މެންބަރުންގެ ޚިޔާލު: ޑީއާރުޕީ ” އައިސީޔޫ ” ގައި!!!!!!!!!

29 ނޮވެމްބަރ 2010

ފުނަމާ

އެމްޑީޕީއިން ރާއްޖޭގެ ވެރިކަމަށް ކެންޑިޑޭޓަކު ނެރެން ކުރި މަސައްކަތުން ސިޔާސީ އެތަކެއް ހުރަސްތައް ފަހަނަޅައި މިއަދު މިވަނީ ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް ހިންގަމުން ގެންދާތާ ފުރިހަމަ ދެއަހަރު ފާއިތުވެ ގޮސްފައެވެ.
ސިޔާސީގޮތުން ރާއްޖޭގައި ވެރިކަމަށް ތަސައްރަފުފުދޭ ބަޔަކީ ކޮބައިތޯ އަހާލައިފިނަމަ ހަމައެކަނި އެކަމަށް ކަމުދާނެ ބަޔަކީ އެމްޑިޕީއާއި ޑީއާރުޕީ ކަމުގައި ރާއްޖޭގެ ގިނަބަޔަކު އެއްބަސްވާނެއެވެ. މިދެޕާޓީގެ މެންބަރުންގެ އަދަދަށް އެކަނި ބަލާލިޔަސް މިހަޤީޤަތާ އިދިކޮޅު ހަދާނެ ޖާގައެއް ނެތެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޙަޔާތަށް ބަލާލާއިރު އެންމެ ގިނަދުވަހު އެންމެ މެންބަރުން ގިނަކަމަށް އިލެކްޝަންސްގެ ލިޔެކިޔުންތަކުން ފެންނަންއޮތީ ޑީއާރުޕީއެވެ. ހަމައެހެންމެ އެޕާޓީގައި ޢިލްމީ ޤާބިލް ފަރާތްތަކަކީވެސް މަދުބަޔެއްނޫނެވެ. މިއަދު ރާއްޖޭގައި ސިޔާސީ ޕާޓީއެއްގައި އެންމެ ގިނަ މެންބަރުން ރަޖިސްޓްރީވެފައިވާ ޕާޓީއަކީ ވެރިކަންކުރާ އެމްޑިޕީ ކަމުގައިވިޔަސް އެންމެ ކައިރީން ވާދަކުރަމުން ގެންދާ އިދިކޮޅު ޕާޓީއަކީވެސް ޑިއާރުޕީއެވެ.
ސިޔާސީގޮތުން ދެމިއޮތުމަށް ބޭނުންވާ ވިސްނުންތެރި ކޮންމެ ސިޔާސީ ޕާޓީއަކުންވެސް ވިސްނާނީ ތިމާމެންނާއި އެންމެ ކައިރީން ވާދަކުރާ އިދިކޮޅުބަޔަކާ ވީހާގާތްކޮށް ގުޅުންބަދަހި ކުރުމަށްކަމުގައި ވާއިރު އެމްޑިޕީއިން އަބަދުވެސް ޑިއާރުޕީއާއިއެކު ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންގެންދާކަން ވޭތުވެދިޔަތަނަށް ބަލާލާއިރު ފެންނާން އެބައޮތެވެ. އަދި ޑީއާރުޕީއިންވެސް މިކަމަށް ބައެއްފަހަރު އިސްކަންދީފައި ވާކަން ގަބޫލުކުރަން ޖެހެއެވެ.
ޑީއާރުޕީއާއި އެމްޑީޕީގެ ގުޅުމަކީ އެކަންދެކޭން ދެންއޮތް ކުދިޕާޓީތަކަށް އެއްގޮތަކަށްވެސް ހަޖަމު ކުރެވޭ ކަމަކަށް ނުވެއެވެ. އަދި ނުވެސް ވާނެއެވެ. ސިޔާސީ ޕާޓީ ހަދާތީވެ ކިތަންމެ މެންބަރުން މަދަސް ތިމާވެސް ޕާޓީއެއް ހެދީމޭ ބުނާންވެގެން ހެދި ކުދިޕާޓީތަކަށް މިވަނީ އަމިއްލަ ހާލައިގެން ނޫޅެވޭތީވެ ބޮޑުދެޕާޓީގެ ހިޔާވަހިކަމުގެ ދަށަށް ދާން މަޖުބޫރުވެ އެކަން އެގޮތަށް ކޮށްފައެވެ. ނަމަވެސް ކުދިޕާޓީތަކާ އެކުވެގެން ހެދިފައިވާ އިއްތިހާދަކީ މައިދެޕާޓީއަށްވެސް އެޅިފައިވާ ޅައެއްޗެއްކަން މިއަދުމިއޮތީ ސާބިތުވެފައެވެ. އެމްޑީޕީއިން އެކުވެ އުފެއްދި އިއްތިހާދުގެ ފުށުން ފިއްތުންތައް ކުރިމަތިވާންފެށުމުން މިހާރުވަނީ އިއްތިހާދުވި ބައެއް ޕާޓީތަކާ ރަސްމީގުޅުން ކަނޑާލާފައެވެ. މިގޮތށްް އެމްޑިޕީއަށް މިކަން ކުރެވިފައިއެވަނީ މިޕާޓީއަކީ ވެރިކަމުގައި އޮތްޕާޓީއަށް ވެފައި އަދި މެންބަރުންގެ ގޮތުންވެސް ތަސައްރަފު ފުދިފައިވާ ޕާޓީއަކަށް ވުމުންނެވެ. ނަމަވެސް ޑީއާރުޕީ އެމީހުންގެ ނަމުގައި ( ޤާނޫނީ ހައިސިއްޔަތެއްނެތި) ކުރަމުންގެންދިޔަ ވެރިކަމުން ބޭރުވެދިއުމުން މަޖުބޫރުވެ އިއްތިހާދުވެގެން އުޅޭ ޕާޓީތަކާ ވަކިނުވެވި ކުދިޕާޓީތަކުގެ ނުފޫޒުގެ ދަށުގައި މިއަދުއެވަނީ ފިތިބާރުވެފައެވެ. ކިތަންމެ ބޭނުމަސް ގައުމުގެ ތަރައްގީގެ މަގުގައި ވެރިކަންކުރާ ޕާޓީއާއި އަތާއަތް ގުޅާލައިގެން ކުރިޔައް ދިއުމަށް އެޕާޓީ މިއަދުއެވަނީ ނުކުޅެދިފައެވެ. ޕާޓީގެ ޙައްޤުގައި އެތަކެއް ޤުރުބާނީތަކެއް ވެފައިވާ މުހިންމު މެންބަރުން ގޮނޑިބަރީގެ އެންމެ ފަހަތުގައި ބައިތިއްބާފައި ކުރީސަފަށް ތަޖުރިބާއެއްނެތް ސިޔާސީގޮތުން އެއްވެސް އުރަތްޕެއްނެތް ބަޔަކު ނެރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޑީއާރުޕީ އެދަނީ ސިޔާސީގޮތުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ފަހަތައް އަޅަމުންނެވެ. ކެއްތެރިކަމެއްނެތް ޒުވާން ކަމުގެ ޖޯޝުގައި ތެޅިފޮޅޭ ޅަކުދީންނާއި ސިޔާސީގޮތުން ފުންނާބު ބިނދިފައިތިބި ބަޔަކު ކުރީސަފަށް ނެރުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު އެޕާޓީގެ ލީޑަރަކީ ކޮބައިކަންވެސް މިވަނީ އޮޅިފައެވެ. ޕާޓީގެ ކައުންސިލުގެ އާރާބާރެއް ނެތްކަން ދޭތެރެ ދޭތެރެއިން ދަނީ ސާބިތުވެ އެނގެމުންނެވެ. ދާޚިލީ އަރާރުންވުންތައް ބޮޑުވެ ޕާޓީގެ އެތެރެ ގޭތެރެއިން ބޭރުވެ މީޑިޔާއަށް އެއްދުވަހުން އަނެއްދުވަހަށް ބޭޒާރުވަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. މީގެ ފައިދާ ނަގައިގެން މަޖްލީހުން އެންމެ ގޮނޑިޔެއް ކާމިޔާބުކުރި މީހުން މިއަދު އެދަނީ ގޮނޑިއިތުރު ކުރަމުންނެވެ. އިއްޔެ ޕީއޭއަށް ސަލާންޖެހި ގޮތައް މިއަދު ޑިއާރުޕީއަށް އެވަނީ ޖުމްހޫރީ ޕާޓީއަށްވެސް ސަލާންޖަހާން ޖެހިފައެވެ.
ސަރުކާރު ހިންގާ ޕާޓީއާއި ގުޅުމެއް ބާއްވާނަމަ ގުޅިފައިވާ ޕާޓީތަކުން އެޕާޓީއަށް އެއްބާރުލުން ނުދީފާނެ ކަމުގެ ބިރުގައި ފަހަރެއްގައިވެސް އެމްޑިޕީއާއި ގާތަށް ޖެހިލުމަކީ ޑީއާރުޕީއަށް މިއަދު ކުރެވޭންއޮތް ކަމެއް ނޫނެވެ. އެންމެބޮޑު ހުރަހަކީ ސަރުކާރު ޒިންމާދާރުކޮށް ޤައުމުގެ މަންފާއާއި ލާބަޔައް މަސައްކަތް ކުރުމަށްވުރެ ވީހާއަވަހަކަށް ވެރިކަން ވައްޓާލައި ވެރިކަމަށް އެނބުރި އައުމަކީ ޑީއާރުޕީގެ އެންމެ އިސް އަމާޒުކަމުގައި ވެފައި އޮތްއޮތުމެވެ. ވެރިކަން ހޯދުން މެނުވީ އެހެން އެއްވެސް ކަމެއްގެ ޚިޔާލު އެޕާޓީގައި ނެތިގެން މިއުޅެނީ ފަހަރެއްގައި އެމްޑީޕީގެ ސަރުކާރުން އެޕާޓީގެ އިސްފަރާތްތަކާމެދު ދިއްކުރަމުންގެންދާ ތުހުމަތުގެ އިނގިލި ތަކުގެ ސަބަބުން ގަންނަ ބިރަކުން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ޑިއާރުޕީއިން ކަންކުރަމުން މިހާރު އެގެންދާ ގޮތުން މިކަންވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުންނެވެ. އަދި މައިދެޕާޓީ ގުޅިލާމެހިއްޖެނަމަ ތިމާމެންގެ ދައުރު ގެއްލުނީކަން ދަނެގެން އެފުރުސަތު ހޯދިޔަ ނުދިނުމަށް ޑީއާރުޕީޔާ ގުޅިގެންއުޅޭ ކުދިޕާޓީތަކުން ފިސާރިއެތިބީ އަރުވާ ޖަހައިގެންނެވެ.
ފޫގޮސް ހުސްވަމުންދާ ޑީއާރުޕީގެ މާލީހާލަތަކީވެސް މިހާރުދެން ބަޔަކަށް ފޮރުވޭކަށް އޮތްއެއްޗެއް ނޫނެވެ. މީގެ ކުރީން ކަނޑުވަދެފައި އޮތްއިރު ބޭނުންވަރަކަށް ނޫޓުދީގެން ހިފެހެއްޓި ފަރާތްތަކަށް މިހާރު އެމިންވަރު ނުދެވޭތީވެ މޫނުއަނބުރާލައި ޕާޓީއާއި ދުރުވަމުން ދާއިރު ޕާޓީގެ އިސްސަފުގެ ތެރޭން އެފެންނަ ލާޗާރު ބިޗާރު އަޚްލާގުންވެސް މުހިންމު ފަރާތްތަކެއް އެދަނީ ޕާޓީދޫކޮށް ފުރަގަސްދެމުންނެވެ. ޑީއާރުޕީއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ނާޖާއިޒު ފައިދާ ފާޅުކަންބޮޑުގޮތެއްގައި އެދަނީ އެޕާޓީއަށް އައިވީ ގުޅާދީގެން އުޅޭ ކުދިޕާޓީތަކުން ނަގަމުންނެވެ. މިހާރުމިދާ ގޮތައްދާނަމަ ދާދިއަވަހަށް ޑީއާރުޕީ އެކަކުން ދޭކަށް ވެއްޓިފައި މިއޮތްއޮތުމުން ކައްސާލައިގެން ތިނަކަށް ވެއްޓި ދިޔުމަކީވެސް ނުވެނުދާނެ ކަމެކޭ މިހާރު ބުނެވޭކަށް ނެތެވެ. އަދި މިހާލަތަށް ހިނގައްޖެނަމަ މާގިނަދުވަހަކު ޑީއާރުޕީ ވުޖޫދުގައި އޮންނާނެ ކަމަކަށް ނުބެލެވެއެވެ.
މިހާރު ރާއްޖޭގައި އެންމެ ހޫނުއެއް މައްސަލަ ކަމުގައިވާ އެއާޕޯޓުގެ މައްސަލާގައި ކުދިޕާޓީތަކުން ޕްރެޝަރުކޮށްގެން އެކަން ތާކުންތާކު ނުޖެހުމުން މިހާރު ޑީއާރުޕީގެ އިސްސަފުގައި ތިބި ފަރާތްތަކުން އެޕާޓީގެ އެންމެ އިސްސަފުގައި ތިބި ފަރާތްތަކުން މިކަމުގައި ޖީއެމްއާރުން ރިޝްވަތު ހިފިކަމުގައިވެސް އެދަނީ ތުހުމަތު ކުރަމުންނެވެ. އަދި ޕާޓީގެ އަތުގައިއޮތް އެންމެ އިސް މަޤާމުކަމުގައިވާ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ މަޤާމުވެސް އެހެން ޕާޓީއަކަށް ދިނުމުގެ ކުލަވަރު މިހާރުދަނީ ފެންނަމުންނެވެ. ޕާޓީގެ ލީޑަރަށްވުރެ މާބާރުގަދަ ކުޑަކުދީން އެޕާޓީގައި ތިބިކަން އެދަނީ ހާމަކޮށްދެމުންނެވެ. ޕާޓީއަށް މުހިންމު ކަންކަން ހުއްޓައި މަޖްބޫރުވެގެން ދުނިޔޭގައި ލެއްވިހާ ކަމެއް ކުރާން ތެޅިފޮޅޭން ހަދައިގެން ޕާޓީ ނޭވާހޮޅިޔަށްއެޅި މިހާރުއެވަނީ އައިސީޔޫގައި ބޭއްވިފަޔޭ ދަންނަވާލުމަކީ ދޮގަކަށް ނުވާނެއެވެ.