މެންބަރުންގެ ޚިޔާލު: އިދިކޮޅުފަރާތްތަކުގެ ރަނގަޅުނިޔަތެއް އަމުދުންނެތި އެމީހުންގެ ނިޔަތުގައި އެވަނީ ކަތުރުފަނި އަޅާފައެވެ.

27 ނޮވެމްބަރ 2010

ފުނަމާ.

ދިވެހި ރާއްޖޭގެ ގާނޫނުހަދާ މަޖްލީހުގައި ތިބޭ އެމީހުންގެ ބަހުންނަމަ އިއްޒަތްތެރި މެންބަރުންނަކީ ދިވެހިދައުލަތުގެ މަތިވެރި އިސްލާމްދީނަށާ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުމަށް ﷲ ގަންދީ ހުވާކޮށްގެން ތިބޭ ބަޔެކެވެ. މިފަދަ ބަޔެއްގެ އަޚުލާގީ ފެންވަރީމެދު މިއަދު މިވަނީ ސުވާލު އުފެދިފައެވެ. ރައްޔިތުންގެ މުޅަމަސްކެއުމާ މީހުންގެ މައިބަފައި ގޮވުމާ ރާއްޖޭގެ އެކިއެކި ރައްރަށުގެ މީހުން ވާހަކަދައްކާ އުޅޭ ރާގުތައް ނެރެގެން އެރައްޔިތުންނަށް މަލާމާތްކުރުން މިއަދު މިވަނީ އާންމުވެފައެވެ. މަޖްލީހުގެ ޖަލްސާ ތަކަކީ މީހުން އުފުރާލާން މީހުންފުނޑާލާން ފާޅުގައި ގޮވައި ނަގަމުންދާ މަސްމާރުކޭޓަކަށް މިއަދު އެވަނީ ވެފައެވެ. ބުނެ އުޅެނީ މިއީ ޑިމޮކްރަސީ ކަމުގައެވެ.
ޑިމޮކްރަސީއަކީ މިފަދަ ދަށުދަރަޖައިގެ އަޚްލާގީ ފެންވަރު އަމުދުން ދަށް އެއްޗެއް ކަމުގައި ވާނަމަ މިހާރުން މިހާރަށް ޑިމޮކްރަސީއަށް ޓާޓާ ކިޔާ ދޫކޮށްލާންވެއްޖެއެވެ. ވޭތުވެ ދިޔަ ހަފްތާގެ މަޖްލީހުގެ ޖަލްސާއެއްގައި ތުލުސްދޫ ދާއިރާގެ މެންބަރު ބުނެފައިވަނީ އިމިގްރޭޝަންގެ ބިލު މިހާރުއޮތްގޮތައް ފާސްވެއްޖެނަމަ ދެން އެތަނުގައި ވަޒީފާ އަދާކުރާނީ ދިވެހި ރައްޔިތުން ނޫންކަމަށާ އެމްޑިޕީގެ ރީނދޫ މުއައްޒަފުން ކަމުގައެވެ. އޭނާގެ ބަހުރުވައިން އެމްޑިޕީގައި މިތިބީ ދިވެހި ރައްޔިތުން ނޫންކަމުގައި ބުނާއިރު ރާއްޖޭގެ ގާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތުނު ހެއްޔެވެ؟ ގާނޫނުގައި ދިވެހި ރައްޔިތުން ބަޔާންކޮށްފައި ވާއިރު އެބުނި ބަހަކީ ގާނޫނާ ޚިލާފު ބަހަކަށް ނުވެދާނެހެއްޔެވެ؟
ސަރުކާރުން ކުރާ ކޮންމެ ކަމެއް ހުއްޓުވުމަށް ކޯޓަށް ގޮސްގެން ނެރޭ އަމުރުތަކަށް ސަރުކާރުން ބޯލަނބައި އަމަލު ކުރާއިރު މާލޭ ބައިނަލް އަގްވާމީ ވައިގެ ބަނދަރު ޖީއެމްއާރަށް ދިނުމުގެ މައްސަލާގައި އިދިކޮޅު “ކަހެރަވަކުން” ހުށައެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުން ދެންވެސް އެދުވަނީ އެކަމާ އަޅައިގަނެ ނުނެއްޓިގެންނެވެ. މިއަދު އެއްވުން ބާއްވައިގެން އެގޮވާ ނަގަނީ އެއަރޕޯޓަށް އަރައި އެތަން ހައިޖެކް ކުރުމަށެވެ. މިވަރުންވެސް ތިބޭންވީ ބަލާންހެއްޔެވެ؟
މުޅިރައްޔިތުންނަށް ގޮވައި ހައްލައިގެން ވީބަޔަކާ އެކުގޮސް ވައިގެ ބަނދަރަށް އަރައި އެތަން ބަންދު ކޮށްލުމުން ރާއްޖޭގެ އިގްތިސާދު ފުނޑަލެވުމުން ވެރިކަން ވައްޓާލެވޭނެ ކަމުގައި ބަޚީލުންނަށް އެބަހީވެގެން އުޅެއެވެ. ކޮންމެ ގޮތަކުންވެސް ވެރިކަމާ ބަނޑުކައިފައި ތިބި ބަޔަކަށް ކުޑަގިފިލިވެސް ކުރެވެން އޮތީ މިވެރިކަން ވައްޓާލައިގެން ކަމުގައިހީވެ އެތިބަދަނީ ދުނިޔެއިން މޮޔަވަމުންނެވެ. ނޫނީ އެތިބީ މޮޔަވެފައެވެ.
ދިވެހި ރައްޔިތުން ތިމާމެންގެ މުސީބާތުން ސަލާމަތްވުމަށް ވެރިކަން ބަދަލުކޮށް އެއްކިބާ ކުރުމުން ލަދުހަޔާތެއްނެތި އަދިވެސް ވެރިކަމައިގެން ހަސްގަނެ އެތެޅެނީ މިޔަންވެސް ނޭނގިގެންނެވެ. އަނެކުން ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާކަމަށް ގޮވާނަގާއިރު ތިމާމެންގެ ހާލަކީ ކޮބައިކަން ނުވިސްނޭކަމީ މިގައުމުގެ ހަލާކުކަމުގައި ވެގެން މިއުޅޭ އިދިކޮޅު ކަހެރިވަކުންގެ މިއަދުގެ ހާލުހުރިގޮތެވެ. ބަލާލި ކޮންމެ ދިމާލަކުން މިގައުމަށް މިއަންނަމުންދާ ކުރިއެރުންތައް ފެނި ދެލޮލުން ނިދިގެއްލި އަނބިދަރީންނާއިއެކު މަގުމައްޗަށް ނުކުމެ ފަންހަލަމުން އެގެންދަނީ ނަގުލަންދާށި ހިލި ތިމާމެން އޭގެ ޝިކާރައަކަށް ވެދާނެކަމާމެދުވެސް ވިސްނާލުމެއް ނެތިއެވެ.
ރުޒައިނާގެ ބަހުންނަމަ މިއަދު ޑިއާރުޕީއިން އެމްޑިޕީގެ މެންބަރުންނަކީ ދިވެހި ރައްޔިތުންކަމުގައި ނުދެކޭކަން ސާބިތުވާއިރު މާދަމާ އެމީހުންނަށް ބާރެއް ލިބިއްޖެނަމަ އެބުނާ ރީނދޫ ކުލައިގެ މީހުން މަރާނީ ހެއްޔެވެ؟ އެހެން ހީނުކުރާށެވެ. މިގައުމަށްޓަކައި ޖާނުދޭން ނުކެރޭނެ އެކަކުވެސް މިއެމްޑީޕީގައި ނުތިބޭނެއެވެ. އަޅެ ނިކަން ކުރިމަތިލާން ކެރިގެން ނުކުމެ ބަލާށެވެ.
ސިޔާސީގޮތުން ފޭލިވެ ބޭލިފައިވާ އުމަރަކީ މީހުންނަށް ހުކުމްކުރާން އިސްކޮށްފައިވާ މީހެއްނޫނެވެ. ނަމަވެސް އޭނާއަށް އާރެއް ބާރެއް ލިބިއްޖެނަމަ ކަންކުރާނެގޮތް ދިވެހި ރައްޔިތުންނަށް އިތުރަށް ބުނެދޭކަށް ނުޖެހޭނެތާއެވެ. މައިކަށި ބިންދާނުލާނެ އެކަކުވެސް ނުހުންނާނެއެވެ. މިއަދުގެ ދިވެހީން ބޭނުންވެގެން މިއުޅެނީއަކީ އެކަހަލަ ސިޔާސީ ކޫޑީން ނޫންކަން އުމަރުގެ އުމުރުގައި ކުރިމަތިލި އާންމު އިންތިޚާބުތަކުން ނޭނގޭނަމަ އަމިއްލަޔަށް ކަރުގައި ވަލެއްބެއްދުންވެސް މާރަނގަޅުވާނެތާއެވެ.
ޑީއާރުޕީއިން ލޯކަލް ކައުންސިލް ބޭނުންވަނީ ކީއްވެހެއްޔެވެ؟ ރައްޔިތުންގެ މެދުގައި މިހާރަށްވުރެ ބޮޑު ފިތުނައެއް އުފައްދާން ހެއްޔެވެ؟ ރައްޔަތުންނަށް އެމީހުންނަށް ގެނެސްދެވޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ އާންމު އިންތިޚާބުގައި ވީވައުދުތައް ފުއްދުނު ހެއްޔެވެ؟ ފުއްދޭނެކަމުގައި އެބުނަނީ އެންމެ ބޭނުމެކެވެ. ފިތުނަވެރިކޮށްގެން ސަރުކާރު ވައްޓާލުމެވެ. މިނޫންވާހަކައެއް ދައްކާއަޑެއް ނީވެއެވެ. ހިތުދަސްވެފައި އޮތީ އެންމެ ބަހެކެވެ. ވެރިކަމެވެ. ނިދަން ބެނުންވަނީވެސް ވެރިކަމުގައެވެ. މަރުވަން ބޭނުންވަނީވެސް ވެރިކަމާހެދިއެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެވެ.
އިއްޔެ ފުރާނަޔައް ދަހިވެތިވެ އެކަކާއިއަނެކަކު ތަޅާފޮޅާފައި މިއަދު ވެރިކަމުގެ ފަހަތުން ދުވާންވެގެން ބުޅަލާ މީދަލާވެސް އެއުޅެނީ ކައިވެނި ކޮށްގެންނެވެ. ހާލަކީ މިޔެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް ހަމަނެތީއެވެ. މިފަދަހާލެއްގައި ތިބިބަޔަކަށް ވެރިކަން ލިބުން އެއްކިބައިގައި އޮއްވާ މިގައުމުގައި ކައްބިމެއް ދޭންވެސް ހެޔޮވެދާނެހެއްޔެވެ؟ ދިވެހި ރައްޔިތުންނޭވެ. މިމީހުންގެ ކިބައިން ސަލާމަތްވެވޭނެ ކޮންމެވެސް ގޮތެއް ހޯދުން މިހާރު ރައްޔިތުންނަށް ލާޒިމް ވެއްޖެއެވެ. ގައުމުގެ ވައިގެ ބަނދަރުތަކާ ގައުމީ ދޮރާށިތައް ބަންދުކޮށް ގައުމު ބަނޑައްޖައްސާނުލަނީސް މިމީހުންގެ އަނިޔާވެރިކަން މިގައުމުން ފޮހެލާން މިހާރުމިވަނީ މަޖުބޫރު ވެފައެވެ. ސަރުކާރުން ހިއްތިރިކަމާއެކު އެކުރައްވާ މަސައްކަތަކުން މިގައުމު ސަލާމަތް ކުރެވޭކަށް މިހާރަކު ނެތެވެ. އިދިކޮޅު ކަހެރަވަކުންގެ ނުބައިނިޔަތް މިހާރުމިދަނީ ހައްދުފަހަނަޅައިގެންނެވެ. ފާޅުގައި ދެމުންގެންދާ އިންޒާރުތައް ހަގީގަތަކަށް ހެދިއްޖެނަމަ އެމީހުންގެ ނިޔަތަކީ އެމީހުންގެ ދުޝްމަނުން ކަމުގައި ދެކޭހާ ބަޔަކު މަރާހުސްކުރުމެވެ. އެމީހުންގެ ނިޔަތުގައި މިނޫންއެވެސް ކަމެއް ނެތެވެ. އިދިކޮޅުފަރާތްތަކުގެ ރަނގަޅުނިޔަތެއް އަމުދުންނެތި އެމީހުންގެ ނިޔަތުގައި އެވަނީ ކަތުރުފަނި އަޅާފައެވެ.