އައްޑޫ ސިޓީ އަކީ އެމްޑީޕީ ކަމަށް އެސިޓީން ސިފަކޮށްފި

ޢަބްދުﷲ ޖުނައިދު

އައްޑޫ ސިޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޓީއެއް ކަމަށް ސިފަކޮށްފިއެވެ.
އެސިޓީގެ އެމްޑީޕީ ކޯޑިނޭޓަރ ޢަލީ އަޒްވަރު ވިދާޅުވީ އެމްޑީޕީން ކޮންމެ ދާއިރާއަކަށްވެސް ކެނޑިޑޭޓަކު މިހާރު ނެރެފައިވާ ކަމަށާ މިރެއަށްފަހު ރަސްމީ ކެމްޕޭނު ފެށިގެންދާނެ ކަމަށެވެ. އެއީ އެމްޑީޕީ ސިޓީއެއް ކަމަށް ސިފަކުރައްވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ކެނޑިޑޭޓުންނާ ވާދަކުރެވޭވަރުގެ ކެނޑިޑޭޓަކުވެސް ހުރިކަމަށް ޤަބޫލުފުޅު ނުކުރެވޭ ކަމަށެވެ. “އިދިކޮޅު ފަރާތްތަކުންވެސް އެބަތިބި މީހުން ނެރެފަ، އެހެންނަމަވެސް ޕާޓީ ސިޓީގެ (އެމްޑީޕީ އައްޑޫ ސިޓީ) ކެނޑިޑޭޓުންނާއި ވާދަކުރެވޭނެ ވަރުގެ މީހަކު ނެތް. ކައުންސިލް އިންތިޚާބުގަ މިސިޓީން ނެރެފައި ތިބި ހުރިހާ ކެނޑިޑޭޓުންނަކީވެސް މިއިންތިޚާބުގައި ވާދަކުރުމަށް މުޅި އައްޑޫ ސިޓީގައިވެސް ތިބި އެންމެ އެކަށީގެންވާ ކެނޑިޑޭޓުން” ކޯޑިނޭޓަރ އަޒްވަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަކީ ހުޅުމީދޫ ދާއިރާއަށް މިދޫ ކަށިމާވިލާ ހަސަން ޝާހިދު، ފޭދޫ ދާއިރާއަށް މަގުމަތީގޭ އަޙްމަދު މިރުޒާދު، މަރަދޫ ދާއިރާއަށް ހަޒާރުގޭ ޢަބްދުﷲ ތައްޔިބު، ހިތަދޫ އުތުރު ދާއިރާއަށް ކައުސަރު ޢަބްދުﷲ ޞާދިޤު އަދި ހިތަދޫ މެދު ދާއިރާއަށް ނާޒް ހުސައިން ހިލްމީއާއި ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލެއްވި މާބަގީޗާގޭ ހުސައިން ފަހުމީ އެވެ.