ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން އެމްޑީޕީން ރަސްމީކޮށް ފަށައިގެން ކުރިޔަށް ދަނީ

ޢަބްދުﷲ ޖުނައިދު

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރަސްމީކޮށް ފަށައިފި އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމީ ބައްދަލުވުން އޮތީ ރޭ ލ. އަތޮޅުގައެވެ. މިބައްދަލުވުމާ އެކުއެކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިކެމްޕޭނު ލޯންޗް ކުރުން ރަސްމީކޮށް ކުރިޔަށް ދިޔައެވެ.
އެރަށެއް ނުވަތަ އެދާއިރާއެއްގައި ހިމެނޭ އެމްޑީޕީގެ ކެނޑިޑޭޓުން ސްޓޭޖްތަކުގައި އަތާއި އަތްގުޅައި އެމްޑީޕީގެ ކެނޑިޑޭޓުންނަކީ އެކުވެރި ޓީމެއްގެ ގޮތުގައި ތިބި ކެނޑިޑޭޓުންކަން ރައްޔިތުންނަށް ރޭ އެމްޑީޕީން ވަނީ ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ.
ހދ. އަތޮޅާއި ނޫނު އަތޮޅުން މަޢުލޫމާތު ލިބުނު ގޮތުގައި އެއަތޮޅުތަކުގެ ހުރިހާ ދާއިރާއާއި ރަށްތަކުން ވަރަށް ކުލަގަދަކޮށް އެމްޑީޕީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ލޯންޗް ކުރިއެވެ. އަދި ކެނޑިޑޭޓުން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކައި އެމްޑީޕީގެ ރަސްމީ ބޮނޑިބަތް ޖާފަތާއިގެންވެސް ރޭ ކުރިޔަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން 944 ކެނޑިޑޭޓުން ވާދަކުރާގޮތަށް ހަމަޖެހިފައި ވެއެވެ. އެއީ ދާއިރާތަކުން 130 ކެނޑިޑޭޓުންނާއި ރަށްފުށުގެ 797 ކެނޑިޑޭޓުންގެ އިތުރުން ސިޓީކައުންސިލަށް ކުރިމަތިލެއްވި 17 ކެނޑިޑޭޓުންނެވެ.
ހއ ގެ 66 ކެނޑިޑޭޓުންނާއި، ހދ ގެ 70 ކެނޑިޑޭޓުންނާއި، ށ އަތޮޅުގެ 74 ކެނޑިޑޭޓުންނާއި، ނ އަތޮޅުގެ 66 ކެނޑިޑޭޓުންނާއި، ރ އަތޮޅުގެ 83 ކެނޑިޑޭޓުންނާއި، ބ އަތޮޅުގެ 49 ކެނޑިޑޭޓުންނާއި، ޅ އަތޮޅުގެ 24 ކެނޑިޑޭޓުންނާއި، މާލެ އަތޮޅުގެ 43 ކެނޑިޑޭޓުންނާއި، އއ އަތޮޅުގެ 46 ކެނޑިޑޭޓުންނާއި، އދ އަތޮޅުގެ 40 ކެނޑިޑޭޓުންނާއި، ވ އަތޮޅުގެ 27 ކެނޑިޑޭޓުންނާއި، މ އަތޮޅުގެ 36 ކެނޑިޑޭޓުންނާއި، ފ އަތޮޅުގެ 25 ކެނޑިޑޭޓުންނާއި، ދ އަތޮޅުގެ 32 ކެނޑިޑޭޓުންނާއި، ތ އަތޮޅުން 60 ކެނޑިޑޭޓުންނާއި، ލ އަތޮޅުގެ 53 ކެނޑިޑޭޓުންނާއި، ހުވަދު އަތޮޅު އުތުރުބުރީ 48 ކެނޑިޑޭޓުންގެ އިތުރުން އެއަތޮޅު ދެކުނުބުރީ 55 ކެނޑިޑޭޓުން އަދި ޏ އަތޮޅުގެ 30 ކެނޑިޑޭޓުންނެވެ. ދެސިޓީން ވާދަކުރަނީ 17 ކެނޑިޑޭޓުންނެވެ.
މީގެތެރެއިން މާލެ ސިޓީގައި އެމްޑީޕީ ތަމްސީލުކުރާ 11 ދާއިރާގެ ކެނޑިޑޭޓުން ވަރަށް ޚާއްޞަ ބައްދަލުވުމެއް ޕާޓީ މައި ހަރުގޭގައި ބާއްވާނެކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.