ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ހާލަތު ހާމަކޮށްދޭ އާ ރިޕޯޓް، ކްލައިމެޓް ވަލްނަރަބަލް މޮނިޓަރ 2010، ރައީސުލްޖުމްހޫރިއްޔާ ނެރުއްވައި ދެއްވައިފި

4 ޑިސެމްބަރ 2010

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް މަސައްކަތްކުރާ އެންމެ ނާޒުކު ޤައުމުތައް ބައިވެރިވާ “ކްލައިމެޓް ވަލްނަރަބަލް ފޯރަމް”އާއި، ސްޕެއިންގައި ޤާއިމުވެފައިވާ ދުނިޔޭގެ އިންސާނިއްޔަތާބެހޭ ދިރާސާކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ “ޑާރާ” ގުޅިގެން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މިހާރުގެ ޙާލަތު ވަޒަންކޮށް، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ކުޑަކުރުމަށް ކުރަންޖެހޭ ކަންކަމުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓް، “ކްލައިމެޓް ވަލްނަރަބަލް މޮނިޓަރ 2010”، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނެރުއްވައިދެއްވައިފިއެވެ.

މި ރިޕޯޓު ނެރުމަށް މިއަދު ލަންޑަންގައި ބޭއްވުނު ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުގެ ނުރައްކާތަކަށް ހޭނުމަށާއި، އެކަމުގެ ގެއްލުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ފުރިހަމަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް އަވަހަށް ޤާއިމް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، 2020ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތަށް އިޝާރާތްކުރައްްވަމުން، ރާއްޖޭގެ މި އިސްނެގުން ބަލައިގަނެ، އިޢާދަކުރެވޭ ހަކަތައާއި، ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީތައް ޚިޔާރުކުރާ ޤައުމުތަކަކީ، މި ޤަރުނުގެ ކާމިޔާބު ޤައުމުތަކަށް ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ އިސް އިދާރާތަކުގެ އެހީގައި ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި، ދުނިޔޭގެ 184 ޤައުމަކަށާއި، ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ތަފާތު ނުރައްކާތައް ހާމަކޮށްފައިވެއެވެ. އަދި މޫސުމަށް އަންނަ ބަދަލުގެ ނުރައްކާތަކަށް މި ޤައުމުތައް ނާޒުކުވާ މިންވަރުން ދަރަޖަކޮށް ކެޓަގަރީތަކަށް ބަހާލާފައިވެއެވެ. މިގޮތުން، ރާއްޖެ ހިމެނިފައިވަނީ، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އެންމެ ނާޒުކު ޤައުމުތަކުގެ ތެރޭގައެވެ.

މި ރިޕޯޓްގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި އެންމެ ނާޒުކު ޤައުމުތަކުން ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން މާލީ އެހީތެރިކަން ފޯރުވައިދިނުމުގެ މުހިންމކަން ބަޔާން ކޮށްފައިވެއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތައް ކުޑަ ނުކުރެވިއްޖެނަމަ، އަދި މިކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތަށް އެކަށީގެންވާ އެހީތެރިކަން ފޯރުވައި ނުދެވިއްޖެނަމަ، 2030ވަނަ އަހަރާ ހަމައަށްދާއިރު، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން 300 އިން ސައްތައިން އިތުރުވެގެންދާނެކަންެ ހާމަކޮށްފައިވެއެވެ. އަދި، މިކަމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ގެއްލުމަކީ، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިއްޖެނަމަ ސަލާމަތްވެވިދާނެ ގެއްލުންތަކެއް ކަމުގައި ބަޔާން ކޮށްފައިވެއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ޙައްލެއް ނުހޯދިއްޖެނަމަ ރާއްޖެ ފަދަ އެންމެ ނާޒުކު ޤައުމުތަކަށް މިހާރު ކުރިމަތިވަމުންދާ ނުރައްކާތަކާއި ގެއްލުންތަކަކީ، މުސްތަޤްބަލުގައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ކުރިމަތިލާންޖެހޭނެ ކަންކަންކަަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކޮށްފައިވެއެވެ. އަދި ދުނިޔޭގެ ހުރިހާ ޤައުމަކުން މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމާއި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައ ކޮންމެވެސް ސިފައެއްގައި ކުރިމަތިލާން ޖެހޭނެ ކަަމަށްވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓްގެ މަޤްޞަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޤައުމުތަކަށް ލިބެމުންދާ ގެއްލުންތައް ސައެންސާއި ދިރާސާގެ އެހީގައި ދެނެގަނެ، މިކަމަކީ އަވަސް ޙައްލެއް ބޭނުންވާ މުހިންމު ކަމެއްކަން ދުނިޔެއަށް ހާމަކޮށްދީ، މި ކަމުގެ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް އަންގައިދިނުމެވެ.