6 ޑިސެމްބަރ 2010
ފުނަމާ
ޑިމޮކްރަސީއަކީ ކޮބައިކަން ނޭނގޭ އެކަމަށް އަހުލުވެރި ނޫންމީހަކު ސިޔާސީ ޕާޓީއެއް އުފައްދައިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ފެށި މަސައްކަތުގެ އެންމެ ފުރަތަމަ ނަތީޖާއެއް ކަމުގައި ވެގެންދިޔައީ އެޕާޓީއަށް ނިސްބަތްވާ މީހުން ތިމާމެންގެ ސަރުކާރެކޭ ބުނެ ހިންގަމުންއައި ސަރުކާރުގެ ވެއްޓުމެވެ.
އެ ޒައާމަތުގައި ޚުދުމުޚުތާރުކަން ހައްދުފަހަނަޅައި ގޮސް ދިވެހި ރައްޔިތުންގެ ގިނަބައެއްގެ ނުރުހުން އޭރުގެ ވެރިޔާއަށް ރައްދުވެ ވެރިކަމުން ބޭލުމަކީ ހަޤީޤަތަކަށް ވީނަމަވެސް އޭނާއާއި އޭނާއަށް ތާއީދުކުރާ ބަޔަކު އަދިވެސް ގެންދަނީ ދިވެހި ރައްޔިތުން މިހާރުވެސް އެންމެ ބޮޑަށް ތާއީދުކުރާ މީހަކީ އެބޭ ކަމުގައި ބުނަމުންނެވެ. ނެގުނު ކަތީބަށް ތާއީދުކުރާ މީހުންގެ ޕާޓީ ހުލިވަމުން ދާއިރުވެސް އަދި ވެރިކަމުން ބޭރުކުރުމުންވެސް ގޮވަނީ މިގޮވެއްޔެވެ. އެންމެ ހެއްވާ ކަމަކީ ޒަޢީމްގެ ޚުދުމުޚުތާރު ސިޔާސަތުގެ ސަބަބުން ވެރިކަން ގެއްލި ޕާޓީގެ ތެރޭގައި މިއަދު އުފެދިފައިވާ ބައިބައިވުންވެސް ގަބޫލު ނުކުރެވޭ ކަމެވެ. ޒުވާން ޚިޔާލުތަކަށް ފުރުސަތެއްނެތި އަދިވެސް މުސްކުޅި ބޯދާ ޚިޔާލަށް ބުރަވެއޮތް ޕާޓީއެއް ކަމުގައި ޕާޓީ ދައްކައި ދިނުމަށް އެޕާޓީގެ ބައެއް މެންބަރުން މިހާރުވެސް އެގެންދަނީ މަސައްކަތް ކުރަމުންނެވެ.
ޕާޓީއަށް ވެރިކަން ގެއްލުނީ އެބުނާ ޒައީމަކު އެކަމާ މަރުފަލި ޖަހަނި ކޮންނެވެ. ރަނިންމޭޓުގެ ޖީބުކޮޅާލައިގެން ވާރެޔާ ތެމިފޯވެގެން ކުރި މަސައްކަތުގެ ނަތީޖާ ނިމިގެންދިޔައީ އެޕާޓީގެ މެންބަރުންގެ ލޮލުން ކަރުނަ އޮހޮރުވާފައެވެ. ކަން މިހިސާބަށްގޮސް ޒައީމަކީ ދިޔަވާތީވެ ދިރުނބާކޮޅު އެއްގަމަށް އެހެލި އޮޑިޔެއްފަދައިން އެހެލައި އަހަރުނުވެ އުޅެނިކޮށް އަލުން ކޮޅައި މަދަން އަޅައިގެން ބާލާން އުޅޭކަމުގެ މަންޒަރު މިހާރުއެދަނީ އެޕާޓީގެ ތެރެއިން ފެންނަމުންނެވެ. ދަރީންނާއި ދަނބިދަރީންނަށް ދާންދެން ޕާޓީގެ އިސްސަފަށް ނެރެގެން އެއީ ތާންނުދޮންނަ ފޮތިތަކެއް ކަމުގައި ދެއްކޭތޯ އެބޭ އެގެންދަނީ މަސައްކަތް ކުރަމުންނެވެ.
ޕާޓީއަކީ އެބޭގެ ވަށައިގެން އެނބުރޭ ބައެއްގެ ހަރަކާތްތަކަށް ކިޔާ ނަމެއްގެ ގޮތުގައި ކުރީންވެސް ގިނަބަޔަކު ބުނެއުޅެއެވެ. އަދި އެޕާޓީއަކީ ޒަޢީމްގެ އިޝާރާތަށް މެންބަރުން ނަށާންޖެހޭ ޕާޓީއެއްކަމުގައިވެސް ދިޔައީ ސިފަކުރެވެމުންނެވެ. ޕާޓީގެ ކޮންގްރެސްގައި ވޯޓުލެވެނީވެސް އެބޭ އަތްއުފުލާގޮތް ބަލައިގެން ކަމުގައި އެޕާޓީގެ މެންބަރުންވެސް ބުނަމުން ގެންދިޔައެވެ. އަދި ވޭތުވެދިޔަ ކޮންގްރެސްގައި ޚާއްސަކޮށް އިލްމީ ގޮތުން ގާބިލް ޕީއެޗްޑީ ފެންވަރުގެ އެއްވެސް މީހަކު ޕާޓީގެ އިސްސަފަށް ނުގެނައުމަށްޒަޢީމްު ފާޅުގައި މަސައްކަތް ކުރިކަމަށް ބުނެއުޅޭ ބަޔަކުވެސް އުޅެއެވެ. މިކަންކަން އެބޭ ކުރަމުން އެގެންދަނީ ކޮން ނިޔަތެއްގައިކަން އެއިރު ނުވިސްނުނު ނަމަވެސް އެންމެ ފަހުވަޤުތު ޑީލެއްގެ ދަށުން މުއްލާއަކު ޕާޓީއަށް ގެނެސް ޕާޓީއަށްޓަކައި އެންމެބޮޑަށް ގުރުބާންވި ކަމުގައި ކުރީން ޒައީމް ވެސް ބުނި ލީޑަރުގެ ކަރުގައި ކަރުގޮހޮރު ފައްޗެއްހެން އެވަނީ އަޅުވާފައިކަން މިއަދު އެދަނީ އެނގި ފާޅުވަމުންނެވެ. ” ތިމަންނާ ދެން ސިޔާސީ މައިދާނުން ދުރަށްދަނީ ކަމުގައި” ބުނެ ލީޑަރާއި ޕާޓީ ހަވާލުކުރީ ” މޮހޮނަށް އޮޑިދިން ” ބީދައިން ކަމުގައި މިއަދު ދައްކައިދެމުން ގެންދާއިރު ދެން އެޕާޓީގެ މުސްތަގްބަލާމެދު މިއަދު ދިވެހި ރައްޔިތުންގެ މެދުގައި މިވަނީ ސުވާލު އުފެދިފައެވެ. ޒަޢީމްގެ ފަތަރާސީ ކަމުގެ “ހަންފެތުރުމަށް” އެޕާޓީގެ ބައެއް މެންބަރުން މީޑިޔާ މެދުވެރިކޮށް އެދެމުންގެންދާ ބަޔާންތަކަކީ އަޑުއަހާ މިހުން ހިނިއަންނަފަދަ ބަޔާން ތަކެކެވެ. ޒަޢީމް ދިން އިތުބާރު އަނބުރައި ގެނެސް ލީޑަރު ޕާޓީގެ ލީޑަރ ޝިޕުން ވަކިކޮށްފާނެ ކަމަށް ދޭހަވާ ބީދަޔަކުން އެވާހަކަ ދައްކާ މީހުންނަށް ޕާޓީގައި ތިއްބެވި ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވާ ފަރާތްތަކުގެ އިހްސާސްތަކަށް ގަދަރު ނުކުރެވޭކަން އެބަސާބިތު ކޮށްދެވެއެވެ. ސިޔާސީ ޕާޓީތަކުން އަމަލުކުރާންޖެހޭ ގަވާއިދުތަކަށް ބޯލެނބުމަކީ ކޮބައިކަން އޮޅިފައި އޮންނަކަން ސާބިތުވެއެވެ.
ޕާޓީގެ ތެރޭގައި މިހާރު އުފެދިފައިވާ ގަޑުބަޑުތަކަކީ ކޮބައިކަން ހާމަވަމުން ދާއިރު މިކަންކަމަކީ ވެރިކަންކުރާ ޕާޓީގެ ރޭވުމުގެ ދަށުން ހިންގާ ކަންކަން ކަމުގައި އެދައްކާ ވާހަކަތަކަކީ ކާކަށް އޮޅުވާލާން ދައްކާ ވާހަކަތަކެއް ބާވައެވެ؟ އަދި ބައެއްފަހަރު މިފަދަ މީހުން އެޕާޓީގައި މައްސަލަތަކެއް ނޫޅޭ ކަމުގައި ބުނަމުން ގެންދާއިރު ދިވެހި ރައްޔިތުން މިތިބީ ނިދާފަހެއްޔެވެ؟
މިއަދު ޕާޓީ އެދަނީ ބައިބައިވެ ރޫޅެމުން ކަމާމެދު ޝައްކެއްވެސް ނެތެވެ. ޕާޓީގެ ލީޑަރ ޝިޕުގެ ނިންމުންތަކަށް ބޯނުލަނބާ ހަރުކަށި ފަރާތްތަކުގެ ނޭއްގާނި ކަމުގެ ސަބަބުން މިއަދު އެޕާޓީ ބޮލާއަޅައި ވެއްޓިގެން ދިއުމަށް އެވަނީ ތައްޔާރު ވެފައެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބު ބޯމަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ ތެރެޔަށް މިއައި ބޮޑު އިންގިލާބަކީ އެޕާޓީގައި އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާން ތިއްބެވި ގައުމަށް ވަފާތެރި ޑިމޮކްރަސީއަށް ބޭނުންވާ އެތަކެއް މެންބަރުންގެ އިހްސާސްތައް ކަތިލާލެވިގެން ދާނެ ކަމެއްކަމާމެދު ޝައްކެއްވެސް ނެތެވެ. ޕާޓީގެ ލީޑަރާއި މުހިންމު ފަރާތްތަކަކީ ކޮރަޕްޓް ބައެއްކަމުގައި ދައްކައިދީގެން ޕާޓީއާއިމެދު އޮތްއިތުބާރުވެސް ނަގާލައިފިއެވެ. ޕާޓީގެ ދާޚިލީ ކަންކަން ޕާޓީގެ ތެރެއިން ނުނިންމި ފުލުފުލުން ބޭޒާރުވެ ތަޅާފޮޅައި ހަދަމުން ގެންދާއިރު މިކަންކަމަކީ ނުހިނގާ ކަމެއްގެ ގޮތުގައި ދައްކާދޭން މިއަދުވެސް އެބެއަކީ ރާއްޖޭގެ ރައީސްކަމުގައި ބުނާ ބަޔަކު އުޅުމަކީ ދެންތިބިމީހުން ޙައިރާންވާނެ ކަމެއް ނޫނެވެ. ޑީލްއެއްގެ ދަށުން ލީޑަރާއި ޕާޓީ ހަވާލު ކުރުމަށްފަހު އެސޮރަށް ޕާޓީ ނުހިންގޭ ކަމުގައި ދައްކައިގެން އަލުންއަނބުރައި ޒައީމް ސިޔާސީ މައިދާނަށް ނުކުމެ ހިތުހުރި ގޮތަކަށް ޕާޓީ މުށުތެރެއަށް ލުމަށް އެކުރާ މަސައްކަތަކީ ޑިމޮކްރަސީ ނައްތާލުމަށް ދެވޭ ހިއްވަރެއް ކަމުގައި މެނުވީ ނުވާނެއެވެ.
މިފަދަ ދަނޑިވަޅެއްގައި އުފެދޭ ސުވާލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީއަކީ މައުމޫނު ހެއްޔެވެ؟ ނުވަތަ މައުމޫނުގެ ވަށައިގެން އެނބުރޭ ވަހުތާނެއް ހެއްޔެވެ؟ ނުވަތަ ސިޔާސީ ޕާޓީއެއް ހެއްޔެވެ؟ ނުވަތަ ރާއްޖޭގައި މިބިންގާ އެޅުނު ޑިމޮކްރަސީ ނައްތާލުމަށް ނެގުނު ކަތީބުގެޤަބީލާއިން މޮޑިފައި ކޮށްފައިވާ މެޝިނެއް ހެއްޔެވެ؟