މި ރޭ އައްޑޫ ސިޓީ ގައި އަދި މާދަމާރޭ ފުވައްމުލަކުގައި އެމްޑީޕީގެ ޖަލްސާތައް ބާއްވާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަލްސާ އެއް މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ ފުވައްމުލަކުގައި އޮންނާނެއެވެ.
އައްޑޫ ސިޓީ ގައި މިރޭ ބާއްވާ އެމްޑީޕީގެ ޖަލްސާ އޮންނާނީ ހިތަދޫ މުހިއްބުއްދީން ސްކޫލްގައެވެ. އަދި މާދަމާރޭ ފުވައްމުލަކުގައި ބާއްވާ ޖަލްސާ އޮންނާނީ ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
މި ޖަލްސާތަކަކީ ދެކުނު ޕްރޮވިންސްގެ ކައުންސިލްތަކަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުން ތަޢާރަފްކޮށް، އެފަރާތްތަކަށް ތާޢީދު ހޯދުމަށް ބާއްވާ ޖަލްސާތަކެއް ކަމަށް އެމްޑީޕީން ބުނެއެވެ.
މި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ އިތުރުން، ޑރ.ޑީޑީ އާއި، މާލޭ މުނިސިޕަލްޓީގެ ރައީސް އަދި މައްޗަންގޮޅި ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ސަރަނގު އާދަމް މަނިކާއި، އެމްޑީޕީގެޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މިއަދު މެންދުރު ފުރާވަޑައިގަންނަވާނެއެވެ.
އައްޑޫ ސިޓީ ކައުންސިލަށް އެސިޓީގައި ހިމެނޭ 6 ދާއިރާއިން ކޮންމެ ދާއިރާއަކުން އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަކުރައްވާއިރު، ފުވައްމުލަކުގެ ކައުންސިލްތަކަށް އެމްޑީޕީގެ 30 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ ފުވައްމުލަކުގެ 8 އަވަށުންކުރެ ކޮންމެ އަވަށަކުން އެމްޑީޕީގެ 3 ކެންޑިޑޭޓަކާއި، އެރަށުގެ އިދާރީ 3 ދާއިރާއިން ކޮންމެ ދާއިރާއަކުން 2 ކެންޑިޑޭޓުންނެވެ.
މިއަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް އިންތިޚާބުކުރާނީ ޖުމްލަ 6 މެންބަރުން ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށަކުން 3 މެންބަރުންނާއި، ކޮންމެ ދާއިރާއަކުން 2 މެންބަރުން އިންތިޚާބު ކުރާނެއެވެ.