– މާލިއްޔަތު ޤާނޫނުގެ ހަތަރު މާއްދާއެއް ޤާނޫނު އަސާސީއާ ޚިލާފްކަމަށް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބު ސްޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި
އިބްރާހީމް ރާމިޒް

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުނުކޮށް މަޑުކޮށްފައިވަނިކޮށް، އެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އިންސާނީބާރު ނުފޯރާފަދަ، އިޙްތިޔާރުންބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ، ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްވެގެން ފޮނުވާ ބިލުތައް ލަސްކުރުމަކާނުލައި ތަޞްދީޤުކުރަންވާނެކަމަށް އެކޯޓުން ޙުކުމްކުރައްވާފައިވާތީ، މިދެންނެވި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވައިފިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ޤާނޫގެ ބައެއް މާއްދާތައް އެއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާއްދާތަކެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނުތައް ފާސްވަންދެން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކަށް ޢަމަލު ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދެއްވުމަށް ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ވަނީ މިއަދު ހުށަހަޅުއްވާފައެވެ.