ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލް ތަޞްދީޤު ކޮށްފި

13 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަޞްދީޤު ކުރައްވައިފިއެވެ.

މިއީ، ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކުރުމާއި، ދިވެހިރާއްޖޭގައި ހިންގާ ބޭންކުތަކުގެ ކަންތައްތައް އިންތިޒާމު ކުރުމާއި، ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ބޭންކުތައް ހިންގުމަށްޓަކައި ޢަމަލު ކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުމަށާއި، ބޭންކުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ކޮންޒަވޭޓަރުންނާއި، ރިސީވަރުން ޢައްޔަން ކުރުމާއި، ބޭންކުތައް އިފްލާސް ކުރުމާއި، ބޭންކުތަކާ ގުޅޭ މިނޫންވެސް ކަންކަން ކަނޑައެޅުމަށް ހަދާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ބޭންކިންގއާބެހޭ އުޞޫލުތައް އެކަށައަޅައި، އެ އުޞޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމު ހިނގާތޯ ބެލުމެވެ. އެގޮތުން ބޭންކިންގ ނިޒާމުގެ ހަރުދަނާކަން ހިފަހައްޓައި، ބޭންކިންގ ނިޒާމާ ދޭތެރޭ ޢާންމުންގެ އިތުބާރު ދެމެހެއްޓުމާއި، ބޭންކުގެ ޑިޕޮސިޓަރުންނާއި ކްރެޑިޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ބޭންކިންގ ނިޒާމަށް އެކަމަކުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކަންކަމަށް ތައްޔާރުވެ، އެކަންތައްތަކާމެދު އެކަށޭނަ ފިޔަވަޅު އެޅުމާއި،މަނީ ލޯންޑްރިންގއާއި، ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ކުށްތަކާއި، ޚިޔާނާތާއި އަދި މިނޫންވެސް މާލީ ކުށްތައް ހުއްޓުވުމާއި، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ވާދަވެރިކަން ފުޅާކުރުމާއި، ބޭންކިންގ ނިޒާމަކީ ޢާންމުންގެ ބޭނުންތަކާ އެއްގޮތަށް ބޭންކިންގ ޚިދްމަތްތައް ފޯރުކޮށްދޭ އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ނިޒާމެއް ކަމުގައި ހެދުމަކީ މި ޤާނޫނުން ހާސިލްކުރެވޭނޭ މުހިއްމު ކަންތައްތަކެވެ.

ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭޤާނޫނު ތަންފީޛުކޮށް ހިންގާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ.