ނޫސްބަޔާން: އެމް.ޑީ.ޕީ ނަޑެއްލާ ޒުވާނުންގެ ގޮފި އަދި ނަޑެއްލާ ފިޔަލަ ގޮފީގެ ނޫސްބަޔާން.

mdp-logo

11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހު މި ރާއްޖޭގައި އުފެދުނު ސަރުކާރަކީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހެވާއި ލާބަޔަށް އުފެދުނު ސަރުކާރެކެވެ. ޒަމާންވީ ޤަބީލާގެ ޙުދުމުޙުތާރު ވެރިން ނިމުމަކަށް ގެނެސް ރައްޔިތުންގެ ސަރުކާރެއް ވުޖޫދަށް ގެނެވުމާއިއެކު ހއ . ތުރާކުނުން ފެށިގެން ސ. ގަމާއި ހަމަޔަށް މި ސަރުކާރުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢު ތަށް އެކީ އެކަށްޗަކަށް ހިގައިގަތެވެ. 30 އަހަރުވީ ސަރުކާރުގަ އުޒުރުވެރި ވެފައިވީ އެތަކެއް އަސާސީ ޙިދުމަތް ތަކެއް ރައްޔިތުން ނަށް ފޯރުކޮށް ދިނުމަށް މި ސަރުކާރުން މަސައްކަތް ފެށިއެވެ. ފާއިތުވީ 2 އަހަރު ތެރޭ މިސަރުކާރުގެ ގިނަމަޝްރޫއުތަކެއްފެށި ނުހަނު ބާރުމިނުގައި ހިގައިގަތުމަށް ވަނީ ފެށިފައެވެ.
ފާއިތުވީ 30 އަހަރުގެ ގިނަ ދުވަސް ތަކުގައި ސަރުކާރުގެ އެހީއާއި މަދަދުން މަޙުރޫމް ވެފައިތިބި މި ނަޑެއްލާގެ ނިކަމެތި ރައްޔިތުންނަށް ތިރީސް އަހަރުވީ ސަރުކާރުގެ ފަހުނޭވާގައި އެމް ޑީ ޕީ ގެ ޕްރެޝަރުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ކަންތައް ތަކެއްކޮށްދެވުނު ކަމުގައިވިޔަސް ރައްޔިތުންނަށް އަސާސީ ޙިދުމަތް ދިނުމަށް ވަނީ އުޒުރުވެރިވެފައެވެ. ނަމަވެސް ރަޢީސް ނަޝީދުގެ ސަރުކާރުގެ ފާއިތުވީ 2 އަހާރުގެ ކުޑަދުވަސް ކޮޅުގެ ތެރޭގައި މި ނަޑެއްލާ އަށް ކޮށްދެއްވާފައިވާ އަދި ކޮށްދިނުމަށް ހަމަޖެހިފައިވާ ގިނަކަންތަށް ތަކަކީ ރައްޔިތުން އެކަމަކަށް ޓަކައި ނުހަނު ހިތާހިތާ ބޭނުންވެފައިތިބި ކަންތަށްތަކެކެވެ. މިކަންކަން ރައްޔިތުންބަލައިގަންނަނީ ނުހަނު އުފަލާއި އެކުގައެވެ. އެއްވެސް ހާލެއްގައި މި ކަންކަން ރައްޔިތުންނަށް ޓަކައި ކޮށްދެއްވާފައިވަނީ އިދިކޮޅު އެއްވެސް ޕާޓީއެއްގެ ޕްރެޝަރެއް އޮވެގެންނެއްނޫނެވެ. އެބޭފުޅުންގެ އިސްވާޖިބެއްކަމަށް ދެކެވަޑައިގަންނަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންގެންދާ ކަންތައްތަކަށް ހުރަސްއެޅުމެވެ. އަދި ކޮށްދެވިފައިވާ ކަންތަށް ތަކަށް އަދި ކޮށްދެމުންދާ އަދި ހަމައެޔާއިއެކު ކުރުމަށް ހަމަޖެހިފައިވާ އެކިއެކި ކަންކަމަށް އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުގެ ސަބަބުން ހުރަސްއެޅިފައި ވާކަންވެސް މި ފުރުސަތުގައި ހިތާމަޔާއިއެކުގައި ފާހަގަ ކޮށްލަމެވެ.
ފާއިތުވި 2 އަހަރުގެ ތެރޭގައި ރައީސް ނަޝިދުގެ ސަރުކާރުން ނަޑެއްލާގެ ތަރައްޤީ އަށް ޓަކައި ކޮށްދެމުންދާ އަދި ކޮށްދީފައިވާ އަދި ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ނަޑެއްލާގެ ރައްޔިތުންނަށް ފެނާއި ނަރުދަމާ ގެ ހިދުމަތް ދިނުމަށް ޓަކައި މިހާރުވަނީ އެމެރިކާގެ ޔޫ.އީ.އެމް ކުންފުންޏާއި ހަވާލުކުރެވިފައެވެ. ރައްޔިނުންނަށް ބޭނުންވާ ކައްކާގޭސް ރައްޔިތުންގެ އަތްފޯރާ އަގެއްގައި ހަމަހަމަ އުސޫލަކުން ފޯރުކޮށް ދިނުމަށް ޓަކައި އަޕަރ ސައުތު ޔުޓިލިޓީޒް ގެ ފަރާތުން ފާއިތުވީ 1431 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ވަނީ ފެށިފައެވެ. ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ޙިދުމަތް އިރުގެ ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ހަރަދު ކުޑަގޮތެއްގައި ފޯރުކޮށްދިނުމަށް ޓަކައި މިހާރުވާނީ އިންޑިޔާގެ ކުންފުންޏެއްކަމަށްވާ “ބީ.ބީ.އެމް އިންފްރާ ލިމިމިޓެޑް” އާއި ޙަވާލުކުރެވިފައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން ނަޑެއްލާގެ ފަޅުގެ ބޭރު ނެރު އަދި އެތެރޭނެރު ފުންކުރެވި އެ 2 ނެރުގައި ވަނީ ބައްތިޖެހިފައެވެ. ނަޑެއްލާގެ ޒުވާނުން ކުޅިވަރުކުޅުމަށް ޓަކައި އެކަށީގެންވާ ފުޓްބޯޅަ ދަޑެއް ހެދުމުގެ މަސައްކަތާއި ، ނަޑެއްލާ ސްކޫލްގެ ދަރިވަރުން ކުޅިވަރު ކުޅުމަށް ޓަކައި އެކަށީގެންވާ ޕްލޭގްރައުންޑެއް ނެތުމުގެ ސަބަބުން ޕްލޭގްރައުންޑް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދެއެވެ. މި ސަރުކާރުގެ އަމާޒަކީ ( އެމް ޑީ ޕީ ގެ އެދުމަކީ ) ނަޑެއްލާގެ ރައްޔިތުންނަކީވެސް އަބުރުވެރިކަމާާއިއެކު ފުދިގެން އުޅޭ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީ އިން ލިބިދެވެންޖެހޭ ހުރިހާ އަސާސީ ޙިދުމަތެއް ފުރިހަމަޔަށް ލިބިދެވޭ ފުދުންތެރި އަބުރުވެރި ރައްޔިތަކަށް ވުމެވެ.

ބަޔާން ނެރުނީ :- މުޙައްމަދު ޢަބްދުﷲ އަބްދުﷲ ރަޝީދު
(ނަޑެއްލާ އެމް ޑީ ޕީ. ޒުވާނުންގެ ގޮފީގެ ރަޢީސް ) ( އެމް.ޑީ.ޕީ ނަޑެއްލާ ފިޔަލަ ގޮފީގެ ރަޢީސް )