މެންބަރުންގެ ޚިޔާލު: ލޯކަލޯއި، ލޯކަލޯއި، މަށަށް ލޯކަލޯއި!!!

ފުނަމާ

އަޅުގަނޑުމެން ވަރަށްކުރީން އަޑުއަހާ މަލާމާތުގެ ފަރިއްސެއް އޮވެއެވެ. ކޮންމެވެސް މީހެއްގެ މަރުބަލާއައުމުން އެހަށް ” މަރުނުހިއްޕަވައި މަޑުކޮށްލައްވާށޭ، ރާނަން މަގޭފެށި ގެގަނޑުވެސް އަދި ނުނިމެޔޭ، ބަންނަން މަގޭފެށި އޮޑިގަނޑުވެސް އަދި ނުނިމެޔޭ” ބުނެ މަރުނުހިއްޕަވައި ވޭތޯ ކުރާ އާދޭސް ތަކެއްގެ ގޮތުގައި މޭރުންވާ ގޮތަކަށް މިދެންނެވި ފަރިއްސެއް ކިޔާއަޑު އިވެއެވެ.
މިއަދު މިއިވެނީ އެޔައްވުރެ މާހިނިއަންނަ އަޑުތަކެކެވެ. ނިދާފައި އޮއްވައި ގަޔައް ހިންޏެއް އެރިޔަސް ސިއްސައިގެން ގޮސްބައެއް މީހުންނަށް ގޮވާލެވެނީ ” ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނަމެވެ.” ކައުންސިލް އިންތިޚާބުގެ ޖުނޫނު ބޮލައް ސަވާރުވެފައިވާ މިންވަރުން މިއަދަކު ދެން އެހެން އެއްވެސް ކަމަކާ ވިސްނޭވަރަށްވުރެ ބައެއް މީހުން މިއަދު ފެންނަނީ މަސްތެއްގައި ވާތީއެވެ.
ރާއްޖެގެ ސިޔާސީ މަސްރަހުގައި އެޅިހާ އެއްޗަކާއި ، އެޅިގޯނިގަނޑު ގެއްލިފައިވާ މީހުންގެ ނަޒަރުގައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުވުމަކީ އެމީހުންނަށް ދިރިހުރެ ސުވަރުގެ ވަދެވުން ކަމުގައި ސިފަވެއެވެ. ސަރުކާރު ވައްޓާލުމަށް ރޯބުހުތާން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ކުރަމުން ގެންދާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި ލަވާހާ ހަޅޭކަކުން ކަރުން ހަންފިލައިގޮސް އަޑުބޭރުނުވާ ހިސާބަށް މިއަދުމިވަނީ އެމީހުންގެ ހާލަތު ގޮސްފައެވެ.
ތިމާމެންގެ އަމިއްލަ އެދުމުގެ ކޫޒުގަނޑު ފުރާލުމަށް ވެރިކަން އަތުން ދޫކޮށްނުލައި ވޭތޯ ހެދި މަކަރާ ހީލަތުގެ އިތުރުން ގައުމުގެ މުޅި މާލިއްޔަތު ދަވާލައި ގައުމު ދަރުވާ ވިއްކާލުމަށްފަހު ވެރިކަމުން ފައިބައިގެން ދާންޖެހުނުއިރު ގައުމުއޮތް ހާލަތުން އިދިކޮޅުމީހުން ހީކުރީ މިސަރުކާރަށް ދެމަހެއްހާ ދުވަހުވެސް ގައުމު ހިންގުމުގައި ދެމި ނުތިބެވޭނެ ކަމަށެވެ. ވެރިކަން އަތުން ދޫވެދާނެތީވެ ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާން ވެގެން އެންމެ ފަހުވަޤުތު ރާއްޖެގެ އެކި ކަންކޮޅުތަކުގައި ފަށައިގެން ބޮޑެތި މަޝްރޫއުތަކަކީ ތިމާމެން އެނބުރި ވެރިކަމަށް އައިނަމަވެސް އަތްނުފޯރާނެ ކަންތައް ތައްކަން އެނގޭއިރުވެސް މިކަންކުރީ ވެރިކަން ލިބިއްޖެނަމަ ތިރީސްއަހަރުގެ ޕްރެކްޓިސްއާއި އެއްގޮތައް އެކަންކަން ހުއްޓާލިޔަސް ދިވެހި ރައްޔިތަކަށް ހަމަ ޗުއްޕުވެސް ބުނާނެ ޖާގަ ނޯންނާނެކަން އެނގި ކަށަވަރު ވާތީއެވެ. ނަމަވެސް ވެރިކަން ގެއްލިދިއުމުން ދެން އުންމީދުކުރީ ފަށާފައިވާ މަޝްރޫއުތައް މިސަރުކާރަށް ނުހިންގުމުން އެކަންކަން ބަހަނާއަކަށް ދައްކައިގެން ރައްޔިތުން މަގުއޮޅުވައި ވެރިކަން ވައްޓާލެވޭނެ ކަމަށެވެ. އެހެނަސް މިސަރުކާރުގެ ސިޔާސަތު ކުރިޔައް ގެންދިޔައީ އިދިކޮޅު ފަރާތްތަކުގެ ކެހިވެރި ސިޔާސަތުގެ ދަލުގައި ނުޖެހި ފިސާރި ހިކްމަތްތެރި ކަމާއެކުގައެވެ.
މިސަރުކާރުގެ ވެރީންގެ މޭޒުކޮޅުތަކުގެ މަތީގައި އޮތީއަކީ އެންމެ ޕްލޭނެއް ނޫނެވެ. ޕްލޭން އޭ މަސައްކަތް ނުކޮށްފިނަމަ ހިންގާނެ ކިތަންމެ ޕްލޭންތަކެއް އެކުލަވާލުމުގައި ގަލަމުގެ ދޯރިނަންގަވައިގެން ތިއްބެވި އެތަކެއް އިލްމުވެރީން އެކަހަލަ ކިތަންމެ ޕްލޭންތަކެއް ވަނީ ހައްދަވާފައެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ޖެހިހާ ބެރަކަށް ނަށާން ނުޖެހި ކުރިމަތިކުރާ ކޮންމެ ހުރަހަކަށް ފިސާރި ގޮންޖަހައި ގައުމައިގެން މިއަދުމިވަނީ ދާންއެދޭ މަންޒިލާ ދިމާލަށް މިސްރާބުޖަހައި ސްޕީޑު ހަލުއި ކޮށްލާފައެވެ. އާސަރުކާރަކުން ކަންކަމުގެ ނެއްތަޖުރިބާ ބޭނުން ނުކުރެވި ނުހަނު އަވަހަށް ފެއިލްވެގެން ދާނެކަމުގައި ހީކޮށް ދެކެމުންއައި ހުވަފެން ބިލާހަކަށްވެގެން ދިޔައީ އާޚިޔާލުތަކާ އެކު ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނެސް އާވިސްނުމެއްގައި މުޅިގައުމައިގެން ހިންދަމާލައި ސަރުކާރުން ކުރިއަށް ދާންފެށުމުންނެވެ. ބޭރު ދުނިޔޭގައި ރާއްޖޭގެ އަގާއި މިސަރުކާރުގެ އަގުބޮޑުވެ ފަތިފައްޗަށް އަބާރަނަތައް އިއްޒަތާއެކު ދައުލަތުގެ ވެރިޔާގެ ކަރުފުޅުގައި އެޅުވޭތަން ފެނި އިދިކޮޅުމީހުންގެ ލަނގޮނޑި އެވަނީ ނުކުމެފައެވެ. ދެލޯ މުދުނައްއަރައި ތަލީން ކުޅުހިކިފައެވެ.
ރައްޔިތުންގެ މަޖްލިސްގެ އިންތިޚާބުގައި އެމްޑިޕީގެ ބައެއް މެންބަރުންނަށް ހެދުނު ގޯސްތަކެއްގެ ނަތީޖާވެގެންދިޔައީ މިއަދު ދިވެހި ރައްޔިތުންގެ ލޮލުން މިއޮހޭ ކަރުނައިގެ އަސްލު ކަމުގައެވެ. މަޖްލީހުގެ އަޣްލަބިއްޔަތު މިޕާޓީއަށް ގެއްލުމުގައި މިޕާޓީގެ ބައެއް މެންބަރުންގެ އިހްމާލުވާކަން ކިތަންމެ ރަނގަޅަކަށްވެސް ގަބޫލު ކުރާން ޖެހެއެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކަށްވެސް އެމީހުން ހީކުރި މިންވަރާ ގާތައްވެސް ކާމިޔާބެއް ނުލިބި ފެއިލްވެދިޔުމާ އަދި މިއަދު އެމްޑިޕީއަކީ ގާނޫނުހަދާ މަޖްލީހުގައި އެންމެގިނަ ގޮނޑި ލިބިފައިވާ ޕާޓީއަށް ވީނަމަވެސް ވެރިކަމުގެ ދަހިވެތިކަމުގައި ލޭއޮހޮރާލާން ޖެހުނަސް ދުލެއްނުދޭން ކަމަރު ބަނދެގެންތިބި ބައެއް މެންބަރުންގެ އެހީއާއެކު މަޖްލިސް އެވަނީ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައެވެ. މިއަދު މިސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއެވެ. ނަމަވެސް ސަރުކާރުން އެދަނީ ފިސާރި ގާބިލްކަމާއެކު ގައުމާ ރައްޔިތުންގެ ހައްޤުގައި ދަރެއްވެސް ނުދީ ކުރިޔަށެވެ.
އިދިކޮލު ޕާޓީތަކުގެ މަކަރާ ހީލަތުގެ ސަބަބުން އެމީހުންގެ ބައިވެރީންވެސް އެމީހުން ދޫކޮށް ވަނީ މޫނުއަނބުރާ ލާފައެވެ. އެމްޑިޕީއާއެކު އެއްސަފެއްގައި ހިނގާންފެށި މެންބަރުންގެ އަދަދު ގިނަވެ ދެންމެ ދެންމެ ދެންއޮތްބާރުކޮޅުވެސް ގެއްލެނީކަން ގައިމުވުމުން ތިމާމެން އެކަކު އަނެކެއްގެ ބޮލުގައި ބަދުނާމުތައް އަޅުވައި އޭގެސަބަބުން ހީނުކުރާވަރުގެ ގެއްލުންތައް މިއަދު މިދަނީ އެމީހުންނަށް ފެނިދެނި ވަމުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިދިކޮޅު ފަރާތްތަކުން ރޭވިހުރިހާ ރޭވުމެއް މިއަދު އެވަނީ އަތައްގޮވާފައެވެ. އެހެނަސް އެންމެ ފަހުން އުންމީދުކޮށްގެން އެއުޅޭ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ދީވާނާޕަން އެވެރީންގެ ސިކުނޑީގައި ބޮޑުވެފައިވާ މިންވަރު މިހާރުއެދަނީ ފެންނަމުންނެވެ.
ޑީއާރުޕީގެ ތެރޭގައި ފޫނުބެއްދޭފަދަ ބާގަނޑުތައް އުފެދި ތަޅާފޮޅުމަށް ޖާގަލިބި އެންމެފަހުން ބޭއްވި ޖަލްސާގައި ބޮޑުމާރާ މާރީއެއް ހިންގަމުން އޮބިނޯވެގެން ދިޔައިރު ފުފުލެއް ކޮތަޅަކަށް ލައިގެން މީހަކުއަރައި ކަރުގައި ހުރިވަރެއް ލާފައި ގޮވާލީވެސް ހަމަނުޖެހުން އޮތަކަސް ލޯކަލް އިންތިޚާބު ކާމިޔާބު ކުރާނެ ވާހަކައެވެ. އަޖާބުވެ އަންތަރީސް ވާވަރުގެ ކަމެކެވެ. ބަޔަކު ކަމަކައިގެން ދީވާނާވެ ހަސްފަސް ނެތިފައި ތިއްބަސް މިއީ ބޮޑުވަރެކެވެ. ތިމާމެންގެ ފަހަތުން ދުވާ މީހުން ކަނޑުވަމުން ދާއިރުވެސް މިގޮވާ ނަގަނީ ލޯކަލޯ ލޯކަލޯ މަށަށް ލޯކަލް ކައުންސިލެވެ. ދަހިވެތި ކަމުގެ އިންތިހާ ދޮގެއްތޯއެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރާން އެއުޅެނީ ކީއްކުރާން ބާވައެވެ. ސަރުކާރާ ތަޅާފޮޅައި ކުރިނުލިބިގެން އައްސި ފިލުވާލާން އެމީހުންނާއި އެމީހުން ތަޅާފޮޅާފައި ދެން ނުކުރެވި އޮތްކަމަކީ ރަށްރަށުގައި އުފެދޭ ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކަށް އުނދުޅި ބާނައިގެން މުޅިރާއްޖޭގައި ތަޅާފޮޅުން އާންމު ކުރުން ހެއްޔެވެ؟ އެއެއްޗަކުން ފެލޭނީ އެއެއްޗެއްގައި ހުރި ދިޔަކަމުން މިއަދު މިއޮތް އިދިކޮޅު ޕާޓީތަކުގެ ބަހާއަމަލަށް އަދި ވައްޓަފާޅިއަށް ބަލާލުމުން އެމީހުންގެ ފަރާތުން ބޯލެނބުމެއް ، ރަނގަޅު ހެޔޮ ވިސްނުމެއް ނެއްކަން މިއަދު މުޅިރާއްޖެޔާ ބޭރުދުނިޔެއަށްވެސް މިވަނީ އެނގި ހާމަވެފައެވެ. އަދި ކޮންމެ ގާތްވުމަކުން ތުންފަތް ފުރޮޅައި ދުވެ ކެވިއަރާ މީހުންވެސް ބޭޒާރުވެ ދާތަން މިދަނީ ފެންނަމުންނެވެ. ސައްވީސްހާސް ޑޮލަރު ޚަރަދުކޮށްގެން ޕްލާސްޓަރ އަޅައިގެން އުޅޭ ތުންފަތުގެ މައުރަޒު މަޖްލިސް ތެރެއިން ދެއްކި ގޮތައް އެރޭވަނީ ދެވަނަފަހަރަށް ދައްކާލާފައެވެ. ކީހާޅެން ފަރިއްސައްވެ ބޮއިކޮޓްކުޅަ ޗެނެލުގެ ބޭނުންކޮށްގެން އެކަކު އަނެކަކުގެ މަސްކައި ގުދޯގުދޯ ގޮވަމުން ގެންދިޔައިރު އެމީހުންގެ އަވައިގައި ޖައްސައިގެން އުޅޭ ނިކަމެތި ރައްޔިތުންގެ އިހްސާސްތަކަށްވެސް ވިސްނާ ނުލެވުނު ކަމީ ސިޔާސީ މައިދާނުގައި ފޫނެއްފަޔަށް ފެންފުރުންކަންވެސް އެމީހުންނަށް ނޭނގުނެވެ. އިންޓާނަލް ޑިމޮކްރަސީއަކީ ކޮބައިކަން އެނގޭނީ ޑިމޮކްރަސީގައި އޮތީ ކިތައް އަކުރުކަން އެނގޭ ބަޔަކަށްތާއެވެ. އެކަމަކު އަދިވެސް އެގޮވަނީ ހުރިހާ ކަމެއް ދޫކޮށްފައި ލޯކަލޯއި ލޯކަލޯއި މަށަށް ލޯކަލޯއި އެވެ. އެމީހުންގެ އެބުނާ ލޯކަލުކެ ޓްރޭލަރ އެދިޔައީ ފެނިގެންނެވެ. ބާކީ މަންޒަރުތައް ގައިމުވެސް އެއްކޮށްލެވޭއިރު ވާނީ ފޮލޮޕަކަށްކަން ޔަޤީންވެއްޖެ ދޮގެއްތޯއެވެ. ޢިބްރަތް ލިބިގަންނާށެވެ.