މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިޞްލާޙު ވެގެންދިޔައީ، ސަރުކާރުގެ ކާމިޔާބީތަކަށް ހުރަހެއް ގެނައުމުގެ ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

17 ޑިސެމްބަރ 2010

މާލިއްޔަތު ޤާނޫނުގެ ފުރަތަމަ އިޞްލާޙު ވެގެންދިޔައީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަމުން މި އައި މިންވަރާއި، ހަލުވިކަމާއި އަދި ކާމިޔާބު ލިބެމުން އައި އައުމަށް ހުރަހެއް ގެނައުމުގެ ހަތިޔާރެއްގެ ގޮތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް އަމަލުކުރަށް ފެށުމުން، އިޖްތިމާޢީ ރައްކާތެރިކަން ދޭންޖެހިފައިވާ ބަޔަކަށް ދައުލަތުގެ ފަރާތުން ކުރީއްސުރެ ދެމުންއައި އިނާޔަތްތަކާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެ ކަމެއް ކަމުގައި ފާހަގަކުރައްވައި، ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ސަބްސިޑީފަދަ ޙިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވިދާނެ ކަމުގައި އެ ކޯޓުން އިއްޔެ ނިންމަވާފައިވަނިކޮށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލިއްޔަތު ޤާނޫނަށް ހުށަހެޅުނު ފުރަތަމަ އިޞްލާޙުގެ ސަބަބުން ސަރުކާރުން ދެމުން ގެންދިޔަ ކިތަންމެ ޚިދްމަތެއް ނުދެވޭގޮތްވެ، އަދި ސަރުކާރުން ހިންގަމުން ގެންދިޔަ އެތައް ޕްރޮގްރާމެއް ނުހިންގޭގޮތް މެދުވެރިވީސް ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އެންމެބޮޑު އެއް ސަބަބަކީ، އެޤާނޫނުގައި ބުނެފައިވާ ކަންތައްތަކަށް އެ ޤާނޫނުގައި ބުނެފައިވާ ޤާނޫނުތައް ފާސްވުމުގެ ކުރިން، އެޤާނޫނަށް ޢަމަލުކުރުމަށް ފާސްވެ، އަދި ނިމިފައިވާކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާއިން ފާސްކުރެއްވި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުނުކުރައްވައި މަޑުކުރައްވާފައިވަނިކޮށް، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އިންސާނީބާރު ނުފޯރާފަދަ، އިޚްތިޔާރުންބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ރައްޔިތުންގެ މަޖިލީހުން ދެވަނަފަހަރަށް ފާސްވެގެން ފޮނުވާ ބިލުތައް ލަސްކުރުމަކާނުލައި ތަޞްދީޤުކުރަންވާނެ ކަމަށް އެކޯޓުން ޙުކުމް ކުރައްވާފައިވާތީ، މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލު ތަޞްދީޤުކުރައްވާފައެވެ.

އެހެންނަމަވެސް، މި ބިލު ޤާނޫނަކަށްވުމުން ވަރަށް ގިނަ ޤާނޫނީ މައްސަލަތައް އުފެދޭނެ ކަމަށް ފާހަގަކުރައްވައި އެ ޤާނޫނުގެ ބައެއް މާއްދާތައް އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ހުށަހެޅުއްވިއެވެ. ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނުތައް ފާސްވަންދެން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކަށް ޢަމަލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެއްވުމަށްވެސް ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ހުށަހެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ފަޤީރުންގެ ގޮތުގައި ތިބި ރާއްޖޭގެ ވަރަށްގިނަ ޢަދަދެއްގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަމެއް ހޯދައިދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވަން ފެށްޓެވި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި ވިޔަފާރީގެ އުޞޫލުން ހިންގޭންހުރި މަސައްކަތްތައް ސީދާ ވިޔަފާރީގެ އުޞޫލުން ހިންގުމަށް ދޫކޮށްލުމުގެ ސިޔާސަތުގެ ސަބަބުން، ސަރުކާރުގެ ހިންގުމާއި، ވިޔަފާރި ކުރިއަރާ މިންވަރާއި، ރާއްޖޭގެ ތަރައްޤީ ކުރިއަރައިގެން ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް، އިޖްތިމާޢީ ރައްކާތެރިކަމާއި އަދި އިޤްތިޞާދީ ދުވެލީގައި ސަރުކާރަށް ކުރި ލިބޭން ފެށުމުން، ބައެއް ސިޔާސީ ވާދަވެރިން ދެކެވަޑައިގަތީ، އެއީ ރައްޔިތުންނަށާއި ޤައުމަށް ލިބޭ ލާބައެއްގެ ގޮތުގައެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.

“ބައެއް ބޭފުޅުން ބޮޑަށް ދެކެވަޑައިގަތީ، މިފަދަ ކާމިޔާބު ސިޔާސަތުތައް ހިނގާން ފަށައިފިނަމަ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ލޯބި ސަރުކާރުގެ މައްޗަށް ލިބެމުން އަންނަ މިންވަރު، ދުވަހެއް ދުވަހަކަށް ބޮޑުވެގެންދާނެ ކަމަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.