ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި

1 ޑިސެމްބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އިނގިރޭސި ޚާރިޖީ ވަޒީރު ވިލިއަމް ހޭގާއި، މޫސުމާބެހޭ ވަޒީރު ކްރިސް ހޫންއާއި، އިނގިރޭސި ވަލީއަޙްދު ޕްރިންސް ޗާލްސްއާ ބައްދަލުކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ. އަދި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްއާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އޮކްސްފޯޑް ޔޫނިއަންގައި ވާހަކަފުޅުދައްކަވާނެއެވެ. އޮކްސްފޯޑް ޔޫނިއަންއަކީ، އެކިއެކި މައުޟޫޢުތަކަށް ބަހުޘްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާތަކުގެ ތެރެއިން އެންމެ ދުވަސްވީ އަދި އެންމެ ޝަރަފްވެރި އެއް ޖަމްޢިއްޔާއެވެ. މިތަނުގައި ވާހަކަފުޅު ދައްކަވާފައިވާ ދުނިޔޭގެ މަޝްހޫރު ބޭފުޅުންގެ ތެރޭގައި ޑަލައި ލާމާ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗަރޗިލް، އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ރިޗަރޑް ނިކްސަން، ޖިމީ ކާރޓަރ، ރޮނަލްޑް ރޭގަން، ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް، މަޝްހޫރު ސައިންޓިސްޓް ސްޓީވަން ހޯކިންގ، މަޝްހޫރު ފުޓްބޯޅަ ތަރި ޑިއެގޯ މެރެޑޯނާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުންވެސް، ބީ.ބީ.ސީ، އަލްޖަޒީރާފަދަ މަޝްހޫރު ނިއުސް ޗެނަލްތަކަށް ރައީސް އިންޓަރވިއު ދެއްވާނެއެވެ. ބީ.ބީ.ސީ.ގެ ހާޑް ޓޯކް ޕްރޮގްރާމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.