ޤާނޫނު އަސާސީ ޙިމާޔަތްކުރުންމަތީ ދެމިހުންނާނަން – މޫސަ

ދިޓީވީއާ ދެކޮޅަށް ތަފާތު 7 މައްސަލައެއް މޫސަ ހޯމް މިނިސްޓަރަށް ހުށަހަޅުއްވައިފި

އިބްރާހީމް ރާމިޒް

moosa1

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނަގަހައްޓައި ޙިމާޔަތްކުރުންމަތީ އަބަދުވެސް ދެމިހުންނަވާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ދިޓީވީއާ ދެކޮޅަށް ހޯމް މިނިސްޓްރީއަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގެ މަޢުލޫމާތު އެމްޑީޕީ މީޑިއާ އަށް ދެއްވަމުންނެވެ.
މޫސަ ވިދާޅުވީ މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަބަދުވެސް މޫސައާ މެދު ޒާތީ ގޮތެއް ގެންގުޅޭ ކަމަށާއި، އެގޮތުން ކުރީގެ ވެރިކަމުގައި އެވެރިކަމުގެ ފަރާތުން އެމަނިކުފާނަށް ދެއްކީ ޖަލުގެ ކަސްތޮޅުގެ އަނިޔާވެރިކަން ކަމަށާއި، މިއަދު އެފަރާތްތަކަށް ލިބިފައިވާ ބާރަކީ މީޑިއާ ކަމަށާއި މީޑިއާގެ ބޭނުންކޮށްގެން އެމަނިކުފާނުގެ އަބުރުނަގާލައި މާލީ ގޮތުން އިނދަ ޖައްސާލުމަށް އިދިކޮޅު ފަރާތްތަކުން މިއަދު ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ކާރުގައި ރާ އުފުލީ ޑްރައިވަރާއި އެ ޑްރައިވަރުގެ ރަހުމަތްތެރިން ނަމަވެސް އެދުވަހުވެސް ފުލުހުންނަށް ވުރެ ކުރިން އެކާރު އޮތްތަނަށް ދިޔައީ ދިޓީވީގެ ކުރޫ ކަމަށް މީހުން ބުނަމުންދާ ދިއުމުގައި، ހީލަތްތެރިރޭވުންތަކަކާއި، ފޮރުވިފައިވާ ޙަޤީޤަތްތަކެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަރަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ.
ސާބިތު ނުހިފޭ އެތައް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ދިޓީވީން ފޮނުވާފައިވާ ޚަބަރުތަކުގެ ސަބަބުން، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންގެ އަބުރަށް ގެއްލުންވެ، މަޖިލީހުގައި އަދާކުރައްވާ ގާނޫނީ ވާޖިބަށް ހުރަސްއެޅި އާއިލާއަށް ނަފްސާނީ ގޮތުން ގެއްލުންވުމާއި، އެމަނިކުފާނުގެ އާއިލާގެ ކުންފުނި ކަމަށްވާ ހެވީލޯޑް ކުންފުންޏަށް ބޮޑެތިގެއްލުން ވެފައިވާތީ އަންނަނިވި ކަންކަމުގެ މައްޗަށް ދިޓީވީ ޗެނަލްއާއި އެތާގެ ހިއްސާދާރުންނާއި ޚަބަރު ހަދާފަރާތްތަކުންނާއި ޚަބަރު އެޑިޓްކުރާ ފަރާތްތަކާއި ޚަބަރު ދުރައްދައްކާ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރައްވަންއެދިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރ މުޙައްމަދު ޝިހާބަށް މޫސަ އިއްޔެ ފޮނުވި ފޮނުއްވި ސިޓީފުޅުގައިވެއެވެ.
މި ސިޓީފުޅުގައި ތަފާތު 7 މައްސަލައެއް ފާހަގަކުރައްވާފައިވާއިރު، އެ މައްސަލަތަކުގެތެރޭގައި، “އިސްލާމްދީނުގައި ހައްދު ކަނޑައަޅާފަދަ މައްސަލައެއްގެ ގޮތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރ އިލްހާމް އަހްމަދު ބުނެފައިވާ އަޅުގަނޑުގެ ބަފާ ކަށަވަރު ނުވާކަން ދިޓީވީއަށް ޔަގީންވާތީތޯ އެވާހަކަ ތަކުރާރުކޮށް ގެނެސްދިނީ އެހެންކަމަށްވާނަމަ އަޅުގަނޑަކީ ބައްޕަ ނެތް ދަރިއެއްކަން ސާބިތުކޮށްދިނުން” އެދިވަޑައިގަންނަވާ ކަމަށާއި، “އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ މައްސަލައެއްގެ ގޮތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ބުނެފައިވާ އަޅުގަނޑުގެ ނަހަލާލް ދަރިއެއް މަރިޔަމް ނިޝާ ކިޔާ އަންހެނަކަށް ހުރިތޯއާއި، ހުރިކަމަށްވާނަމަ ސާބިތު ކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށާއި، މި ދެ ކަމަކީވެސް އިސްލާމީ ޝަރީއަތުގައި ހައްދުކަނޑައަޅާފައިވާ ކަންކަމަށްވާއިރު މިއިން އެއްވެސްކަމެއްގެ ސާބިތު ހެއްކެއްނެތި އެއްވެސް ފަނޑިޔާރު ގެއެއްގައި މި ދެ ކަމުންކުރެ ކަމަކާއި މެދު ޝަރީއަތެއް ހިންގާ ހުކުމެއް ކޮށްފައި ނުވާއިރު މީހަކު ދެއްކި ވާހަކައެއް ޚަބަރެއްގެ ސިފާގައި ގެންނަން ނުޖެހޭކަމާއި ޚަބަރު ފެތުރުމުގެ މިނިވަންކަމުން ބޭރުގައި ގަސްދުގައި އަބުރު ދުއްވާލުމުގެ މައްސަލަ އުފުއްލަވާ ކަމަށާއި، ހެވީލޯޑް ކުންފުނީގެ މާލީ ތަނަވަސްކަން ހަލާކުކޮށްލުމަށް މަސައްކަތްކުރުމާއި ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުންގެ ހައްގުތަކަށް އަރައިގަތުމުގައި ޤަނޫނު އަސާސީއިންލިބިދޭ އެންމެހާ ހައްގުތައް ނިގުޅައިގަންފައިވާތީ ޤަނޫނު އަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހައްލެއް ހޯދުމާއި ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ” ހުށަހަޅުއްވާ ކަމަށް އެސިޓީފުޅުގައި ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން ވެސް މީހެއްގެ އަބުރާއި އިއްޒަތް ސަލާމަތްކޮށް ރައްކާތެރިކުރުމަކީ ހަމަކޮންމެ މީހެއްގެވެސް ޒިންމާއެއްކަމަށް ޤަނޫނުއަސާސީގެ 67ވަނަމާއްދާގެ
(ހ)ގައި ބުނެފައިވާއިރު ގަސްދުގައި ބަރަހަނާ މަންޒަރާއި އަޑު ހިމެނޭ ފިލްމެއް ބަލާފައި އައިސް މަޖިލީހުގެ ޖަލްސާއަކަށް ވަދެއިންކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު މަޖިލީހުގެ ތަޅުމުގައި ބުނެފައިވާ ބުނުން ތަކުރާރުކޮށް ދިޓީވީން ޚަބަރެއްގެ ސިފާގައި ގެނެސްދީފައިވަނީ ޤަނޫނު އަސާސީގެ ރޫހާއި ޙިލާފަށްކަމަށްވުމާއި ދިވެހިރާއްޖޭގެ ޤަނޫނުލް އުގޫބާތުގައި ބުނާ މިކުށަކީ މީހަކު ކުރިކަން އެނގިޖެނަމަ އެކަން ތަހްގީގްކޮށް ޝަރީއަތަށް ހުށައަޅަން ޖެހޭވަރު ކުށެއްކަން ދިޓީވީގެ ވެރިންނަށާއި ޚަބަރުހަދާ އާންމުކުރާ ފަރާތްތަށް އެނގޭހިނދު އެފަދަ ތަޙުޤީޤެއް ކޮށް ޝަރުއީ ޙުކުމެއްނެތަސް މިޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން އާއްމުންގެ މެދުގައި މިފަދަ ޚަބަރެއް ފަތުރާފައިވަނީ އެއްވެސް ހެއްކެއް ގަރީނާއެއް ހޯދުމެއް ނެތި ކަމަށް ވުމާއި އެކު މިފަދަ ކަމެއް މޫސާ މަނިކު ކުރެއްވިކަމަށް ޝަރީއަތަށް ސާބިތުކޮށްދިނުމަށް އެދި ޚަބަރު ހެދިފަރާތާއި މަޖިލީހުގެ ވީޑިއޯ އެޑިޓްކޮށް ދެއްކި ފަރާތުގެ މައްޗަށް ހުށަހަޅާ މައްސަލައަކާއި، ދިވެހިރާއްޖޭގެ ރައްޔިންތުންގެ މަޖިލީހާއި ދިޓީވީ ޗެނެލާއި މެދު ވެފައިވާ އެއްބަސް ވުމުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާއާއި ޚިލާފުވެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަބުރު ނަގާލުމަށް މަސައްކަތްކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހާއި ވެފައިވާ އެއްބަސްވުމުގެ ދަށުން މަޖިލީހުގެ މެމްބަރެއްގެ އަބުރު ނަގާލުމަށް ގަސްތުގައި މަސައްކަތްކޮށްފައިވާ މައްސަލައާއި މަޖިލީހުގައި ދިޓީވީއިން ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާ މައްސަލަ ބައްލަވައިދެއްވުން، ހޯމް މިނިސްޓްރަށް އިއްޔެ ފޮނުއްވި ސިޓީފުޅުގައި މޫސަ އެދިވަޑައިގެންފައިވެއެވެ.
މި ސިޓީފުޅާ ބެހޭ މައުލޫމާތު އެމްޑީޕީގެ މީޑިއާއަށް ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް އަދި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ވެސް ދިވެހި ރައްޔިތުންނަށްޓަކައި، އަމަލުކުރެވެމުންދާ ޤާނޫނު އަސާސީއާ ޚިލާފަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނޭ ކަމަށެވެ.