ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެވަޑައިގެންފި

6 ޑިސެމްބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، އެކިއެކި މައުޟޫޢުތަކަށް ބަހުޘް ކުރުމަށް ދުނިޔޭގައި ކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމްޢިއްޔާ ކަމުގައިވާ އޮކްސްފަރޑް ޔޫނިއަންގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އޮކްސްފަރޑް ޔޫނިއަންގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޤްރީރުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، ޙަޤީޤަތެއް ނޫން ކަމަށް ބުނެ، އެޚިޔާލު ފެތުރުމަށް ކެމްޕެއިން ކުރަމުންދާ ފަރާތްތަކަށް މާލީ އެހީދޭ ތެޔޮ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި މިފަދަ ކެމްޕެއިންތަކުގެ ފަހަތުގައި ބަލިކަށިކަމެއްވާކަން އެމަނިކުފާނަށް އިޙްސާސް ކުރެއްވޭ ކަމަށާއި، މިފަދަ ނުބައި މަޢްލޫމާތު ފަތުރާ ކެމްޕެއިންތަކަކީ “މަރުވަމުން އަންނަ” ތެލުގެ ވިޔަފާރީގެ “ވޭނީ ހަޅޭކެއް” ކަމަށް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ދެލިނަގާ ކުންފުނިތަކުން ދެލިނެގުން ކުރިއަށް ގެންދާނެ ކަމަށާއި، ތެޔޮނަގާ ކުންފުނިތަކުން ތެޔޮ ނަގަމުންދާނެ ކަމުގައި ވިދާޅުވަމުން، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ބާރުއަޅާ ފަރާތްތަކަށް މިފަދަ ކުންފުނިތަކުން ތަފާތު ޙަމަލާތައް ދިނުމަކީ، ޙައިރާންވާންވީ ކަމެއް ނޫން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އޮކްސްފަރޑް ޔޫނިއަންގައި ތަޤްރީރު ކުރެއްވުމުގެ އިތުރުން، މިދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ވަލީޢަހުދު ޕްރިންސް ޗާރލްސްއާއި، އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގާއި، ހަކަތައާއި މޫސުމަށް އަންނަ ބަދަލުތަކާބެހޭ ވަޒީރު ކްރިސް ހޫން އާވެސް ބައްދަލުކުރެއްވިއެވެ.

މީގެއިތުރުން، ބީ.ބީ.ސީ.ގެ މަޝްހޫރު “ހާޑްޓޯކް” ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ޚަބަރު ފަތުރާ ބައެއް މުހިންމު ވަސީލަތްތަކަށް އިންޓަރވިއު ދެއްވިއެވެ.