ހަކަތައިގެ ޕޮލިސީ އަދި ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުން، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފި

15 ޑިސެމްބަރ 2010

14-12-10

ދިވެހިރާއްޖޭގެ ހަކަތައިގެ ޕޮލިސީ އަދި ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކާ ބެހޭގޮތުން މަޝްވަރާކުރައްވަމުން، ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ޙާޞިލްކުރުމަށް ހެޔޮއަގުގައި ހަކަތަ ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ތަނަވަސްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވިއެވެ. އަދި، ހަކަތައިގެ ދާއިރާއާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތުތައް ސާފުކޮށް އެނގެން އޮތުމަކީ، ފޮސިލް ފިއުލްގެ ބަދަލުގައި ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކަކާއި ކުރިއެރުމެއް ލިބިގެންދާނެކަމެއް ކަމުގައިވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ދިވެހިރައްޖޭގެ ހަކަތައިގެ ބޭނުންތައް ފުއްދަމުން އަންނަނީ މައިގަނޑު ގޮތެއްގައި ބޭރުން އެތެރެކުރާ ތެލުގެ ބާވަތްތަކުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު، ހަކަތައިގެ ބާވަތްތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރަނީ ޑީސަލްއެވެ. އަދި އެންމެ ގިނައިން ހަކަތަ ބޭނުންކުރަނީ ކަރަންޓް އުފެއްދުމަށާއި، ދަތުރުފަތުރުގެ ދާއިރާގައެވެ.