އޭ.ސީ.ސީ. ޓްރޮފީ ޗެލެންޖް 2010ގެ ޗެމްޕިއަންކަން ހޯދި ޤައުމީ ކްރިކެޓް ޓީމް މާލެ އައުމުން ރައީސުލްޖުމްހޫރިއްޔާ ޓީމަށް މަރްޙަބާ ވިދާޅުވެއްޖެ

cricket

ތައިލެންޑްގައި ބޭއްވުނު އޭޝިޔަން ކްރިކެޓް ކައުންސިލް ޓްރޮފީ ޗެލެންޖް 2010 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް މާލެ އައުމުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޓީމަށް މަރްޙަބާ ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމީ ކްރިކެޓް ޓީމަށް މަރްޙާބާ ދެންނެވުމަށްޓަކައި، ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކްރިކެޓް ޓީމް، ރާއްޖެއަށް ހޯއްދަވައިދެއްވި ރީތިނަމާއި، ޝަރަފާއި، ޢިއްޒަތަށްޓަކައި ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ޤައުމީ ކްރިކެޓް ޓީމުން މި ހޯއްދަވައިދެއްވި ކާމިޔާބަކީ، ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި ޝަރަފާއި، ކާމިޔާބުކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ދިވެހި ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހި ކްރިކެޓް ޓީމުން މިހޯއްދެވި ކާމިޔާބީއަކީ، ރާއްޖޭގައި ކްރިކެޓް މިހާރަށްވުރެ ކުރިއަށް ގެންދެވިދާނެ ކަމުގެ އެންމެ ފުރިހަމަ ދަލީލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވަށައިގެންމިވާ ގިނަ ޤައުމުތަކަކީ، ބައިނަލްއަޤްވާމީ ކްރިކެޓްގެ ދުނިޔޭގައި ފުރަތަމަ ދަރަޖައިގައި ކުޅެމުން އަންނަ ޤައުމުތައް ކަމަށްވާތީ، އެހެން ކުޅިވަރުތަކާ އަޅާބަލާއިރު، ކްރިކެޓްގައި ކުރިއަރައިދިޔުމުގެ ފުރްޞަތު ރާއްޖެއަށް މާ ފަހި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭ.ސީ.ސީ. ޓްރޮފީ ޗެލެންޖް 2010 ގައި،ދިވެހިރާއްޖޭގެ އިތުރުން ބައިވެރިވީ 8 ޤައުމެވެ. މުބާރާތް ކުޅުނީ، މުބާރާތުގައި ބައިވެރިވި 8 ޤައުމު ދެބަޔަށް ބަހާލައިގެންނެވެ. ރާއްޖެ ހިމެނުނު ބީ ގްރޫޕްގައި، ރާއްޖޭގެ އިތުރުން ކުޅުނީ ސަޢޫދީ ޢަރަބިއްޔާ، ބުރޫނާއީ އަދި ޗައިނާ އެވެ.

ފައިނަލްގައި ސަޢޫދީ ޢަރަބިއްޔާއާ ބައްދަލުކޮށް، ދިވެހިރާއްޖެ މޮޅުވީ 1 ވިކެޓުންނެވެ.