މެންބަރުންގެ ޚިޔާލު: މާޒީއަށް ކަޅިއެއްލަމާތޯ!!

ފުނަމާ

ދިވެހި ރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކަށް ކަޅހިންގާލާއިރު ދިވެހި ރައްޔިތުންނަށް އެބައެއްގެ ފަރާތުން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ކޮންބައެއްގެ ފަރާތުންތޯ ދިވެހި ރާއްޖޭގެ ކުޑަކުއްޖަކާ ސުވާލު ކޮށްލިޔަސް އެބަޔަކީ ޕޯޗުގީޒުންނޭ ބުނާނެކަން ޔަޤީނެވެ. ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ ރާއްޖޭގެ ކީރިތި މަހާރަދުންގެ މަޤާމުގައި ހުންނެވި އަލިރަސްގެފާނުން ޝަހީދުކޮށް ދިވެހި އެތަކެއް ރައްޔިތުން ހަނގުރާމައިގެ މައިދާނުގައި ކަތިލައި އުކާލައި ރާއްޖެ އަޅުވެތިކޮށް ރާއްޖޭގެ އޭރުގެ މުއްސަނދިކަން ރާއްޖެއިން ބޭރުކޮށް އެތަކެއް އަންހެން ދަރީންގެ އިއްފަތްތެރިކަން ރޯމާދުވާލު މަގުމަތީގައި ފެލާލައި އެކަމާ ނުރުހުމުގެ ބަހެއް ބުނެލި ކޮންމެ މީހަކު ޝަހީދުކުރަމުން ދިވެހީންގެ އެތަކެއް މީހުންގެ ކަރަށް ގަދަކަމުން ރާއެޅި ޕޯޗުގީޒުންގެ ވާހަކައަކީ ރާއްޖޭގައި ލިޔެވިފައިވާ ފަތްފުށްތަކުން ފެންނާންހުރި ވާހަކަތަކެވެ. މިޔަކީ ފުލޯކު ވާހަކައެއް ނޫނެވެ.
މަލާބާރީންނާއި ހޮޅީންގެ އަނިޔާވެރިކަމާ ފޭރުމުގެ ވާހަކަތަކަކީވެސް ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި އޮންނާނެ ވާހަކައެއް ނޫނެވެ. ރާއްޖޭގެ މިނިވަންކަން ނަގައިލުމުގެ އިތުރުން ރާއްޖެއައިސް ރަށްރަށަށް އަރައި މުދަލާއި ޒުވާން ފިރިހެނުންނާއި އަންހެނުން އަޅުންގެ ގޮތުގައި ގެންދިޔަ ވާހަކަތަކަކީވެސް ފުލޯކެއް ނޫނެވެ. މިފަދަ ފޭރޭ މީހުންގެ ފަރާތުން ޒުވާނުން ސަލާމަތް ކުރުމަށް ކުރާނެ ނުކުރާނެ ކަމެއް ނޭނގި ރަށްރަށުގެ ވަލުތެރޭގައި ވަޅުކޮނެ އެވަޅަށް ޒުވާން އަންހެނުންނާއި ފިރިހެނުންގެ އިތުރުން ހިފާގެންގުޅޭ އެއްޗެތި އަޅައި މަތީގައި ފިލާއަޅައި ފަސްލައި ބަންދުކޮށް ފޭރޭމީހުން ރަށަށްއަރައި ތިންހަތަރު ދުވަސްވެފައި ފުރައިގެން ދިއުމުން އެމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވީ ކަމުގެ އުފަލުގައި ގޮސް ވަޅުކޮނެ ބަލާއިރު ފޮރުވަންލީ ހުރިހާމީހުން މަރުވެފައި ވާތީވެ ފަސްލައި ބައްދާލެވިފައިވާ ކަމުގައިބުނާ ތަންތަން ރާއްޖޭގައި ފެންނާން އެބަހުއްޓެވެ.
މިއަދު އަޅުގަނޑުމެން މިހެންތިބެ މިފަދަ ވާހަކައެއް އަޑުއަހާލާއިރު ނުވަތަ ދައްކާލާއިރު މާބޮޑު އަސަރެއް ނުކޮށްފާނެއެވެ. ރާއްޖޭގެ ފިލްމީ ސިނާއަތު މިހާތަނަށް ކުރިއަރާފައިވާއިރުވެސް މިފަދަ ހާދިސާތައް ފުރިހަމަޔައް ދައްކުވައިދޭ ފިލްމު ތަކެއްވެސް ހެދިފައި ނެތުމާ އަދި ކުޑަގޮތަކަށް މިފަދަ ހާދިސާ ތަކާ ގުޅޭ ގޮތުން މަދު ތަމްސީލްތަކެއް ކުރެވިފައި ވީނަމަވެސް އޭގެ ފުރިހަމަ އަސަރުތަކެއް މިއަދުގެ ދިވެހީންނަކަށް ފަހުމްވާ މިންވަރަށް ދައްކައި ދެވިފަކާ ނުވެއެވެ.
ދިވެހީންނަކީ އަބަދުވެސް މިނިވަންކަމާއިއެކު މާބޮޑު ގަޑުބަޑަކާ ނުލައި ދިރިއުޅޭން ބޭނުންވާ އަދި އަބަދުވެސް އެއޮންނަ ދިރިއުޅުމަކައިގެން ފުއްދާލައިގެން ދިރިއުޅޭ ހިއްވާ އެހެން ނަމަވެސް ލިބިފައިވާ މަދު ވަސީލަތްތަކައިގެން ކުރިއަރައި ދިއުމަށް މަސައްކަތް ކުރާ ހީވާގި މުރާލި އަދި ހަމައެހެންމެ ހިންހެޔޮ ބައެއްގެ ގޮތުގައި މާކުރީ ޒަމާނުގައި ރާއްޖެއަށް ދަތުރު ކުރެއްވި ސައްޔާހުންވެސް ލިއުއްވާފައި ވެއެވެ. ރާއްޖެއަށް އަންނަ ބިދޭސީންނާ މެދުވެސް ރާއްޖޭގެ ރައްޔިތުންނަކީ މެހެމާންދާރީ އަދާކުރުމުގައި ހިތްހެޔޮ ބަޔެކެވެ.

ރާއްޖޭގެ ރައްޔިތުން މީގެ އެތަކެއް ގަރުނު ކުރީން ވަނީ އިސްލާމްދީންއަށް ތަބާވެފައެވެ. ރާއްޖެ އިސްލާމް ވުމާގުޅިފައިވާ ތަފާތު ވާހަކަތައް ދެކެވިފައި ވީނަމަވެސް ތާރީޚީ މާބޮޑު ހޯދުންތަކެއް މިއަދާ ހަމަޔަށްވެސް ހޯދިފައި ނުވެޔޭ ދެންނެވި ދާނެއެވެ. ހޯދިފައިވާ ހޯދުންތަކެއް ހުރިނަމަވެސް މާބޮޑަކަށް މިކަން އާންމު ކުރެވިފަކާ ނެތެވެ. ފ. އަތޮޅު ނިލަންދޫގައި އިސްލާމްދީނަށް މީހުން ވެއްދުމަށްޓަކައި އޭރުގެ ފެންވަރުގައި ހަނގުރާމައެއްވެސް ކުރެވިފައިވާކަމުގައި ދޫދޫ މަތީން ދެކެވެއެވެ.
ދުނިޔޭގައި އިސްތިއުމާރުގެ ބާރުފެތުރި ބާރުދެރަ ގައުމުތައް އަޅުވެތި ކުރެވެމުން ދިޔައިރު މިފަދަ ބާރުތަކުން ސަލާމަތް ވުމުގެ ބޭނުމުގައި ރާއްޖޭގެ ރައްޔިތުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިގު މުއްދަތަކަށް އޮތެވެ. އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަންވެ ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހިގެން ގޮސްފައިވަނީ ވިހިވަނަ ގަރުނުގެ ތެރޭގައެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ވީފަހުންވެސް ރާއްޖޭގެ ބައެއް ބިންތައް އިނގިރޭސީންނާއި ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެމީހުންގެ ބާރުގެ ދަށުގައި އޮތެވެ. އެއިރަކު އެޔަކީ ވިއްކާލި ތަންތަން ކަމުގައި ބުނަމަކުން ނުދެއެވެ. އިނގިރޭސީން ރާއްޖެ ދޫކޮށް މުޅީން ދިޔައީ އައްޑުއަތޮޅު ގަމުގައި އެމީހުން ހަދާފައިއޮތް ވައިގެ ބަނދަރާ އަދި އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ތަކެތި ދޫކޮށްފައެވެ. އެތަކެތި ލިބުނީ ދިވެހި ރައްޔިތުންނަށެވެ. މިއަދު އައްޑޫގައި އެއޮތް ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކީ އިނގިރޭސީން އެތަނުގައި ގާއިމްކުރި ވައިގެ ބަނދަރެއްކަން ދިވެހީން އަދި ހަނދާނެއް ނުނެތެއެވެ.
އިނގިރޭސީން އައްޑު އަތޮޅުން ފައިބައިގެން ދިއުމުން އެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން ގިނަ ތަކެއްޗަށް ވީނުވީއެއް ނޭނގުނެވެ. އަދި ބޭނުންހިފޭ މުހިންމު ތަކެތި މާލެގެނެވި އަދި އޭރުވެސް ބައިނަލް އަޤްވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ބޭނުން ކުރެވޭންއޮތް ވައިގެ ބަނދަރުވެސް އައްޑޫގެ ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރިޔަނުދީ ކިތައް އަހަރު އޮތްތޯ މިއަދު ސުވާލު ކުރާކަށް ނުޖެހެއެވެ.
އިނގިރޭސީންގެ ތެރެއިން އައްޑުއަށް ފައިބައިތިބި ގިނަ މީހުންނަކީ އޭރުގެ ބަހުންނަމަ ފަރަންޖީންނެވެ. އެކަމަކު އައްޑޫގެ ރައްޔިތުންނާ އެމީހުންނާއިމެދު ގާއިމް ކުރެވިފައިއޮތީ ބަދަހި ގުޅުމެކެވެ. ގިނަ އިނގިރޭސީންނަކީ މުސްލިމުންކަމުގައި ނުވާތީވެ އަދި އެއިނގިރޭސީންނަކީ އެއިރު އެމީހުން އަޅުވެތިކޮށްފައިވާ ބައެއް އިސްލާމީ ގައުމުތައްވެސް އަޅުވެތި ކުރުމުގައި ސީދާ ބައިވެރިވާ މީހުންކަމުގައި ވީނަމަވެސް ދިވެހީން އެކަމަކާ މާކަ ކަންބޮޑުވެ އުޅުނު ކަމަކަށް ނުވެއެވެ. އަދި އެއިރު ސަރުކާރުން އައްޑޫއާއި ހުވަދޫގެ ރައްޔިތުންނަށް ދުއްތުރާތަކެއް ކުރާކަމުގައި ބުނެ ދިވެހި ސަރުކާރުގެ ދަށުން ވަކިވެ ގަތުމުގައި ފަރަންޖީންގެ މަދަދު ހޯދިކަމުގައި ތާރީޚު ބުނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިނގިރޭސި ތައުލީމު އާންމުވީ ދުވަސްވަރު ނަސޯރާ ދީނާބެހޭ ބައެއް ފިލާވަޅުތައް ރާއްޖޭގެ މަދަރުސާ ތަކުގައި ކިޔަވާދިންކަމުގައި ބުނެއުޅެއެވެ. އަދި ރާއްޖޭގެ ދައުލަތުގެ ރޭޑިޔޯއިން އެފަދަ ޕްރޮގްރާމެއް ފޮނުވި ކަމުގައިވެސް ބުނެއުޅެއެވެ. ލޯގޯސް ކިޔާ ފޮތްމަނވަރެއް ރާއްޖެ އައިވާހަކަވެސް އިވެއެވެ. އޭގައި އިންޖީލާއި އެނޫންވެސް ލާދީނީ ފޮތްތައް ހުރިކަމުގައި ބުނެވެއެވެ. ރާއްޖޭގައި ސައްތައިން ސައްތަ މުސްލިމުން އުޅެމުން ގެންދިޔައީ ފިސާރި ހަރުދަނާ އަގީދާ އެއްގައި އަމިއްލަ ސަގާފަތާއި ތަރިކަ ރައްކާ ކޮށްގެންނެވެ. ޒިނޭއާއި މަސްތުވާ ތަކެތި އާންމެއް ނުވެއެވެ. މިއަދުހެން މާރާމާރީއާއި މީހުންމެރުން އާންމެއް ނުވެއެވެ. އެކަމަކު މަދުންނަމަވެސް އެކަންކަންވެސް ހިނގާނެތާއެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމުގެ ބައެއް ރަށްތައް އެބުނާ ސައްތައިން އިސްތިސްނާ ކުރެވި ޣައިރު މުސްލިމުން ބަރަހަނާގައި ހިތުހުރި ގޮތަކަށް ރާބޮއެ ޒިނޭކުރުމާ އެއްޖިންސުން ގުޅުން ހިންގުމާ ހިތުހުރި ގޮތަކަށް އުޅެވޭ ރަށްރަށުގެ ގޮތުގައި ރިސޯޓުތައް ހުލުވި ފަތުރުވެރިކަން ރާއްޖެއަށް އައިސްފައިވަނީ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. އެއްއަތުން ގުނާލެވޭ މަދުއަދަދަކަށް މާލޭގެ ކައިރީގައި ހުޅުވުނު ރިސޯޓުތައް ހުޅުވި ހިނގާން ފެށިތަނާ ރާއްޖޭގައި ރާގެންގުޅުމަކީ ހަރާމް ކަމެއްގެ ގޮތުގައި އަޑުއަރުވައި މާބޮޑު ދީންވެރިޔަކު ފާޅުވެ އެކަން ހުއްޓާން ގޮވައި ކަންދިމާވި ގޮތުން އެމީހަކު ވެރިކަމަށް އައިސް އެއްކަލަ ކުޅިގަނޑު ރަންބިސްއަޅާ ކުކުޅައްވެ މުޅި ރާއްޖެއަށް މިކަންފަތުރައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފަހަތައް ޖައްސާލިއެވެ. އެކަމަކު އޭގެ ފައިދާ ނަގަމުން ގެންދަނީ ވަކި ޚާއްސަ ބައެއްކަމުގައި ބުނެވެއެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީން ގިނަވެދާއިރު ސްރީލަންކާގެ ތަމަޅައިން އުޅުނަކަސް އަދި ދަތުރުވަރީގައި އެމީހުން އަޔަކަސް ދިވެހީންގެ މީހުން ނުކުމެ ބަޑިބުރާސްފަތީގެ ހަނދާން އާކޮށް ހަދާތަނެއް ނުފެނެއެވެ. އަދި އެއްކަލަ ޕޯޗުގީޒުން ރާއްޖެއަޔަކަސް މުޒާހަރާއެއް ނުކުރެއެވެ. ރާއްޖޭގައިތިބި ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު ޕޯޗުގީޒުގެ ފުޓުބޯޅަ ޓީމަށް ސަޕޯޓު ކުރެއެވެ. އިނގިރޭސީން އަޔަކަސް އެއްކަލަ ސުއައިދީބުގެ މައްސަލަ ހަނދާނަށް ގެނެސް ހަޅޭއްލަވައެއް ނުހަދައެވެ. އަދި އަފްޣާންއާއި އިރާޤުގައި މުސްލިމުން މަރައި ހަފުސްކުރެޔޭ ބުނެ އެމެރިކާ މީހުން ފަހަތަކުން ނުދުވެއެވެ. ސުނާމީއާއި ގުޅިގެން ސޮލީބީ ޖަމާއަތްތަކުން ބޯޑުތައް ހިފައިގެން އައިސް އޮފީސްތައް ހުޅުވައި އެބުނާ ސޮލީބުތައް ބަހައްޓާފައި ހުރިއިރަކު ސަރަމުވެސް ހީނުވޭ ދޮގެއްތޯއެވެ. ރާއްޖޭގައި ވެރިކަން ކުރި ވެރިޔަކު ދެފާދިރީންގެ ބޮޑުސޮލީބު ކަރުއަޅުވައިގެން ރާއްޖެއައިއިރު ކުދިބޮޑު އެންމެން ތިބީ ކުރުނީހުގައެވެ. މާބޮޑު ޔަހޫދީ މިލިޔަނަރަކު އޭނާގެ އުފަންދުވަސް ބޮޑުފައްޅި އަޅައިގެން ފާހަގަކުރީވެސް ރާއްޖޭގައި ދޮގެއްތޯއެވެ.
މިއަދު މިތިބީވެސް ދިވެހީންނެވެ. އުޅުމާ ގުލުމާ ސިޔާސީވެ ލާހެދުމާ ކާކެއުންވެސް މިއޮތީ ސިޔާސީވެފައެވެ. ބުނާ ކޮންމެ ބަހެއްވެސް ސިޔާސީވެފައެވެ. މުޅި ގައުމުގައި މިއޮތް ސިޔާސީ ރޯގާގައި ޖެހި ރާއްޖޭގެ ރީތިނަމާއި އާދަކާދަވެސް މިއަދު މިދަނީ ނެތެމުންނެވެ. ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ކޮންމެ ކަމެއް ކުރާންވެސް ސިޔާސީ މީހުން މިތިބީ ފޫގަޅާފައެވެ. އެހެން ގޮތެއް ނެތިއްޔާ ދީނުގެ ނަމުގައިވެސް ނުކުމެ ވެރިކަން ވައްޓާލުމަށް މިއަދު ނުކުރާ މަސައްކަތެއް ނެތް ދޮގެއްތޯއެވެ.