2 ޑިސެމްބަރ 2010
ޢަބްދުﷲ ޖުނައިދު

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތަކުގެ ޑިޕޮސިޓް ފައިސާގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ އެޕާޓީން މިއަދު އިލެކްޝަންސް ކޮމިޝަނާއި ޙަވާލުކޮށްފި އެވެ.
ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ވާދަކުރުމަށް މިހާތަނަށް ޓިކެޓް ކަށަވަރުވެފައިވާ 1024 ކެނޑިޑޭޓުންގެ ތެރެއިން 866 ކެނޑިޑޭޓުންނަށް 1.3 މިލިއަން ދިވެހި ރުފިޔާ އިލެކްޝަންސް ކޮމިޝަނާއި ޙަވާލުކުރީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެއީ އައްޑޫ ސިޓީއާއި މާލެ ސިޓީގެ 17 ކެންޑިޑޭޓުންގެ ޑިޕޮސިޓް ފައިސާއާއި އަތޮޅު ކައުންސިލަރުންގެ ގޮތުގައި ކުރިމަތިލައްވާ ކެނޑިޑޭޓުންގެ ފައިސާގެ އިތުރުން ރަށުކައުންސިލަށް ކުރިމަތިލައްވާ 790 ކެންޑިޑޭޓުންގެ ފައިސާއެވެ. އެމްޑީޕީ ޓިކެޓުގައި އަތޮޅު ކައުންސިލަރުންގެ ގޮތުގައި 130 ކެނޑިޑޭޓުން ވާދަކުރާނެ އެވެ.
ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެނޑިޑޭޓަކު ފީއެއްގެ ގޮތުގައި 1500 ރުފިޔާ އިންތިޚާބާއިބެހޭ ކޮމިޝަނަށް ދައްކަންޖެހޭއިރު އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ޕާޓީގެ ޤަރާރުވެސް އެމްޑީޕީން މިހާރު ގެންދަނީ ދޫކުރަމުންނެވެ. އަތޮޅުތަކުގައި ތިބި ކެނޑިޑޭޓުންނަށް އެކެނޑިޑޭޓަކު ހިމެނޭ ދާއިރާ ނުވަތަ އެކެނޑިޑޭޓަކު ނިސްބަތްވާ އަތޮޅަށް އެމްޑީޕީން ހަމަޖައްސަވާފައިވާ ކޯޑިނޭޓަރު މެދުވެރިކޮށް ޤަރާރުތައް ލިބޭނޭގޮތްވެސް އެމްޑީޕީން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
އެމްޑީޕީން ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ޤަރާރުތަކުގައި ސޮއިކުރައްވާފައިވަނީ އެޕާޓީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އެވެ.