ބެކްބޯން
ދަންނަވާލަން މިއުޅެނީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ނާޖާއީޒް ގޮތުގައި އެކި ކެމްޕެއިންކޮށް ތިމާގެ މޮޅުކަން ދައްކައިގެން ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ވާހަކައެވެ. ސިޔާސީ މާހިރުން ދެކޭގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ގިނަ ފަހުލަވާނުންގެ ތެރެއިން މިހާތަނަށް ސިޔާސީ އެއްވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބުވި ހަމައެކަނި ބޭފުޅާގެ ވާހަކައެވެ.
އެގޮތުން ފާހަގަކޮށްލެވޭ ކަންތައްތައް ގިނަގުނަ އެވެ. އަދި ހަމައެހެންމެ މިހާތަނަށް އޭނާ ކުރައްވަން އުޅުނު އެއްވެސް ކަމެއް ކާމިޔާބުވެފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ސިޔާސީ ހަޔާތާއި އޭނާ ގުޅިފައިވަނީ އެމްޑީޕީގެ ތެރެއިންނެވެ. ނަމަވެސް އެޕާޓީގައިވެސް މާގިނަ ކުރިއެރުންތަކެއް ނުލިބޭނެ ކަމަށް ހީކޮށް އަމިއްލައަށް ޕާޓީއެއް ރަޖިސްޓްރީ ކުރެއްވި އެވެ. ނަމުގެ ކުރިޔަށް އިސްލާމް ލައިގެން އުފެއްދެވި ޕާޓީއާއެކު ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި އެކިއެކި ކަންކަމާ މުޒާހަރާކޮށް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ހިންގުން ނޫން ކަމެއް އޭނާއަށް ކުރެވިފައެއް ނުވެއެވެ. އެބަނޑުހައިހޫނުކަމުގެ ހަޅުތާލުވެސް ހިންގިފައިވަނީ ވަގަށް ޗޮކްލެޓް ކައިގެން ހުރެކަމަށް މީޑިޔާއިން ބުނެއެވެ. އަދި ކޮންމެ މުޒާހަރާއެއް ރޫޅާލުމަށް ކުރާ މަސައްކަތުގައި އެންމެ އަވަހަށް ފިއްލަވައިގެން ވަޑައިގަންނަވާ ބޭފުޅަކީވެސް މިދެންނެވި މީހާއެވެ.
ރިޔާސީ އިންތިހާބުން ނާކާމިޔާބުވިޔަސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވެ، އަމިއްލައަށް އުފައްދާފައިވާ ޕާޓީ އުވާލުމުގެ މަސައްކަތް ފެށިއެވެ. 6000 މީހުން ހިމެނޭ ޕާޓީއުވާލައި، އެޕާޓީގައި ހިމެނޭ އެންމެން ޕާޓީން ވަކިކޮށް މަގުމަތިކޮށްލެއްވުމަށް މަސައްކަތް ކުރެއްވިއިރު އެއީވެސް ހަމަ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވީ ކަމަށް ވެދާނެތޯ؟ އާއިމެދު ސުވާލު އުފެދެއެވެ. އެންމެ ފަހުން އެކަންވެސް ނާކާމިޔާބުވީ އިލެކްޝަން ކޮމިޝަނާއި ކޯޓުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އެންގުމުން ނެވެ. އާހިރުގައި މިކަން ކުރައްވާފައިވާ އަސްލު މަގުސަދަކަށްވީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ނައިބް ކަތީބު ކަމުގެ މަގާމު ހޯދުންކަން އެންމެނަށް އެގި ހާމަވި އެވެ. އެއީ މިހާތަނަށް އޭނާއަށް ސިޔާސީ ގޮތުން ލިބުނު ކާމިޔާބީއެއް ކަމަށްވެސް ބެލިދާނެ އެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ބެލެވޭނީ އެކަން ދިގުލައިދެމިގެން ދިޔަނަމައެވެ. މައި އިދިކޮޅު ޕާޓީއާ ގުޅިގެން ކުރި މަސައްކަތް އަމިއްލަ އަތަށް ގޮވައި މީހާއަށް ޕާޓީން ބޭރުވާން ޖެހުނީ އަހަރެއްވެސް ނުވަނީސް އެވެ.
މައި އިދިކޮޅު ޕާޓީއާ ގުޅުމުގެ ކުރިން އޭނާއަށް ޕާޓީގެ ޑެޕިއުޓީ ލީޑަރގެ މަގާމު ހަވާލުކުރުމަށް ބަޔަކު ކުރި ޝަރުތުތަކާއެކު އަމިއްލައަށް އުފައްދަވާފައިވާ ޕާޓީއަށާއި އަމިއްލަ މީހާއަށް ހުތުރުވާ ގޮތަށް ގިނަ ކަންތައްތަކެއް ކުރެއްވި އެވެ. އެގޮތުން އާންމު އިންތިހާބުގައި ދެވަނަ ފަހަރަށް ވޯޓްލާން ޖެހުނު ތިމަރަފުށީ ދާއިރާއަށް އަމިއްލަޕާޓީގެ ކެންޑިޑޭޓްގެ ބަދަލުގައި މައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ޖާނާ ފުރާނައިން ގުރުބާންވި އެވެ. މިއީވެސް އަމިއްލަ ޕާޓީގެ ކައުންސިލާ އޭނާއާއި މައްސަލަ ޖެހުމަށް ދިމާވި އެއް ސަބަބެވެ. އޭގެ އިތުރަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު މިހާރުގެސަރުކާރު ހިންގާ މައި ޕާޓީއަށް ކާމިޔާބު ލިބެން އުޅޭހެން ހީވުމުން ޕާޓީގެ އިސް ސަފުގައި ތިންބެވި ގިނަ ބޭފުޅުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް މީނާގެ ފަތުވާ ނެރުނެވެ. އެހެން ނަމަވެސް ރައްޔިތުން ވޯޓްދިނުމުގައި މީނާގެ ފަތުވާއެއް މަސައްކަތް ކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ މި ވެރިކަމުގައި ކުރީގެ ވެރިކަމަށްވުރެ ބޮޑަށް މަސްތުވާތަކެތި ހުއްޓުވުމަށް ސަރުކާރުން ސީދާ ރައީސް ހިމެނިވަޑައިގަންނަވާގޮތަށް އިސްނަންގަވައިގެން މަސައްކަތް ކުރިތަނެވެ. އަދި އޭރަށްވުރެ ގައުމުގައި މަސްތުވާތަކެތި މަދުވެގެން ގޮސްފައިވާކަން ދިވެހި ކޮންމެ ދަރިއަކު ގަބޫލު ކުރާނެ އެވެ.
ދެން ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާއެކު އޭނާ ވެގެން ގޮސްފައިވަނީ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވަކި ބަޔަކު ބޭނުންވާއެއްޗެއް ބުނުމަށް ބަހައްޓާފައި ހުރި ޕަޕެޓެއް ފަދައިންނެވެ. ސަރުކާރުން އެއަރޕޯޓަށް އިންވެސްޓްކުރާނެ ބޭރުގެ ފަރާތެއް ހޯދުމަށް މަސައްކަތް ފެއްޓުމާއެކު އެއީ އިންތިހާބުތަކުގައި އެމްޑީޕީއަށް ހަރަދުކޮށްފައިވާ އިގިރޭސި ކުންފުނިތަކަށް އެފައިސާ އަބުރާ ހޯދައިދިނުމަށް ކުރާ ކަމެއް ކަމަށް ބުނި އެވެ. އެހެން ނަމަވެސް އެއަރޕޯޓްވެސް ހަވާލުކޮށްފައިވަނީ އިންޑިޔާގެ ކުންފުންޏަކާއެވެ. ދެން ކޮސޯވޯ މިނިވަން ދައުލްތެއްގެ ގޮތުގައި ގަބޫލު ކުރުމުން، އެކަން ކޮށްފައި ވަނީ ސަރުކާރުގެ އިސްވެރިން ރިޝްވަތު ނަންގަވައިގެން ކަމަށް ބުނެ ބުހުތާން ދޮގު ހަދަން ފެށިއެވެ. މި މަޅިން އޭނާ ސަލާމަތް ކޮށްދެއްވީ އޭނައާއި ދެކޮޅަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންނަވައިގެން ނެވެ. އެހެން ނޫންނަމަ އެފަހަރުވެސް އަމިއްލައަށް މަޅިއެއްގައި ވަނީ ރަނގަޅަށް މެހިފައެވެ.
އާންމު އިންތިހާބަށް ފަހު މާލޫދު ހަރުގޭގެ މަސައްކަތްތަށް ކުރިއަށް ދާންފެށުމާއެކު، އެ ހަރުގެތެރެއިން ވިސްނޭ ބައެއް ބޭފުޅުން މައި ޕާޓީއަށް ސޮއިކުރައްވަން ފެއްޓެވުމުން އޭނާ ވަނީ ރާއްޖޭގެ ސަރުކާރަށް މަޖުލީހުގެ މެމްބަރުން ގަތުމަށް އިޒްރޭލުން ފައިސާދޭކަމަށް ބުނެ އެ ތުހުމަތުވެސް އަޅުވާފަ އެވެ.
މީނާ މިހާތަނަށް ހިންގި ކެމްޕެއިން ސްޓަންޓް ތަކުގެ ތެރޭގައި ރައީސް ހައްދަވާފައިވާ ދޮގުތަކޭ ބުނެ ފޮތެއް ހަދައިގެން ވިއްކިއެވެ. އެކަންވެސް ވައިގައި ހިފާނެ ގޮތެއް ނުވި އެވެ. ދެން ފެނިގެން ދިޔައީ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ނައިބް ކަތީބުގެ ގޮތުގައެވެ. އެޕާޓީގެ ނައިބް ކަތީބަކަށް ވެގެންހުރެ ކަތުރުފަނީގެ ނަމުން މަޝްހޫރުވެފައިވާ މި މީހާ މުޅިންވެސް ކޮށްފައިވަނީ ޕާޓީ ބައިބައި ކުރެއްވުމާއި އަންނަ ރިޔާސީ އިންތިހާބަށް ވަކި ބޭފުޅަކަށް ޕާޓީޓިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރެއްވުމެވެ. އެގޮތުން މީނާގެ މަސައްކަތަކަށް ވެފައިވަނީ ޕާޓީގެ ކަތީބަށްޕާޓީ ނުހިންގެވޭ ކަމަށް އެކިއެކި މަރުހަލާތަކުގައި ސާބިތްކޮށް ދިނުމެވެ. މިގޮތުން ޕާޓީގެ މުވައްޒަފުންނަށް މުސާރަނުދޭ ވާހަކަ އެޕާޓީގެ ނައިބު ކަތީބަކަށްވެ ހުރެ މީޑިޔާގައި ހާމަ ކުރިއެވެ. އޭގެ ސަބަބުން ކަތީބުގެ އަގަށްވުރެ ބޮޑަށް ވެއްޓިގެންދިޔައީ މުޅި ޕާޓީގެ އަގެވެ. ދެން ޕާޓީގެ ލީޑަރޝިޕުން ސަރުކާރުން ކުރާ ކަންތައްތަކަށް ފާޑު ނުކިޔާކަމަށް ބުނެ ކަތީބުގެ އަގުވައްޓާލަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް މިހުރިހާ މަސައްކަތެއް ފޭލިވެގެން ދިޔައީ އޭނާ ޕާޓީން ވަކިކުރުމަށް ނިންމުމާ ގުޅިގެންނެވެ.
މިއީ ފަތާމީހާގެ ސިޔާސީ ހަޔާތުން ބައެކެވެ. ދެން މީނާގެ ސިޔާސީ ހަޔާތަށް ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބަލާލަމާ ހިގާށެވެ. 2008ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންގެ ތެރެއިން ފަހަތުން ދެވަނަ ލިބިފައިވެއެވެ. އެއިންތިހާބުގައި އޭނާ ފިޔަވާ ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނަކީވެސް ސިޔާސީ ހަޔާތުގައި ސިޔާސީ އެކިއެކި ވަޒީފާތައް އަދާކޮށްފައިވާ މީހުންނެވެ. އެގޮތުން 3 ބޭފުޅުންނަކީ މިނިސްޓަރުންގެ ގޮތުގައި އެކި ދުވަސްވަރު މަސައްކަތް ކޮށްފައިވާ ބޭފުޅުންނެވެ. އަނެއް ދިވެހިރާއްޖޭގެ ކަތީބު ވެސް ހިމެނޭ ގޮތުން 3 ބޭފުޅުން މަޖުލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނެގުނު ކަތީބަކީ 30 އަހަރު ގައުމުގެ ވެރިއެއްގެ ގޮތުގައި ގަދަކަމުން ނަމަވެސް ހުންނެވި ބޭފުޅެކެވެ. އެހެން ކަމުން މިއިން އެއްވެސް މަގާމެއް ނުލިބޭ ބޭފުޅެއްގެ ގޮތުގައިވެސް މިހާތަނަށް ހުންނެވީ މި ދެންނެވި މައިބަދަ ބިންދާ ކަލޭގެ ކަމަށް މީހުން ބުނާ ކަލޭގެ އެވެ..