މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ހުރިހާ ދިމާއަކުން ޙައްލު ގެނައުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

30 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

drugs-journey

ރާއްޖެއަށް ކުރިމަތިވެފައިމިވާ މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހުރިހާ ދިމާއަކުން މިކަމަށް އެޅެންހުރި ބާރުތައް އަޅައި، ހޯދެންހުރި މަގުތައް ހޯދައި، އަދި ޙައްލު ގެނެވެންހުރި މިންވަރަށް ޙައްލު ގެންނެވުމަކީ މިސަރުކާރުގެ އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން އެކަމުން ދުރުހެލިކުރުވުމަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމްޢިއްޔާއެއް ކަމަށްވާ “ޖަރނީ” ގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށާއި ޑްރޮޕް-އިން ސެންޓަރު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރުން މަދުކުރުމަށްޓަކައި އަޅާން އޮތީ އެންމެ ފިޔަވަޅެއް ދެ ފިޔަވަޅެއް ނޫނެވެ. ޖުމްލަގޮތެއްގައި އިޖްތިމާޢީ ހުރިހާކަމެއްގެ ޙައްލު ހޯދޭތޯ ބަލަންޖެހޭ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރުން ރާއްޖެއިން މުޅިން ފުހެލެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް، މިކަން ހިނގަމުން އަންނަ މިންވަރަށް ބަދަލެއް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް އެ ޙައްލުތައް ހޯދޭނެކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިރާއްޖޭގައި އެ ޤާބިލިއްޔަތު އެބަހުރިކަމަށް. އަޅުގަނޑު ދެކެނީ އަޅުގަނޑުމެންގެ ޒުވާނުންނަށް މިކަމުން ސަލާމަތްވެވޭނެކަމަށް”، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުގެ ތެރޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިހުރި ދޮރުތައް ބަންދުކުރުން ހިމެނޭކަން ފާހަގަކުރައްވަމުން، ސަރުކާރުގެ އަސާސީ އަމާޒަކަށް މިދެންނެވި މަސައްކަތް ހައްދަވަންޖެހުނީ، ރާއްޖޭގެ ހާލަތަށް ބެއްލެވި ބެއްލެވުމުގައި ރާއްޖޭގައި މިހާރުން މިހާރަށް ކުރާން މަޖުބޫރުވެފައިވާ ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްދޭންޖެހޭ އެއްކަމަކީ މަސްތުވާތަކެތީގެ މައްސަލަކަމަށް ވެފައިވާތީ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު ކޮންމެވެސް ވަރަކަށް މިހާރުވަނީ މަދުކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރޭގެ މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ކަމާބެހޭ ދާއިރާތަކުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.