ވަޒީރުންގެ މަޖިލީހުން ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމަށް ނިންމަވައިފި

ކޮމިއުނިޓީ ކެބިނެޓްގެ ސަބަބުން ސީދާ ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު ރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ

1 ޑިސެމްބަރ 2010

30-11-10

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި “ކޮމިއުނިޓީ ކެބިނެޓް” ބޭއްވެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، އިއްޔެ ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، އެމަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިގޮތުން ކުރެއްވި މަޝްވަރާތަކުގައި، ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވުމަކީ، ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ކަނޑައެޅުއްވުމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރު ހިންގުމުގެ ހުރިހާ ދާއިރާތަކެއްގައިވެސް، އެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ. އަދި ޤާނޫނުއަސާސީގެ 132 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހާ ޙަވާލު ކުރައްވާ ކަންތައްތައް، އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށްޓަކައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކުރައްވައިގެން، މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރައްވައި، ކުރިއަށް ގެންދެވުމަކީ، ވަރަށް މުހިންމު އަދި ފައިދާހުރި ކަމެއްކަންވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، އެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކުގެ މަޢްލޫމާތު، ދިވެހި ރައްޔިތުންނަށް ވީހާވެސް ތާޒާކަމާ އެކީގައި އަވަހަށް ޙިއްޞާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އިއްޔެގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި “ކޮމިއުނިޓީ ކެބިނެޓް” ބޭއްވެވުމަށް މި ނިންމެވީ، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް، ސީދާ ރައްޔިތުންގެ ފަރާތުން އޮޅުންފިލުއްވުމުގެ މުހިންމުކަމާއި، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އިޙްސާސްތައް ދެނެވަޑައިގެން، ދެފަރާތުގެ މަޢްލޫމާތު ޙިއްޞާ ކުރެއްވުމަކީ، އެކަމުގައި ވަރަށްގިނަ ފައިދާތަކެއް އެކުލެވޭ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކޮމިއުނިޓީ ކެބިނެޓަކީ، މިދެންނެވިހެން ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންކުރާ ސުވާލުތަކަށް އެބޭފުޅުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ބާއްވަވާ ބައްދަލުވުންތަކެކެވެ. މިފަދަ ބައްދަލުވުންތަކަކީ، ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި، ފުރިހަމަ ޒަމާނީ ޑިމޮކްރަސީ ޤާއިމް ކުރެވިފައިވާ ބައެއް ޤައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ. މިގޮތުން ބާއްވަވާ ކޮމިއުނިޓީ ކެބިނެޓަކީ، އެބައްދަލުވުމެއް ބާއްވަވާ ސަރަޙައްދެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރްޞަތު ހުޅުއްވައިލައްވައިގެން ބާއްވަވާ ބައްދަލުވުންތަކެކެވެ.

މީގެއިތުރުން، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކުގެ މަޢްލޫމާތު، ފޭސްބުކް، ޓުއިޓަރފަދަ ސޯޝަލް ނެޓްވަރކް މެދުވެރިކޮށް ހާމަކުރެއްވުމަށްވެސް އިއްޔެގެ ޖަލްސާއިން ނިންމެވިއެވެ. މިކަމުގެ ސަބަބުން، އެ ނިންމުންތަކާމެދު ޚިޔާލުފާޅުކުރުމުގެ ފުރްޞަތު ރައްޔިތުންނަށް ތަނަވަސްވެގެންދާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެކެބިނެޓް އޮފީހުން ރާއްވަވާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ވަޒީރުންގެ މަޖިލިސް ޑިޖިޓަލް ކުރެއްވުމުގެ މަސައްކަތް މިހާރުވަނީ މުޅިން ނިންމަވާފައެވެ. އަދި ޑިސެމްބަރު މަހު ފަހުކޮޅު، މިޚިދްމަތް އިފްތިތާޙް ކުރެއްވުމަށްވެސް މިހާރުވަނީ ނިންމަވާފައެވެ.