ދައުލަތަށް 700 މިލިއަންރުފިޔާއަށްވުރެ ގިނަ ފައިސާ، ޓެކްސްގެ ގޮތުގައި ލިބެން އެބަޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

29 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

tax

މިއަދުވެސް ދައުލަތަށް 700 މިލިއަންރުފިޔާއަށްވުރެ ގިނަ ފައިސާ، ޓެކްސްގެ ގޮތުގައި ލިބެން އެބަޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިއަދު މެންބަރުން ޢައްޔަން ކުރައްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި ރަސްމިއްޔާތެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ޓެކްސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ޚަރަދު ކުރައްވަން މިޖެހެނީ ރައްޔިތުންގެ ރަނގަޅަށް، ރައްޔިތުންގެ ފައިދާއަށާއި ލާބައަށް ކަމުގައި ވިދާޅުވިއެވެ. “އެ ފައިސާ ނެތި އަޅުގަނޑުމެން ދަރަނިވެރިވެ، އަދި ބޮޑުއަގުގައި ދަރަންޏަށް ނަގަންޖެހޭކަމީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ރާއްޖޭގެ ރައްޔިތުން ހިތްހަމަޖެހޭނޭ ކަމެއް ނޫން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދައުލަތުގެ އާމްދަނީ ނެގޭ ގޮތް، ޒަމާނީ ދައުލަތްތަކުގައި އެކަން ކުރާ އުސޫލަށް ބަދަލުކޮށްގެންނޫނީ ޤައުމެއްގެ ސިފައިގައި ކުރިއަށް ދެވެންނެތްކަން ފާހަގަވާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެހެން ޤައުމުތަކުގައިވެސް އެހެން މުޖްތަމަޢުތަކުގައިވެސް ދައުލަތުގެ އާމްދަނީ ހޯދާ އުސޫލުން ދައުލަތުގެ އާމްދަނީ ހޯދަމުން ގެންދިޔުން ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން ޓެކްސްއާބެހޭ މައިގަނޑު އިދާރީ އޮނިގަނޑު ޤާއިމުކުރެވިފައި ކަމަށާއި، ޓެކްސް ނަގާނޭ މައިގަނޑު އޮފީހެއްވެސް މިހާރު ޤާއިމު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ ޝަކުވާ އިންޞާފުވެރިކަމާއެކު ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ހަމައެހެންމެ ޓެކްސް ލިބޭ ފަރާތްކަމަށްވާ ދައުލަތުގެ ޝަކުވާތައްވެސް ބަލައި ހެދުމަކީ އެހާމެ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލަށް މި ޢައްޔަން ކުރެއްވި ބޭފުޅުންވެސް، އެ ބޭފުޅުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރައްވާނެކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި އަދި އެހެންވެސް ޓެކްސްއާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ޓެކްސްއާގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޓްރައިބިއުނަލެކެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ނުވަތަ އެހެންވެސް ޤާނޫނެއްގެ ދަށުން، ޓްރައިބިއުނަލްއިން ބެލުމަށް، ކަނޑައަޅާ މައްސަލަތައް ބަލައި، ޓްރައިބިއުނަލްއަށް ރަނގަޅުކަމަށް ފެންނަގޮތަކަށް އެމައްސަލަތައް ނިންމުމުގެ ފުރިހަމަ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ. އަދި ޓްރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި މީހުން ހާޒިރުކުރުމާއި، ހެކިބަސް ހޯދުމާއި، ހެއްކާއި ޤަރީނާ ހޯދުމާއި، އަދި މި ނޫންގޮތަކުންވެސް މައްސަލައިގެ ޙަޤީޤަތް ހޯދާ ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓްރައިބިއުނަލްއަށް ލިބިގެންވެއެވެ.

ޓެކްސް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުންނަކީ، ބ. ތުޅާދޫ ގުލްބަހާރުގޭ އަލްއުސްތާޛު އިބްރާހީމް ޢަފީފާއި، ނ. މާފަރު އީޓުޖެހިގޭ އަލްއުސްތާޛު ޢަބްދުއްސަލާމް ޢާރިފާއި، ލ.މާވަށް ނަލަމަލަ ނަޞްރުﷲ ޖަމީލާއި، ދަފްތަރު 5295 އަލްއުސްތާޛު އަޙްމަދު ސާވީއާއި، ގ. މާވާރުލު ޙަސަން ޒުހައިރު މުޙަންމަދެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވި ފަސް ބޭފުޅުންނަކީ، ޢާންމުކޮށް އިޢްލާން ކުރައްވައިގެން ޓްރައިބިއުނަލްގެ މެންބަރުކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެމަޖިލީހުން ރުހުންދެއްވި ފަސް ބޭފުޅުންނެވެ.