އެމްޑީޕީގެ އިސް ވަފްދެއް މިއަދު ލ. އަތޮޅަށް ފުރައިފި

9 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

picture-1192

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލްގެ ސީދާ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތަށް އެމްޑީޕީގެ އިސް އޮފިޝަލުންގެ ވަފްދެއް މިއަދު ލ. އަތޮޅަށް ފުރައިފިއެވެ.
މިއަދު ހެނދުނު ލ.އަތޮޅަށް ފުރި މި ވަފްދުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، އެޕާޓީގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި މި ވަފްދާ ލ. ކައްދޫ އިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ގުޅިވަޑައިގަންނަވާނެއެވެ.
އެމްއެންބީސީ ވަން އާއި ރާއްޖެ ރޭޑިއޯ އަދި ދިޓީވީ އިން ލައިވް ކަވަރޭޖް ގެނެސްދޭ މި ޖަލްސާ ބޮޑު ސްކްރީން މެދުވެރިކޮށް މާލެސިޓީއާއި، އައްޑޫ ސިޓީގެ އިތުރުން އަތޮޅުތަކުގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ މެންބަރުން އެއް ތަނެއްގައި ތިބެގެން ބަލާނޭ ކަމަށާއި، މިޖަލްސާ ހިނގަމުންދާއިރު، ކެމްޕެއިން ރަސްމީކޮށް ފައްޓާ ވަގުތު ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ އެމްޑީޕީގެ ކެންޑިޑޭޓުން ސްޓޭޖްގައި އަތާއި އަތް ގުޅާލައިގެން 15 ސިކުންތުގެ ވަގުތުކޮޅެއް ހޭދަކުރާނޭ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމްޑީޕީގެ ޗެއަރޕާސަން އާއި، އެޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވާހަކަދައްކަވާނެއެވެ. އަދި ޖަލްސާ ނިންމާލާނީ މި އިންތިޚާބުގައި އެމްޑީޕީއަށް ނަސްރުދެއްވުން އެދި ކުރާ ޚާއްސަ ދުޢާއަކުންނެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލްގެ ސީދާ ކެމްޕެއިން ބުރާސްފަތި ދުވަހުގެރޭ ރަސްމީކޮށް ފަށާއިރު، އެޕާޓީން ވަނީ ލޯކަލް ކައުންސިލް ކެމްޕޭން ލޯންޗިންގ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑުގައި ބާއްވާފައެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.