4 ޑިސެމްބަރ 2010
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތް އެފެރައޒް ވިލިއަމް ހޭގާއި، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެނަރޖީ އެންޑް ކްލައިމެޓް ޗޭންޖް ކްރިސް ހޫންއާ އިއްޔެ ހެނދުނު ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގާއި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދެޤައުމުގެ ދެމެދުގައިވާ ގުޅުމާއި ދެ ޤައުމުގެ ސަލާމަތާބެހޭ ކަންކަމާ ބެހޭގޮތުންނެވެ. ވަކިން ޚާއްޞަގޮތެއްގައި، ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ސަބަބުން މުޅި އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ކުރިމަތިވެފައިވާ ބިރުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވައި ފުރިހަމަ ކުރެއްވުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އިތުރަށް ގުޅުން ބަދަހިކޮށް ދެ ޤައުމުގެ އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި އިނގިރޭސި ޚާރިޖީ ވަޒީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބަޙުޘްތަކުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް އެނަރޖީ އެންޑް ކްލައިމެޓް ޗޭންޖްގައި، އިނގިރޭސިވިލާތުގެ ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ކްރިސް ހޫންއާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން ދުނިޔޭގެ ފެންވަރުގައި ހިނގާ ބަޙުޘްތަކުގައި، މޫސުމަށް އަންނަ ބަދަލުތަކަށް އެންމެ ނާޒުކު، އަދި މިބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ ޤައުމުތަކުގެ އަޑު އިއްވުމަށް ދިވެހި ސަރުކާރުން އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަށް، ކްރިސް ހޫން ތަޢުރީފް ކުރެއްވިއެވެ. އަދި، މިދިޔަ މަހު ނެރުނު ރާއްޖޭގެ ކާރބަން އޮޑިޓް ރިޕޯޓަށާއި، އަދި 2020ގެ ކުރިން ރާއްޖެއަކީ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ޕްލޭނަށް، އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެނަރޖީ އެންޑް ކްލައިމެޓް ޗޭންޖް ކްރިސް ހޫން މަރުޙަބާ ވިދާޅުވިއެވެ.