މަރުހަބާ ދެންނެވުން: ޤައުމީ ކްރިކެޓް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީއަށް އެމްޑީޕީން މަރުހަބާ ދެންނެވުން

އޭސީސީ ޓްރޮފީ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި، އެމްޑީޕީ ސެކްރެޓޭރިއަޓްގެ މުޥައްޒަފުންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޤައުމީ މަޖިލީހުގެ މެންބަރުންނާއި، ޕާލަމެންޓްރީ ގްރޫޕްގެ ރައީސާއި އެގްރޫޕްގެ މެންބަރުންނާއި، އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީއާއި، އެމްޑީޕީގެ ޗެއަރޕާސަންގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ހޫނު މަރުހަބާއާއި ތަހުނިޔާ އަރިސްކުރަމެވެ.
ޤައުމީ ކްރިކެޓް ޓީމް ހޯދާފައި މިވަނީ ވަރަށް ފުރިހަމަ، ފަޚުރުވެރި ކާމިޔާބީއެކެވެ. އަދި އަޅުގަނޑުމެންގެ އުއްމީދަކީ ކްރިކެޓާއި އެހެނިހެން ކުޅިވަރުތަކުން ވެސް މިފަދަ ފަޚުރުވެރި ކާމިޔާބީތައް ތަކުރާރުވެ، ބައިނަލްއަޤްވާމީ ކުޅިވަރު ދަނޑުތަކުގައި ވެސް ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެން ދިއުމެވެ.
މި ފުރުޞަތުގައި ދިވެހި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކޮށް، ސަރުކާރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ.

މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން