އެމްޑީޕީގެ ކެމްޕެއިން ޖަލްސާތައް ފޯރިއާއެކު ކުރިޔަށް އެބަދޭ

– ރޭ އައްޑޫ ސިޓީގައި ޖަލްސާ ބޭއްވި އިރު، މިރޭ ފުވައްމުލަކާއި، ނަސަންދުރާގައި އެމްޑީޕީގެ ޖަލްސާ އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެމްޕެއިން ޖަލްސާތައް ވަރަށް ފޯރިއާއެކު ކުރިޔަށްދާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން މައުލޫމާތުދިން ގޮތުގައި އެޕާޓީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ 6 ބޭފުޅުން ތަޢާރަފްކޮށް، އެބޭފުޅުންނަށް ތާޢީދު ހޯދުމަށް ރޭ އައްޑޫ ސިޓީގެ މުހިއްބުއްދީން ސްކޫލުގައި ޚާއްސަ ޖަލްސާ އެއް ބޭއްވިއެވެ. އަދި މިރޭ ފުވައްމުލަކު ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީންބުނެއެވެ. މި ޖަލްސާތަކުގައި އެމްޑީޕީގެ ޗެއަރޕާސަން އާއި، ޑރ.ޑީޑީ އާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ސަރަނގު އާދަމް މަނިކުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން ގައްދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން މިރޭ އެދާއިރާއިން އިންތިޒާމްކޮށްގެން ބާއްވާ ޙަފްލާއެއް ނަސަންދުރަ ޕެލަސް ހޮޓަލުގައި އޮންނާނެއެވެ.
މި ޖަލްސާތަކުގެ އިތުރުން ވެސް ކުރިޔަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި އެޕާޓީގެ އިސް ވަފްދުތައް އެކި ޕްރޮވިންސްތަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.