ރައީސުލްޖުމްހޫރިއްޔާ، އެނަރޖީ އެޑްވައިޒަރގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފި

5 ޑިސެމްބަރ 2010

2

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެނަރޖީ އެޑްވައިޒަރ ކަމުގެ މަގާމަށް “ކްލައިމެޓް ކެއަރ”ގެ ބާނީ، މައިކް މޭސަން ހަމަޖައްސަވައިފިއެވެ. އޭނާއަށް އެ މަޤާމުގެ ލިޔުން ހަވާލު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އޮކްސްފަރޑް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިސްޓަރ މޭސަންއަކީ، އިޢާދަކުރަނިވި ހަކަތައާއި، ކާބަން ފައިނޭންސް އަދި ޖައްވަށް ބޭރުކުރެވޭ ގޭހުގެ އަދަދު މަދުކުރުމުގެ ދާއިރާގެ މާހިރެކެވެ. އެނަރޖީ އެޑްވައިޒަރގެ ހައިސިއްޔަތުން އޭނާގެ މަސައްކަތަކަށްވާނީ، މިހާރު ބޭނުންކުރެވޭ ތެލުގެ ބާވަތްތަކުގެ ބަދަލުގައި އިޢާދަކުރަނިވި ހަކަތައިގެ ބާވަތްތަކަށް ބަދަލުވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމެވެ. އޭނާ ކްލައިމެޓް ކެއަރ އުފެއްދެވީ 1997ގައެވެ. އޭގެ ފަހުން، އެ ކުންފުނި ވެފައިވަނީ ގްރީންހައުސް ގޭސް ބޭރުވުން މަދުކުރުމަށް ހިންގޭ މަޝްރޫޢުތައް ތަރައްޤީ ކުރުމުގައި ދުނިޔޭގައި ނަން ހިނގާފައިވާ ކުންފުންޏަކަށެވެ.

މައިކް މޭސަން ވަނީ ތިމާވެށީގެ ބަދަލުތަކާއި މެނޭޖްމަންޓްގެ ދާއިރާއިން އޮކްސްފަރޑް ޔުނިވަރސިޓީގައި މަތީ ތަޢުލީމް ޙާޞިލްކުރައްވާފައެވެ. އަދި އޭނާއަކީ އޮކްސްފަރޑް ޔުނިވަރސިޓީގައި “އެންވަޔަރަންމަންޓަލް އިކޮނޮމިކްސް” ކިޔަވާ ދެއްވި ބޭފުޅެކެވެ.

އެނަރޖީ އެޑްވައިޒަރގެ މަޤާމަކީ، މުސާރައެއް ކަނޑައެޅިފައިވާ މަގާމެއް ނޫނެވެ.