަ ކުރާން އެނގޭ މީހަކަށް ނުވެދާނެއެވެ. އަދި ގާނޫނެއް ފާސްވާއިރު އެގާނޫނެއް އެއޮތީ ރިޔާސީ ނިޒާމުގެ ސިފައެއް އުނިވެފައިކަން އެފާސްކުރާ މީހުންނަށްވެސް ނޭނގިދާނެއެވެ. އެހެން ނަމަވެސްޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޤާނޫނު އަސާސީ މާނަކުރާ އެންމެ އިސްފަރާތުން ވިދާޅުވާ އެއްޗެއް ޤަބޫލު ކުރާން ޖެހޭނެތާއެވެ.
ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް އާންމު ޤާނޫނެއް ނެހެދޭނެ ކަމަށާ ޤާނޫނެއްގެ ބަޔެއްވިޔަސް ޤާނޫނު އަސާސީއާ ޚިލާފުވާނަމަ އެޚިލާފުވާ މިންވަރެއް ބާތިލް ވާނެ ކަމުގައި ބުނެއެވެ. އެހެނަސް ދައުލަތުގެ އެންމެހާ ބާރުތަކުގެ ވެރީން ކަމުގައި ޤާނޫނު އަސާސީ އެބުނާ ދިވެހި ރައްޔިތުންގެ ރައުޔާ މުޅީން ޚިލާފަށް ހަދާ ޤާނޫނު އަސާސީގައި ލިޔެފައިވާ މާއްދާތަކުގެ ” ވެލިޑިޓީ” އާއިމެދު ދެކިވަޑައި ގަންނަވަނީ ކިހިނެއްތޯއެވެ. އަދި މިއަދު ހާމަވަމުން މިދަނީ އޭރުގެ ރައްޔިތުންގެ ޚާއްސަ މަޖްލީހުން ފާސްކުރި ފާސްކުރުން ތަކާމެދު ސުވާލު އުފެދޭ ގޮތައް ބައެއް މާއްދާތައްވެސް ލިޔެފައި ވާކަމެވެ.
މިހާރު މިއަމަލު ކުރެވެމުންދާ ޤާނޫނު އަސާސީ އެކުލަވާލައި ފާސްކުރެވުނީ ކޮންކަހަލަ މާހައުލެއްގައި ކަމާ އަދި އިންތިޤާލީ މަރުހަލާ ނިމިގެން ދިޔައީ ކިހިނެއްކަންވެސް އަޅުގަނޑުމެންނަށް އެނގޭ ދޮގެއްތޯއެވެ. ލައިނުގަނެގެން ވަކި ތާރީޚަކަށް ނިންމާން ތެޅިފޮޅިގަނެގެން ޤާނޫނު އަސާސީ ލިޔެ ފާސްކޮށް ރެޔާދުވާލު ނުނިދައި ތިބެގެން ” ކުރުގަޅުވާލައި ” ނިންމާލި ޤާނޫނު އަސާސީ ތަސްދީގު ކުރެވުނީވެސް މިފަދަ ހާލަތެއްގައެވެ. ރައްޔިތުން އެދުވަހުވެސް ތިބީ އަޑުއަރުވަމުން ގެންދިޔަ ” އެފަދަ ދެވަނައެއްނުވާ ” ޤާނޫނު އަސާސީގެ ” ފޮނިމީރުކަން ” އަވަހަށް ލިބިގަންނާން ކެއްތެރިކަން ކޮޅުންލާފައެވެ. ގިނަބަޔަކު ކެއްތެރި ކަމެއް ނެތި އިންތިޒާރުކުރީ އޭރުއޮތް ޚޮދުމުޚުތާރު ވެރިކަމަށް ބަދަލެއް އަންނާނީ މިޤާނޫނު އަސާސީ ތަސްދީގު ކުރެވިގެން ކަމުގައި ވާތީވެ އެދުވަސް ދުށުމަށެވެ. ކަންވީވެސް އެހެންނެވެ. މިޤާނޫނު އަސާސީގެ ސަބަބުން އެއަނިޔާވެރި ވެރިކަމުގައި ސިއްކަ ޖެހިގެން ދިޔައީއެވެ. ނަމަވެސް ޤާނޫނު އަސާސީގެ ދެފޮޅުވަތް ދޭތެރެއިން ” އައު ޤާނޫނޭ ، ބައު ޤާނޫނޭ ” ކިޔަމުން ކުރީގެ ވެރިމީހާވެސް ” ބިކުރުވެރިއަކަށް” ބަދަލުވެގެން ވެރިކަމަށް ފައިނެގިއެވެ. އެހެނަސް ތަޤްދީރުގެ ނިޔާފުޅު ބަދަލެއް ނުކުރެވުނެވެ. ރޫއަރާފައިވާ ” ބާމޫނަށް ” ދިވެހީން ނޫނެކޭ ބުނެ ސިއްކަ ޖަހައިފިއެވެ.
ދިވެހި ރާއްޖޭގައި މިއަދު އޮންނާން ޖެހޭނީ ޝައްކެއްވެސް ނެތް ގޮތުގައި ” ފުރިހަމަ ރިޔާސީ ” ނިޒާމެކެވެ. މިކަމާ ދެކޮޅަށް ” ފުރިހަމަތޯ ނޫންތޯ” ސުވާލުކޮށް ބަހުސަކަށް ދާން ޖެހޭނެ ކަމަކަށް ނުދެކެމެވެ. އެނޫން ގޮތަކަށް އެއްވެސް ކަމެއްގައި އަމަލު ކުރާނަމަ އެވެވެނީ ރައްޔިތުންނަށް ވެވޭނެ އެންމެބޮޑު ޚިޔާނާތެވެ. މިއަދު ޤާނޫނުއަސާސީ މާނަކުރައްވާ އެންމެ އިސް ފަރާތުން ރާއްޖޭގައި މިއޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް ނޫނޭ ” މަސްހުންޏޭ، ސަޓަންޏޭ ” ވިދާޅުވާނަމަ އެންމެ އަވަހަށް ކުރައްވާން ޖެހޭނެ ކަމަކީ މަސްހުންޏާ ސަޓަނީގައި ލާރަހަ ފިލުވައި ލައްވައި ” ފުރިހަމަ ރިޔާސީ ނިޒާމަކަށް ” ރާއްޖޭގެ ޤާނޫނު އަސާސީ ބަދަލު ކުރުވުމަށް ބާރު އެޅުއްވުމެވެ. ނޫންނަމަ ޤާނޫނު އަސާސީގައި އެބުނާ ” މަސްހުންޏާ ސަޓަނި ” ހުރިނަމަ އެބައި ވަކިކޮށް ނަގައި އުކާލުމެވެ. ނޫންނަމަ ބުނެވޭނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް އެބައެއްގެ އަތްމަތީގައިއޮތް ދިވެހި ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތައް މިވަނީ ނިގުޅައި ގަނެފައި ކަމުގައެވެ.