ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

7 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ފޮނުއްވައިފިއެވެ.

”ހިޖުރީ އާ އަހަރެއް ފެށުމާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެކެވެ. މާތްﷲ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއާ ހިޖުރީ އާ އަހަރު ގުޅފައިވާއިރު، މި ހާދިސާއަކީ، އިސްލާމީ އުންމަތުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މާތް ގުޅުމުގެ މަތިން ހަނދާންކޮށްދޭ ހާދިސާއެކެވެ.” ރައީސް ދެއްވި ޚިޠާބުގައި ވެއެވެ.

އެހެންކަމުން، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، ޢާއިލާއެއްގެ ތެރޭގައިވެސް އަދި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އުފެދިފައިވާ އެކިއެކި މައްސަލަތައް ޙައްލުކޮށް، އެއް މިޞްރާބަކަށް ދަތުރުކުރުމުގެ މަގު ފަހިވެފައިއޮތުމަކީ، ރާއްޖެ މިއަދު ދެކެމުންމިދާ ޙަޤީޤީ ކުރިއެރުމަށް ވާޞިލުވުމަށް އެޅޭނެ ވަރަށް މުހިންމު ބިންގަލެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ދުޢާއަކީ، މި ފެށުނު ހިޖުރީ އާ އަހަރަކީ ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންނަށް ބާއްޖަވެރި އަހަރެއް ކަމުގައި ލެއްވުމެވެ. އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަމާއި އުފާވެރިކަން މިންވަރުކުރެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި، ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިންވެސް މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.