ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަކަށް ޑރ.ޝަހީދު ހަމަޖައްސަވައިފި

12 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަކަށް ޑރ.ޝަހީދު ހަމަޖައްސައިފިއެވެ.
ނައިފަރު ދާއިރާގެ އެމްޑީޕީގެ ރައީސް ޑރ.އަޙުމަދު ޝަހީދު މިމަޤާމަށް ހަމަޖެއްސެވީ އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީން މިއަދު އެޕާޓީގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަކީ އެޕާޓީގެ ޤައުމީ މަޖިލީހުގެ 85 ވަނަ ޖަލްސާގައި އައްޔަންކޮށްފައިވާ 7 މެންބަރުންގެ ކޮމިޓީއެކެވެ. މި ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ އިތުރުން އެގްރޫޕްގެ އަމީންއާންމު ހާމިދު އަބްދުލްޤަފޫރާއި،ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމް އާއި އެ ގްރޫޕްގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ އާއި އެމްޑީޕީ މުލަކު ދާއިރާގެ ރައީސް އަހުމަދު ޝަފީޤް އަދި ކާށިދޫ ދާއިރާގެ ރައީސް (ދޮންބިލެތް) އަޙުމަދު ޙަލީމް އެވެ.