ރަސްމީކޮށް ލޯކަލްކައުންސިލް ފެށުމުގެ ރަސްމިއްޔާތު ލ.އަތޮޅުގައި ބާއްވާ ގޮތަށް އެމްޑީޕީން ހަމަޖައްސައިފި

5 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

3-450-x-316

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ލޯކަލް ކައުންސިލް ކެމްޕެއިން ރަސްމީކޮށް ފެށުން މިއަންނަ ބުރާސްފަތި ދުވަހުގެރޭ ލ. އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޕާޓީގެ ކެމްޕެއިން ކޮމިޓީން ހާމަކޮށްފައިވާ ގޮތުން، މި ޑިސެމްބަރު މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެރޭ ލ.ގަމު ޤަތަރު އަމީރު ސްކޫލުގައި މިކަމަށްޓަކައި ބާއްވާ ޚާއްޞަ ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ އިތުރުން އެމްޑީޕީގެ އެހެނިހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ލ.ގަމުގައި ބުރާސްފަތި ދުވަހުގެރޭ 8.30 ގައި ފަށާ މި ޖަލްސާ އެމްއެންބީސީ ވަން އިން ވަގުތުން ދުރަށް ދައްކާނޭ ކަމަށާއި، މި ޖަލްސާ ރާއްޖޭގެ ހުރިހާ ރަށެއްގައި އެންމެން އެއްތަނެއްގައި ތިބެގެން ބެލުމަށް އެރަށެއް ހިމެނޭ ދާއިރާއެއްގެ ހިންގާ ކޮމިޓީން އިސް ނަގައިގެން ރަށްރަށުގެ ސްކޫލް، މަދަރުސާ، ހަރުގެ، ހޮޅުއަށި ފަދަ ތަންތަނުގައި ޕްރޮޖެކްޓަރ ބެހެއްޓުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިޔަށްދާނޭ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
އެމްޑީޕީގެ ކެމްޕެއިން ކޮމިޓީން ހާމަކުރި ގޮތުގައި މިޖަލްސާ ހިނގަމުންދާއިރު، ކެމްޕެއިން ރަސްމީކޮށް ފައްޓާ ވަގުތުކަމުގައި ކަނޑައަޅާފައިވަނީ އެރޭ 9.20 ކަމަށާއި، އެ ވަގުތު ކޮންމެ ރަށެއްގައި ވެސް އެރަށެއްގެ އެމްޑީޕީގެ ކެންޑިޑޭޓުން ސްޓޭޖްގައި އަތާއި އަތް ގުޅާލައިގެން 15 ސިކުންތުގެ ވަގުތުކޮޅެއް ހޭދަކުރާނޭ ކަމަށެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އެމްޑީޕީގެ ޗެއަރޕާސަން އާއި، އެޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވާހަކަދައްކަވާނެއެވެ. އަދި ޖަލްސާ ނިންމާލާނީ މި އިންތިޚާބުގައި އެމްޑީޕީއަށް ނަސްރުދެއްވުން އެދި ކުރާ ޚާއްސަ ދުޢާއަކުންނެވެ.
އެމްޑީޕީގެ ލޯކަލް ކައުންސިލްގެ ސީދާ ކެމްޕެއިން ބުރާސްފަތި ދުވަހުގެރޭ ރަސްމީކޮށް ފަށާއިރު، އެޕާޓީން ވަނީ ލޯކަލް ކައުންސިލް ކެމްޕޭން ލޯންޗިންގ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ދަރުބާރުގޭ ފުރަގަހުގައި އޮންނަ އުސްފަސްގަނޑުގައި ބާއްވާފައެވެ.
މި ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.