9 ޑިސެމްބަރ 2010
ފުނަމާ
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު މިވަނީ ތާރީޚެއް ކަނޑައޅި އެކަމަށް މަސައްކަތް ފެށިފައެވެ. މިއަދު އެންމެ އަޑުބާރުކޮށް ދެކެވެމުންދާ އެއްވާހަކަޔަކީ މިއިންތިޚާބު ” މިނިވަން އިންސާފުވެރި ” އިންތިޚާބަކަށް ވެދާނެތޯ ދެކެވޭ ވާހަކައެވެ. އެކިގޮތަށް އެކިކަންކަމާ ގުޅުވައިގެން ބޮޑުސުވާލެއްގެ ގޮތުގައި މިސުވާލުދަނީ ކުރެވެމުންނެވެ. އިންސާފުވެރި ގޮތެއްގައި މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ގެންދާއިރު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ބަސް މިޔާ އިދިކޮޅެވެ.
މިހާރު އަމަލުކުރެވެމުންދާ ޤާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރުވެސް މިގޮތަށް ވާހަކަ ދެކެވުނެވެ. އިންތިޤާލީ މަރުޙަލާގައި އިންތިޤާލީ ސަރުކާރެއް އޮވެގެން މެނުވީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމުގައި އެއިރު އަޅުގަނޑުމެން އަޑުބާރުލައި ބުނަމުން ދިޔައިރު އޭރުގެ ސަރުކާރުން އެކަމާ އެއްބަސް ވާކަށް ނެތެވެ. އިންތިޚާބުގައި މައުމޫނު ވާދަކުރެއްވީވެސް ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެންނެވެ. މުޅި ސަރުކާރާއި ސިވިލް ސާވިސްއާއި ފުލުހުންނާއި ސިފައިން އަދިކިއެއްތަ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ކޮންޓްރޯލް އޮތީ މައުމޫނުގެ އަތްޕުޅުގައެވެ. ދައުލަތުގެ މުދަލާއި އެހެނިހެން ވަސީލަތްތައްވެސް އިންތިޚާބުގެ ކެންޕޭނުގައި ބޭނުން ކުރެވެމުން ދިޔަވާހަކަ އަޑުބާރުކޮށް ދެކެވެމުން ދިޔައިރު އެކަންކަމާ ސަރުކާރުން ބައިޑަރުވެސް ހީނުކުރެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރު އައީ މައުމޫނަށް ކާމިޔާބު ނުވިނަމަވެސް ފަހިކޮށެވެ. ދެވަނަ ބުރުގައި ފެއިލްވިއިރު އަތޮޅުއޮފީސް ތަކުގައި އަތޮޅުވެރީންނާއި މުއާވިނުން އެހީތެރީން އަދި ރަށުއޮފީސްތަކުގައިވެސް ޑީއާރުޕީގެ ދިދަޖަހައިގެން ކަތީބުން ތިއްބެވެ. ދެވަނަ ބުރު ނިމިގެން ދިޔައީ މައުމޫނު ވެރިކަމަށް ކުރެއްވި ހުރިހާ މަސައްކަތެއް ފެނަށްވެ ނާކާމިޔާބުވެގެންނެވެ. އިންތިޚާބުގެ ސައްޚަކަމާމެދު ކުރީން އުފެއްދި ސުވާލުތައް އެހިސާބުން ނިމުނީއެވެ.
ދެން ފެނިގެންދިޔައީ ޤާނޫނުހަދާ މަޖްލީހުގެ އިންތިޚާބެވެ. ކޮންމެ ބަޔަކުވެސް ( ބޮޑުދެޕާޓީން) ގޮވަމުން ދިޔައީ އަޣުލަބިއްޔަތު ހޯދާނެ ކަމަށެވެ. ހަމަ ހުސްސިޔާސީ ވާހަކައަށްވެ އިންތިޚާބު ނިމުނުއިރު އެއްބަޔަކަށްވެސް އަގުލަބިއްޔަތެއް ނެތެވެ. އެއިރު ގޮވަމުން ގެންދިޔައީ ކައުންސިލަރުންނާއި ސަރުކާރުން އިންތިޚާބަށް ނުފޫޒުފޯރުވާ ވާހަކައެވެ. އިންތިޚާބު ނިމުނުއިރު އެބުނާ ނުފޫޒުވީ ޚިޔާލީ ވާހަކައަކަށެވެ. ސިޔާސީ ގޮތުން ދެކެވުނު ފުލެއްނެތް ވާހަކަތަކަށެވެ.
މިއަދު މިވަނީ އަނެއްކާވެސް އެއްކަލަ އަޑުތައް ގަދަވެ ވާހަކަތައް ވިހާންފަށާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެކިއަޑުން އެކިގޮތައް މިދަނީ ވާހަކަ ދެކެވެމުންނެވެ. އެންމެ ބާރީ ކައުންސިލަރުންނާއި އަޅުވާ ދައްކާ ވާހަކަތަކެވެ. ކައުންސިލަރުން އައްޔަންކޮށްފައިވާ ތަންތަނަށް އައްޔަން ކޮށްފައި އެވަނީ ޤާނޫނުއަސާސީއިން ރައީސުލް ޖުމްހޫރިއްޔާއަށް ކަށަވަރުވާ ބާރެއްގެ ދަށުންނެވެ. އެކަމާ ކިތަންމެ ފާޑެއް ކިޔަސް އެކަން ނިގުޅައި ގަތުމުގެ ބާރެއް ޤާނޫނަކުން ލިބިއެއް ނުގަނެވޭނެެވެ. ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހެއް ގެންނާށެވެ. މަޖްލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތާއީދު އޮންނާން ޖެހޭނެތާއެވެ.
ކަންމިހެން އޮތްއިރު ލޯކަލް ކައުންސިލްގެ އިންތިޚާބާ ގުޅޭގޮތުން ހެދި ގާނޫނުގެ ދެފޮލުވަތް ދޭތެރެއިން މިބާރު ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން ފިރާލުމަށް މަސައްކަތްކޮށް އެއްދުވަހަކު މިކަހަލަ މާއްދާއެއް ފާސްވެސް ކުރިއެވެ. ޖެހިގެންއައިދުވަހު އެމާއްދާއަށް ވޯޓުނެގުނުގޮތް ގޯސްކަމުގައިވެ އެހެން މަފްހޫމަކަށް ދީލާލައި އިންތިޚާބު އިއުލާނު ކުރުމުން އިންތިޚާބީ ދާއިރާތަކުގެ އޮފީސްތަކުގައި އެންމެ އިސްކޮށް ތިބޭނީ ސިވިލްސާވިސްއިން ކަނޑައަޅުއްވާ އިސް މުއައްޒިފެއް ކަމުގައި ލިޔެ ފާސްކޮށް އެވަނީ ނިންމާފައެވެ. މިމާއްދާއާއި ޤާނޫނުއަސާސީއާއި ތަޢާރަޒުވޭތޯ މިއީ އުފެދޭ ސުވާލެކެވެ. އެއްވެސް ޙާލަތެއްގައި ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނިގުޅައި ގަނެވިދާނެހެއްޔެވެ؟ އެބުނާ ސިޔާސީ ކައުންސިލަރުން ފެޔަށް ލުމަށްފަހު ދެން އެއޮފީސްތައް ހަވާލުކުރާ އެބުނާ ސިވިލް ސާވިސްގެ މީހުންނަކީ ކޮންފިކުރަކަށް ހުސްވެފައިތިބި ބަޔެއް ހެއްޔެވެ؟ ވީއިރު ބޮޑުމަންޒަރު ގައި މިއުޅެނީ ކޮން ކުލައެއް ޖައްސާން ހެއްޔެވެ؟ އެބުނާ ބަޔަކުގެ އަތްމައްޗަށް މުލިބާރު ގުޅަކޮށްދީފިނަމަ މިއިންތިޚާބު އިންސާފުވެރިވެ މިނިވަންވާނީ ކިހާވަރަކަށް ހެއްޔެވެ؟ އަދި ސިޔާސީ ގޮތުން ނިންމާންޖެހޭ ނިންމުންތައް މިމުއްދަތުގައި ނިންމުމުގެ ބާރު ސިވިލްސާވިސްގެ އަތްމައްޗަށް ދެވިދާނެހެއްޔެވެ؟
އިންތިޚާބުގެ ކަންކަން ހިންގުމާ ހަވާލުވެފައިވާ ބޮޑުމުއައްސަސާއަކީ އެލެކްޝަން ކޮމިޝަނެވެ. އެފަރާތުން އިންތިޚާބާބެހޭ އަތޮޅު ކޮމިޓީތަކާއި ރަށުކޮމެޓީތައް އެވަނީ އެކުލަވާލާފައެވެ. އެކަމުގެ ތެރެއަށް އެބުނާ ކައުންސިލަރުންނަށް ވަނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. އެނަމުގައި މީހަކުހުރުމަކީ ހަމައެކަނި ސަބަބުކަމުގައި ވާނަމަ މިމުއްދަތުގައި ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންވެސް ސަސްޕެންޑް ކުރާން ފެންނަކަމުގައި ބަޔަކު ދެކިފާނެތާއެވެ. އެހެންނޫނީ އެފަރާތްތަކުންވެސް ރަށްރަށަށް ދަތުރުކުރައްވައި ކަންކަން ކުރައްވާނެތާއެވެ. މިއީވެސް އިންތިޚާބަށް ނުފޫޒު ފޯރައިދާނެ ކަމެއްކަމުގައި ބުނެ މައްސަލައެއް އުފެއްދިދާނެ ޖާގައެބައޮތެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ ކަންކޮޅުތަކުގައި އެބުނާ އަތޮޅު އެލެކްޝަން ކޮމިޓީއާއި ރަށު އެލެކްޝަން ކޮމިޓީގައި ސިވިލްސާވިސްއިން ކަނޑައަޅައިގެން އެލެކްޝަން ކޮމިޝަނުން އިސްކޮށްފައިތިބި އެބުނާ އިސްވެރީން ފުލުޖަހައިގެން ބާއްވަމުން ގެންދާ ޖަލްސާތަކުގައި އެގޮވާ ގޮވެލިތަކުގެ ސަބަބުން އިންތިޚާބަށް ނުފޫޒު ފޯރާނެ ކަމުގައި ކިތައްމީހުން ބުނާނެބާވައެވެ. މިކަމަކީ އެލެކްޝަން ކޮމިޝަނުން މާބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ހެންނެއް ހީއެއް ނުވެއެވެ. އަބަދުވެސް އެކޮމިޝަނުގެ ރައީސް ދައްކަވަނީ ކައުންސިލަރުންގެ ވާހަކައެވެ. އެއީ ސަރުކާރަށް ގޮންޖެހުމަށް ކުރައްވާ ކަމެއް ނޫންކަމުގައިވިޔަސް އަސްލެއްނެތް ބަދުނާމުތަކެއް އެބަ ބަޔެއްގެ ބޮލުގައި އެޅެއެވެ. ޑިމޮކްރެސީގެ ހަމަތަކުގެ މަތީން މެޖޯރިޓީއަށް ތަބާވާންޖެހޭއިރު ކޮމިޝަނުގެ އެހެން މެންބަރުން ވަކިގޮތަކަށް ނިންމެވިޔަސް ތިމަންނާ އެކަން ޤަބޫލުނުކޮށް އިސްތިއުފާ ދޭނެކަމުގައި އެކޮމިޝަންގެ ރައީސް މީޑިޔާގައި ވިދާޅުވަމުން ގެންދަވާއިރު އެހެން ތައުފީގެއް މީޑިޔާތަކުގައި ހަމަމިމޭރުމުން ވާހަކަދައްކާ އަޑުއިވުމުން މިކަމަކީ އަނެއްކާ އާއިލާއަކުން ވާރުތަވެގެން އުޅޭ ކަމެއް ނޫންބާވައޭވެސް ހީވެއެވެ.
އެންމެ ފަހުން ބޭއްވުނު ދާއިރާތައް އެއްކޮށްލުމަށް ޚިޔާލު ހޯދި ވޯޓު ނެގުނުއިރުވެސް އެވިދާޅުވާ ކައުންސިލަރުންތައް ތިއްބެވެ. ވޯޓުގެ ނަތީޖާއަކުން ކައުންސިލަރުން ކުރިކަމެއް ދައްކައެއް ނުދެވުނެވެ. އެކަމަކު އެއްއަޑަކަށް ގޮވަމުން ގެންދިޔައީ ކައުންސިލަރުން ނުފޫޒު ފޯރުވާ ވާހަކައެވެ. ޙަޤީޤަތް އޮތީ ކޮންތާކުހެއްޔެވެ؟ އެކަމަކު ފާޅުވި އެއްކަމެއް އޮތެވެ. އެވިދާޅުވާ ކައުންސިލަރުން މިކަމާ ނުބެހި ދުރުގައި ތިބި މިންވަރުން ސަރުކާރުގެ ފަރާތުން އެއިންތިޚާބަށް ރައްޔިތުން ހޭލުންތެރި ނުކުރެވި އަދި މިކަމުގައި އެލެކްޝަންސްއިންވެސް މަސައްކަތް ނުކުރެވި ހަމައެކަނި އިދިކޮޅު ފަރާތްތަކާ އެފަހަރުވެސް އުފެއްދެވި ކޮމިޓީތަކުގެ ވިސްނުން ހުރިގޮތުން ރައްޔިތުން އެވޯޓާ މާދުރުގައި ތިބިކަން ވޯޓުގެ ނަތީޖާއިން އެނގި ހާމަވިއެވެ. އިދިކޮޅުފަރާތްތަކުގެ ނުފޫޒު އެއިންތިޚާބަށް ވަނީ ކިހާވަރަކަށް ފޯރާފައިތޯ ސުވާލުކުރިތަނެއް ނުފެނެއެވެ. މިއަދު ިވާހަކަ މިދެއްކެނީ އަނެއްކާވެސް ޙަޤީޤަތެއްނެތް ޝައްކުތަކަކާއި ވަހުމްތަކެއް އުފައްދައި ވަކިމަންޒަރެއްގައި ކުލަޖައްސާން ބޭނުންވެގެން ކަމުގައިވާނަމަ އެބުނާ އިންސާފުވެރި މިނިވަން އިންތިޚާބެއް ބޭއްވޭނީ ކޮންގޮތަކަށް ކަމާމެދު ކިތަންމެ ސުވާލެއް އުފެއްދި ދާނެއެވެ. ކަނޑައެޅިގެން އިދިކޮޅު ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުންގެ ގޮތުގައި ތިބިބަޔަކު ސިވިލް ސާވިސްގެ ހެދުމެއް ލައިގެން ނުކުމެ ކަންކަން ކުރުމުން ކިހާވަރެއްގެ އިންސާފެއް ހޯދޭނެބާވައެވެ. މިއީވެސް ކުރެވިދާނެ ސުވާލެކެވެ.
ވިސްނުންތެރިކަމާއެކު އަދި އެހާމެ އިޚްލާސްތެރި ކަމާއެކު ހުރިހާ ފަރާތެއްގެ އެއްބާރުލުމާއެކު އިންތިޚާބަށް ދިއުމުގެ ބަދަލުގައި ރައްޔިތުންގެ މެދުގައި ޝައްކާ ވަހުމު އުފެއްދުމަކީ މިއިންތިޚާބު އިންސާފުވެރި ވާނެ ކަމެއްކަމުގައި ދެކޭނަމަ އެކަން މިހާރުވެސް މިދަނީ ކުރެވެމުންނެވެ. ހުރިހާ ދިމާލަކުންވެސް ސަރުކާރަށް އިނގިލި ދިއްކޮށް ކޮންމެ އިންތިޚާބެއްގައި ޕްރެޝަރ ކުރުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއް ކަމުގައި ދެކޭނަމަ އެކަން މިކުރެވެނީތާއެވެ. އިންތިޚާބުގެ އުސޫލުތަކާ ޚިލާފަށް އިންތިޚާބަށް ކޮންމެ މީހަކު ނުފޫޒު ފޯރުވިޔަސް އެކަމުގައި އެޅޭނެ ފިޔަވަޅުތައް އެވަނީ ކަނޑައަޅާފައެވެ. ފުރުސަތު އެބައޮތޭ ބުނުމުން އެފުރުސަތު ހަނިކުރާނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ. އިންތިޚާބު ނިމެންދެން ސަރުކާރު ސަސްޕެންޑް ކުރުމަކީ ހައްލުކަމުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދާއިރު އެނޫންގޮތަކަށް ދެކޭނެ ބަޔަކުވެސް އެބަތިއްބެވެ. ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަނޑައެޅިފައި ވާއިރު އަދަދު ހަމަނުވިޔަސް ބަޖެޓުން ފައިސާ ދިނުމާ އިންތިޚާބުގެ ޓިކެޓު ދިނުމަކީ މައްސަލައަކަށް ނުވާއިރު ދެންހުރި ކަންކަން މާބޮޑުކޮށް މިނަގައި ބައިބައިވުމަށް މަސައްކަތް ކުރަނީ ކޮންކަމެއް ހާސިލް ކުރާންކަމާމެދުވެސް ސުވާލު އުފެދެއެވެ. އިވޭ ހުރިހާ އަޑުތަކެއް އަހައި ގޮތެއް ނިންމާން ވެއްޖެނަމަ ބުނެވެންއޮތީ ދުވަހަކުވެސް އެބުނާފަދަ މިނިވަން އިންސާފުވެރި އިންތިޚާބެއް ހުރިހާމީހުންނަށް ޤަބޫލުކުރެވޭނެ ގޮތަކަށް ބޭއްވިދާނެބާވައެވެ؟