ޤައުމު ފަޚުރުވެރިވާ ރައީސަކީ ތިޔައީ އެވެ. ޤައުމަށް ފަޚުރުވެރިކަން ގެނެސްދެއްވާ ރައީސަކީ ވެސް ތިޔައީ އެވެ.

އިބްރާހީމް ރާމިޒް

ރައީސް ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުޑަކުއްޖެއްގެ އަތުގައި ކުރައްސަވަނީ... ފޮޓޯ: އަނަސް
ރައީސް ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކުޑަކުއްޖެއްގެ އަތުގައި ކުރައްސަވަނީ .. ފޮޓޯ: އަނަސް

ޒަމާންވީ ޚުދުމުޚްތާރު ވެރިކަމަކުން މި ކުޑަކުޑަ ދިވެހިރާއްޖެ ސަލާމަތްކޮށް، ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ގެންނެވުމަށް ޖާނާއިމާލުން ޤުރުބާންވެވަޑައިގެން، އޭރުގެ ސަރުކާރުގެ ތަފާތު ފިއްތުންތަކާއި ޖަލުގެ ކަސްތޮޅުގެ އަނިޔާތަކަށް ކެތްކުރައްވައިގެން ކުރިޔަށް ވަޑައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު ކާމިޔާބުކުރައްވައި 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހު ރާއްޖޭގެ އެންމެ މަތީ ވެރިޔާ ކަމުގެ ހުވާ، އާދެ ދިވެހި ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ފަޚުރުވެރި މަޤާމްގެ ހުވާ ކުރެއްވުމަށްފަހު، ދިވެހީންގެ މެދުގައި ހިތްތިރި، އޯގާތެރި ރައީސެއްގެ ގޮތުގައި މަޝްހޫރުވެ ވަޑައިގެންފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު ނަޝީދު ވަނީ ކުރުމުއްދަތެއްގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބައިނަލްއަޤްވާމީ ތަފާތު ގިނަ އެވޯޑް ތަކެއް އެމަނިކުފާނު ރައީސްކަމުގެ ޒަޢާމަތުގައި މިހާތަނަށް ވޭތުކުރެއްވި ދެއަހަރެއްހާ ދުވަހުގެ ކުރު މުއްދަތުގެތެރޭގައި ހޯއްދަވާފައެވެ މިއީ. އެމަނިކުފާނުގެ މަޤްބޫލުކަން ބޭރު ދުނިޔޭގައި އޮތް ދަރަޖަ ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.
ތިރީގައި މިވަނީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ޙާޞިލް ކުރައްވާފައިވާ ބައިނަލް އަޤްވާމީ ބައެއް މުހިންމު ކާމިޔާބީތަކެވެ.

ހޮޓެސްޓް ހެޑް އޮފް ސްޓޭޓްސް 2009 ވަނަ އަހަރުގެ 14 ވަނަ އަދި 2010 ވަނަ އަހަރުގެ 10 ވަނަ

hottest-heads

ހޮޓެސްޓް ހެޑްއޮފް ސްޓޭޓްސްގެ ވެބްސައިޓުން ވޭތުވެދިޔަ 2009 ވަނަ އަހަރުގެ ފަހުކޮޅު ހޮވާފައިވާ، ޤައުމުތަކުގެ އެންމެ ރީތި ވެރިންގެ ތެރެއިން 14 ވަނަ އަށް އެންމެ ރީތި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހޮވިވަޑައިގެންނެވިއެވެ. އެ ވެބްސައިޓުން މިނިވަންކަމާއެކު ސައިންޓިފިކް ހަމަތަކުގެ މަތިން ހޮވާފައިވާ މިލިސްޓުގައި ރައީސް ނަޝީދަށް މިދަރަޖަ ލިބިވަޑައިގެންނެވިއިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ކުރިން ލިބިވަޑައިގެންފައިވަނީ ރާއްޖޭގެ ރައީސް ނަޝީދަށްވުރެ 1 ދަރަޖަ ފަހަތުން ލިސްޓުގެ 15 ވަނައެވެ. ނަމަވެސް މިހާރު އެލިސްޓްގެ 2 ދަރަޖަކުރިއަށް 13 ވަނައަށް ބަރަކްއޮބާމާ ޖެހިފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވަނީ 4 ދަރަޖަ ކުރިއަށް ޖެހިފައެވެ.
އެހެންކަމުން ލިސްޓްގެ ޓޮޕްޓެންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމެނިވަޑައިގެންފައެވެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން “ވެރިއެއްގެ ސިފަ” ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންދަނިކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ޤައުމުތަކުގެ އެންމެ ރީތި ވެރިންގެތެރެއިން 10 ވަނައަށް އެންމެ ރީތި ވެރިޔާގެ ލަޤަބު ލިބިވަޑައިގަތުމަކީ އިދިކޮޅު ފަރާތްތަކުގެ މޫނު މަތީގައި ބައިނަލްއަޤްވާމީ ދުނިޔެއިން ޖެހި ” ހޫނު ތަފާލެކެވެ.”

އަނާލިންދު އެވޯޑް

SWEDEN/

2003 ވަނަ އަހަރު އަވަހާރަކޮށްލި ސްވިޑްންގެ ޚާރިޖީ ވަޒީރު އަނާލިންދުގެ ހަނދާނުގައި، އަނާލިންދު މެމޯރިއަލް ފަންޑުން ދޭ އަނާލިންދު އެވޯޑް ފާއިތުވި 2009 ވަނަ އަހަރުގެ ޖޫންމަހު 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް މިލިބިވަޑައިގެންނެވި އިނާމަކީ، ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙު ގެނައުމަށްޓަކައި ކުރި މަސައްކަތްތައް ދުނިޔެ ބަލައިގަތްކަމުގެ ރަމްޒެއް ކަމަށާއި، އަދި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ލިބުނު ޝަރަފެއް ކަމުގައި އިނާމާ ޙަވާލުވެ ވަޑައިގަންނަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހީރޯސް އޮފް ދަ އެންވަޔަރަމެންޓް

heroes-of-the-environment

ދުނިޔޭގައި ނުކުންނަ އެންމެ މަޝްހޫރު އެއް މަޖައްލާ ކަމުގައިވާ ޓައިމްސް މެގަޒިން އިން ހޮވި ހީރޯސް އޮފް ދަ އެންވަޔަރަމަންޓް 2009 ގެ މަޤާމުގެ ލިސްޓުގެ އެންމެ ކުރީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ނަންފުޅު ފަވާލެވުނީވެސް ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ރައީސް ނަޝީދަށް އެމަޖައްލާއިން އެ ފަޚުރުރުވެރި އެޝަރަފް ދެއްވުމަށް ފަހު އެމަޖައްލާގައި ބުނެފައި ވަނީ ރާއްޖޭގައި އޮތް 30 އަހަރުވީ ޚުދުމުޚްތާރު ވެރިކަން ނިމުމަކަށް ގެންނެވުމަށް ފަހު އެމަނިކުފާނު މިހާރު މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި ދިވެހިރާއްޖެއަކީ އެންމެ ފުރަތަމަ ކާރބަން ނިއުޓްރަލް ގައުމަށް ހެއްދެވުމަށް ރައީސް ނަޝީދުގެ ވެރިކަން ފެށުމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމަޖައްލާއިން ވަނީ ތައުރީފު ކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވި ކަމަށް އެމަޖައްލާގައި ބުނެފައި ވަނީ ދިވެހިން އެހެން ގައުމަކަށް ހިޖުރަކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިން ރެފިއުޖީ ކޭމްޕް ތަކުގައި އުޅޭ މަންޒަރު ދެކެން ބޭނުންނުވާ ކަމަށެވެ.

ގްރީން އެވޯޑް

green-award-independent

އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ދުވަހު ނޫސް ކަމުގައިވާ ދި އިންޑިޕެންޑެންޓް އިން އަހަރަކު އެއްފަހަރު ހޮވާ ގްރީން އެވޯޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހޮވިވަޑައިގެންނެވީ މިއަހަރުގެ އޭޕްރީލް މަހުގެ 17 ވަނަދުވަހުއެވެ. ތަފާތު 14 ދާއިރާއަކުންދޭ މިއެވޯޑްގައި އެމަނިކުފާނު ހޮވިވަޑައިގެންފައިވަނީ އެންމެ ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ސިޔާސީ ލީޑަރުގެ ބައިންނެވެ. ގްރީން އެވޯޑް ލިބިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އިޢްލާންކޮށް ދި އިންޑިޕެންޑެންޓްގައި ޝާއިޢުކޮށްފައިވާ ލިޔުމުގައި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްޕުޅު ކުރައްވާ ލީޑަރުން މަދު ކަމަށާއި އެހެންނަމަވެސް މި މަސައްކަތްޕުޅުގައި އެންމެ ކުރީގައި ހުންނެވި ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުކަން ފާހަގަކޮށްފައިވެއެވެ.

ޗެންޕިއަންސް އޮފް ދި އާތް

champion-of-the-earth

އދގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ، ޔުނެޕްއިން އަހަރަކު އެއްފަހަރު ދޭ ޗެމްޕިއަންސް އޮފް ދި އަރތްގެ ޝަރަފްވެރި އެވޯޑް މިއަހަރު ލިބިވަޑައިގެންނެވި 6 ބޭފުޅުންގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ ހިމެނި ވަޑައިގެންނެވިއެވެ. މި އެވޯޑަކީ ތިމާވެށީގެ ރޮނގުން ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.
ޗެމްޕިއަންސް އޮފް ދި އާރތް އެވޯޑަކީ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކޮށްދިނުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ، ނުވަތަ ދުނިޔޭގެ ތިމާވެއްޓަށް ބޮޑު ޚިދުމަތެއް ކޮށްދެއްވާފައިވާ ފަރާތަކަށް އދގެ ތިމާވެށީގެ ޕްރޮގްރާމް ޔުނެޕްގެ ފަރާތުން އަހަރަކު އެއްފަހަރު ދޭ އެވޯޑެކެވެ. މި އެވޯޑު ލިބޭ ފަރާތްތަކަކީ، ތިމާވެށީގެ ހިމާޔަތަށް، އާދަޔާ ޚިލާފު ތަޞައްވަރެއް ގެންގުޅުއްވާ ފަރާތްތަކެއްކަމަށް ޔުނެޕްއިން ހާމަކުރެއެވެ.

އެންމެ ކާމިޔާބު ވެރިން (ގްރީން ގްރޫ)

green-award

އެމެރިކާގައި ޝާއިޢުކުރާ އެންމެ މަޤްބޫލު އެއް މަޖައްލާ ކަމަށްވާ ނިއުސްވީކުން ހޮވާ، ދުނިޔޭގެ އެންމެ ކާމިޔާބު ވެރިންގެ ލިސްޓުގެ ދެވަނަ މަޤާމު، ރައީސުލް ޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދަށް ލިބިވަޑައިގެނެވީވެސް މިއަހަރުގެ ތެރޭގައެވެ. އެމަނިކުފާނަށް މިމަޤާމް ލިބިވަޑައިގެންނެވީ، ތިމާވެށީގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އިތުރުން، ޢާންމުންގެ މެދުގައި މަޤްބޫލު އަދި، އިޙްތިރާމް ލިބިވަޑައިގެންފައިވާ ވެރިއެއްގެ ހައިސިއްޔަތުންނެވެ.
ނިއުސްވީކްގެ އެ ޢަދަދުގައި ޝާޢިއުކޮށްފައިވާ ދުނިޔޭގެ އެންމެ ކާމިޔާބު ވެރިންގެ ލިސްޓުގެ ދެވަނަ މަޤާމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހޮވިވަޑައިގެންފައިވަނީ އިހްތިރާމް ލިބޭ ލީޑަރެއްގެ ހައިސިއްޔަތުން ވެސްމެއެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެން މިކާމިޔާބީއާއި އެކު އެމަނިކުފާނަށް ގްރީން ގުރޫ، ނުވަތަ ތިމާވެއްޓަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ ބަޠަލެއްގެ ޝަރަފުވެސް ދެއްވާފައިވެއެވެ. ޑިމޮކްރަސީއަކަށް ޤައުމު ހޭލެވި، ޤައުމުގެ ވެރިކަމާއި އެންމެ ފުރަތަމަ ހަވާލުވެވަޑައިގެން ލީޑަރުގެ ގޮތުގައި ޤައުމުގެ ހުންގާނުގައި ހިއްޕެވި ރައީސް ނަޝީދަށް މިޝަރަފު ލިބިވަޑައިގެންފައިވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރޫން އާއި ޖެހިގެންނެވެ.

ޓޮޕް 100 ގްލޯބަލް ތިންކާޒް

top-100-global-thinkers

މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ މަޝްހޫރު ފޮރިން ޕޮލިސީ މެގަޒިނުން ހޮވި 2010 ވަނަ އަހަރުގެ ޓޮޕް 100 ގްލޯބަލް ތިންކާޒްގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހިމެނިވަޑައިގެންނެވިއެވެ. އެބޭފުޅުންގެ މަސައްކަތްޕުޅުގެ ސަބަބުން، މިއަހަރު ދުނިޔެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ގެނެސްދެއްވާފައިވާ 100 ބޭފުޅުން ހިމަނައިގެން ފޮރިން ޕޮލިސީ މެގަޒިނުން އެކުލަވާލާފައިވާ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ހިމެނިފައިވަނީ، އެ ލިސްޓްގެ 39 ވަނައިގައެވެ.
ފޮރިން ޕޮލިސީ މެގަޒިންގައި ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ލިޔުއްވާފައިވާ ލިޔުއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޖައްވަށް ދޫކުރާ ކާރބަން މަދުކުރުމުގެ މުހިންމުކަން ދުނިޔޭގެ އެޖެންޑާގެ އެންމެ ކުރިއަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކޮށްފައި ވެއެވެ. ވަކިން ޚާއްޞަ ގޮތެއްގައި ދެހާސް ނުވަ ވަނަ އަހަރު އޮކްޓޯބަރމަހު މޫދު އަޑީގައި ބޭއްވެވި ކެބިނެޓްގެ ބައްދަލުވުމާއި، ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފައިވާ ލަނޑުދަނޑި ފާހަގަކޮށްފައި ވެއެވެ.

އަދި ކުޑަކުޑަ ދިވެހިރާއްޖެއަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވަން ޖެހިފައިވާކަން އެންމެ ފުރިހަމައަށް ދައްކައިދޭ ޤައުމުކަން، އެމަނިކުފާނުގެ މަސައްކަތްޕުޅުން ދުނިޔެއަށް ހާމަކޮށްދެއްވާފައިވާކަމަށްވެސް ފޮރިން ޕޮލިސީ މެގަޒިންގައި ލިއެފައިވެއެވެ.

ވޯލްޑް ޓެކްނޮލޮޖީ އެވޯޑް

technology-award

އެމަނިކުފާނަށް އެންމެ ފަހުން ލިބިވަޑައިގެންނެވި އެވޯޑަކީ ވާރލްޑް ޓެކްނޮލޮޖީ ނެޓްވާރކްގެ ފަރާތުން ކޮންމެ އަހަރަކު ދޭ ވާރލްޑް ޓެކްނޮލޮޖީ އެވޯޑްއެވެ. އާ ޓެކްނޮލޮޖީއަށް މަގުފަހިކުރާ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާއަށް މި އެވޯޑު ލިބިވަޑައިގެންނެވީ މި ޑިސެމްބަރުމަހުގެ 1ވަނަދުވަހުއެވެ. މިދިޔަ ނޮވެމްބަރުމަހުގެ 30ން މިމަހުގެ އެއްވަނަދުވަހަށް އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ވޯލްޑް ޓެކްނޮލޮޖީ ސަމިޓް 2010 ނިންމުމުގެ ގޮތުން ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ރާއްޖެއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޢަބްދުލްޣަފޫރު މުޙަންމަދެވެ.
މިއެވޯޑާ ހަވާލުވެވަޑައިގަތުމަށްފަހު، މި ރަސްމިއްޔާތުގައި ޢަބްދުލްޣަފޫރު މުޙަންމަދު އިއްވެވި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ސައެންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތަކުން ސަލާމަތްވެ ހަކަތައިގެ ރައްކާތެރިކަމާއި، ރައްކާތެރި ތިމާވެށްޓެއް ބިނާކުރުމުގައި އިންސާނިއްޔަތުގެ އެންމެ މުހިންމު ވަސީލަތްކަމުގައިވާ ހުނަރުވެރި އަދި ތަޢުލީމީ މީހުންގެ ވިސްނުމާއި ބާރުގައި މުސްތަޤްބަލުގެ އާ ޓެކްނޮލޮޖީތަކާ ދިމާއަށް ދުނިޔެ ގެންދަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ހޯލް އޮފް ފޭމް (ނޮމިނޭޓް)

president-nasheed1

އަދި މިމަހުގެ 3 ވަނަދުވަހު ވެނިޓީ ފެއަރ މަޖައްލާގެ ހޯލް އޮފް ފޭމް އަށް ވެސް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ނޮމިނޭޓްވެ ވަޑައިގެންނެވިއެވެ. ރައީސް ނަޝީދު މި މަޤާމަށް ނޮމިނޭޓް ކޮށްފައިވަނީ ތިމާވެށީގެ ދާއިރާއިން ފޮތެއް ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެއް ކަމަށްވާ މާކް ހާޓްސްގާޑްއެވެ. ހާޓްސްގާޑް ލިޔެފައިވާ ގޮތުގައި ރައީސް ނަޝީދު މި މަޤާމަށް ނޮމިނޭޓް ކުރެއްވީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ސަލާމަތްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުންނެވެ.
އަދި ރައީސް ނަޝީދަކީ ދިވެހިރާއްޖޭގައި ފުރިހަމަ މިނިވަން އިންތިޚާބަކުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ރައީސް ކަންވެސް ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަޤްވާމީ ދާއިރާގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯއްދެވި ސިޔާސީ ލީޑަރުގެ ގޮތުގައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ހިތްތިރި ކަމާއި، އޯގާތެރި ކަމުގެ ސަބަބުންނާއި ދައްޗާއި، ފުރައްސާރައާއި ޖެއްސުންކުރުމުގެ ތެރެއިން ފުރޭނިގެން އެމަނިކުފާނު ފުއްދަވަމުން ފުރިހަމަ ކުރައްވަމުން ގެންދަވާ ވަޢުދުތަކުގެ ސަބަބުން އެމަނިކުފާނުގެ މަޤްބޫލުކަން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ރައީސް ނަޝީދަކީ ޤައުމުގެ އެންމެ މަތީ ވެރިޔާ ނަމަވެސް އެމަނިކުފާނަކީ ވެރިކަމުގެ އާރާއި ބާރާއި، ޝާނާއި ޝައުކަތު އަދި ޝާހީ ދިރިއުޅުއްވުމަށް ވުރެ، އާންމު ރައްޔިތުންނާއި އެއް ހަމައެއް ގައި މަސައްކަތްޕުޅު ކުރެއްވުމަށް ލޯބިކުރައްވާ، އާންމު ރައްޔިތުންނާއެކު ފަރިއްކުޅުއްވުމާއި، ކުޅިވަރުކުޅުއްވުމާއި، އާދައިގެ ދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ސާދާ ބޭފުޅެކެވެ. ޚުދު އަޅުގަނޑު ރިޕޯޓަރެއްގެ ގޮތުން އެމަނިކުފާނުގެ އަރިހުގައި، ރިޔާސީ ކެމްޕެއިންގައި 17 އަތޮޅަކަށް ކުރި ޒިޔާރަތުން އެމަނިކުފާނު އުމުރުން ދުވަސްވީ ބެފުޅުންނާމެދު ބަހައްޓަވާ ޚާއްސަ ކުލުނާއި، އެމަނިކުފާނުގެ ހިތްތިރި ސާދާ މިޒާޖުފުޅު އަޅުގަނަޑަށް ވަނީ ގާތުން ތަޖުރިބާކުރެވިފައެވެ.

ރައީސް ނަޝީދު ހޯއްދަވަމުން ގެންދަވާ ބައިނަލްއަޤްވާމީ ފަޚުރުވެރި އެވޯޑްތަކަށް ޓަކައި، އެމަނިކުފާނަށް އެމްޑީޕީ ވެބްސައިޓުގެ ލިޔުންތެރިންނާއި ކިޔުންތެރިންގެ ފަރާތުން ހޫނު މަރުހަބާއަކާއި، ތަހުނިޔާއެއް ދަންނަވަމެވެ. އަޅުގަނޑުމެންގެ އުއްމީދަކީ މި ކާމިޔާބީތައް ފަށްފަށް ވުމެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުން ވިދަމުން، ފެވެމުން، ކުލަޖެހެމުން އަންނަ ދިވެހިރާއްޖޭގެ ނަން ބައިނަލްއަޤްވާމީ ދުނިޔޭގައި ނުފިލާނޭ ފަދަ ރަން އަކުރަކުން ލިޔެވިގެން ދިއުމެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ މި ދައުރު ނިމޭ އިރު “ތިޔައީ ރައީސޭ އަދު ލޮބުވެތި މި ދިވެހި ޤައުމު ފަޚުރުވެރިވާ” އޭ ނުބުނާނެ ދިވެއްސެއް މަދުވާނެ ކަމީ ޒަމީރު ވިއްކާލާފައިވާ މަދު ބަޔަކު މެނުވީ ޤަބޫލުކުރާނޭ ޙަޤީޤަތެކެވެ.
ޤައުމު ފަޚުރުވެރިވާ ރައީސަކީ ވެސް، ޤައުމަށް ފަޚުރުވެރިކަން ގެނެސްދޭ ރައީސަކީ ވެސް މިހާރުގެ ރައީސް މުޙަންމަދު ނަޝީދެވެ.