12 ޑިސެމްބަރ 2010
– އެމްޑީޕީގެ ސަފުތައް ރޫޅާނުލުމަށް ޗެއަރޕާސަން އިލްތިމާސްކުރެއްވި
އިބްރާހީމް ރާމިޒް
މިއަންނަ ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާއިން މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ މުޙައްމަދު ޢަބްދުލް ކަރީމް (ރުކުމާ) ގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ލޮނުޒިޔާރަތްމަގުގައި ހުންނަ ހ.ނޯރައިޓްވިލާގައި ހަދާފައިވާ ރުކުމާގެ ކެމްޕެއިން ޖަގަހައެއް ކަމަށްވާ، “ވާންކުރާ ޖަގަހަ”އިގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި، ހ.ރުކުމާ، މުޙައްމަދު ޢަބްދުލް ކަރީމް އަކީ ވަރަށް ކުރިން ފެށިގެން އެމްޑީޕީއާއެކު ވަރަށް ހީވާގިކަމާ، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުން ގެންދަވާ ފަރާތެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ދާއިރާގެ ޕްރައިމަރީގައި ބޮޑު އަޣްލަބިއްޔަތަކުން ރުކުމާއަށް ކާމިޔާބު ލިބިލެއްވީ އެމްޑީޕީގެ މެންބަރުން އޭނާގެ ޚިދުމަތް ބަލައިގަންނާތީ ކަމަށް ވިދާޅުވިއެވެ.
މާލޭ މުނިސިޕަލްޓީގެ ރައީސް (ސަރަނގު) އާދަމް މަނިކާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެހެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި މާރިޔާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެއް ޕާޓީ އަކަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ އެމްޑީޕީ ނަމަވެސް އެ އިންތިޚާބުގައި އެންމެ އެކަށީގެންވާ ފަދަ ކާމިޔާބީއެއް އެމްޑީޕީއަށް ނުލިބުނީ ޕާޓީގެ ތެރެއިން އެއް ބޭ ފުޅަކު އަނެއް ބޭފުޅަކާ ވާދަކުރެއްވުމުގެ ސަބަބުން ކަމަށާއި، އެހެން ކަމުން މި އިންތިޚާބުގައި އެމްޑީޕީގެ ސަފުތައް ރޫޅާ ނުލައި އެންމެން ގުޅިގެން މިއިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރުމަށް ޗެއަރޕާސަން އިލްތިމާސްކުރެއްވިއެވެ.
މި ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ހާމިދު ޢަބްދުލްޤަފޫރު ވިދާޅުވީ، ހެންވޭރުގައި އެންމެ ކުރިން އުފެއްދި އެމްޑީޕީގެ އެއް ގޮފި ކަމަށްވާ އެންބޭރު ގޮފިން ފެށިގެން، ރުކުމާ މުހައްމަދު ޢަބްދުލް ކަރީމަކީ ހާމިދުއާއެކު އެމްޑީޕީއަށް މަސައްކަތްކުރުމުގައި ދެމިހުންނެވި ހީވާގި ބޭފުޅެއް ކަން ފާހަގަކުރެއްވިއެވެ. އަދި ހެންވޭރު ދެކުނު ދާއިރާގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާކަން ވެސް ހާމިދު ފާހަގަކުރެއްވިއެވެ.
ރުކުމާ މުޙައްމަދު ޢަބްދުލްކަރީމަކީ ވޭތިވެދިޔަ އާންމު އިންތިޚާބުގެ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ ޕްރައިމަރީގައި ހާމދި ޢަބްދުލް ޣަފޫރާއި ވާދަކުރެއްވުމަށްފަހު، އެ ޕްރައިމަރީ ކާމިޔާބުކުރެއްވި ހާމިދު ޢަބްދުލްޤަފޫރުގެ ކެމްޕެއިންގައި އިޚްލާސްތެރި ކަމާއެކު އެމްޑީޕީއަށް ކާމިޔާބު ހޯއްދެވުމަށް މަސައްކަތްކޮށްދެއްވި ބޭފުޅެކެވެ. ،