ހޯމް މިނިސްޓަރު ކަމަށް އަފީފް އަދި އެޑިއުކޭޝަން މިނިސްޓަރު ކަމަށް ޝިފާ

shifa-afeef1

މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމަށް ގަލޮޅު ބޮޑުގާދޮށުގޭ ޙަސަން ޢަފީފް އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމަށް ގަލޮޅު ޖަނަވަރީމާގޭ ޝިފާ މުޙަންމަދު ޢައްޔަން ކުރައްވައި، އެ ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ އިއްޔެ ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ދެބޭފުޅުން މި ޢައްޔަން ކުރެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ޙަސަން ޢަފީފަށާއި، ޝިފާ މުޙަންމަދަށް، މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

މިދެބޭފުޅުންގެ ތެރެއިން ޙަސަން ޢަފީފް މިހާތަނަށް ހުންނެވީ، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ކަމުގެ މަގާމުގައެވެ. ޝިފާ މުޙަންމަދު ހުންނެވީ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމުގައެވެ.