6 ޑިސެމްބަރ 2010
މިހާތަނަށް 953 ކެނޑިޑޭޓުން
ޢަބްދުﷲ ޖުނައިދު
ލޯކަލް ކައުންސިލް އިންތިޚާބުގައި މިހާތަނަށް 953 ކެނޑިޑޭޓުން އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކަމަށާއި ކެމްޕޭނު އެންމެން އެކުގައި ކުރިޔަށްދާ މި ކެމްޕެއިންގައި އެމްޑީޕީގެ ކޮންމެ ކެންޑިޑޭޓެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
ޕާޓީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިލެކްޝަން ކޮމިޓީގެ ޗެއަރ އަދި ޅ.އަތޮޅުގެ ކޯޑިނޭޓަރ މުޙައްމަދު މާހިރު ޢީސާ (މާހިރުބެ) ވިދާޅުވީ އެމްޑީޕީ އޮތީ ކެނޑިޑޭޓޫންގެ ފަހަތުގައި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ކަމަށާއި، ޕާޓީގެ ހުރިހާ މެމްބަރުންވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި 1600އެއްހާ މީހުން އެމްޑީޕީ ޓިކެޓުގައި ނުކުތުމަށް ޝައުގުވެރިވެ ނަން ހުށަހެޅިނަމަވެސް ތަފާތު ސަބަބުތަކާހުރެ ބައެއް ބޭފުޅުން ނަން އަނބުރާ ގެންދެވިކަން ސިލެކްޝަން ކޮމިޓީން ފާހަގަކުރެއްވިއެވެ. މާހިރުބެ ވިދާޅުވީ އެމްޑީޕީއަކީ ސަރުކާރު ހިންގާ ޕާޓީއަށް ވުމާއެކު ހުރިހާ ކައުންސިލަކުން ވެސް ކެނޑިޑޭޓުންނަށްވެސް ފުރުޞަތު ދިނުމަށް ޕާޓީން ބޭނުންވާ ކަމަށެވެ. އެހެންކަމުން އިތުރު ކެނޑިޑޭޓުން ފެނުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓުން އިންތިޚާބުގެ ކެމްޕޭނު ކުރިޔަށް ގެންދާނީ ޓީމެއްގެ ގޮތުގައި ކަމުން ޕޯސްޓަރުތަކާއި އެނޫންވެސް ކެމްޕޭނު މެޓީރިއަލް ތައްޔާރުކުރާނީ އެމްޑީޕީން ކަނޑައަޅާފައިވާ ވަކި އުސޫލުތަކެއްގެ މަތިން ކަމަށް އެޕާޓީން ބުނެއެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި މީޑިއާ ޑައިރެކްޓަރ ފާޠިމަތު ޝަހީދާ ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު ލ.ގަމުގައި ލޯކަލްކައުންސިލް އިންތިޚާބުގެ ކެމްޕޭނު ރަސްމީކޮށް ފެށިގެންދާނީ ހުރިހާ ކެނޑިޑޭޓުންވެސްތިބީ އެއްޓީމެއްގެ ގޮތުގައި އެކުއެކީކަން ހާމަކޮށްދިނުމުގެ ގޮތުން އަތުގުޅާލުމާއެކުއެވެ. ޓީވީން ވަގުތުން މިޕްރޮގްރާމް ފޮނުވާއިރު އެހެން ރަށްރަށުގައި ތިބި ކެނޑިޑޭޓުންވެސް އެވަގުތު އަތާއި އަތް ގުޅުވައިގެން ތިބުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީގެ ޗެއަރ އަދި ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު ހާމިދު ޢަބްދުލްޤަފޫރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.