ލޯކަލް ކައުންސިލް އިންތިޚާބު: ހާހަކަށްވުރެ ގިނަ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް އެޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި

27 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

ޗެއަރޕާސަން ޤައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ
ޗެއަރޕާސަން ޤައުމީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން އެޕާޓީގެ ސެލެކްޝަން ކޮމިޓީއާއި ކެމްޕެއިން ކޮމިޓީން ކަނޑައަޅާފައިވާ 1024 ފަރާތަކަށް ޓިކެޓްދިނުމަށްފަހު، ޓިކެޓަށް އެދި ދެން ކުރިމަތިލައްވާ ފަރާތްތަކަށް ޓިކެޓް ދިނުމަށް އެމްޑީޕީގެޤައުމީ މަޖިލީހަށް ލިބިފައިވާ ބާރު އެޕާޓީން މިއަދު ހޮވި ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީއަށް ދިނުމަށް އެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 85 ވަނަ ޖަލްސާއަށް އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީ ދިއްގަރު ދާއިރާގެ ރައީސް އަސްލަމް މުޙައްމަދު ޝާކިރު ހުށަހަޅުއްވައި، އެމަޖިލީހުގެ މެންބަރު އަދި އެމްޑީޕީ މުލަކު ދާއިރާގެ ރައީސް އަޙުމަދު ޝަފީޤް ތާޢީދުކުރެއްވި ޤަރާރުގައިވާ ގޮތުން “ކެމްޕެއިން ކޮމިޓީއާއި ސެލެކްޝަން ކޮމިޓީ އިން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ޓިކެޓް ދިނުމަށްޓަކައި، ޤައުމީ މަޖިލިހަށް ހުށަހަޅުއްވާފައިވާ ނަންތައް (ބިލެތްދޫ ދާއިރާގެ އަތޮޅު ކައުންސިލް ފިޔަވައި) އެގޮތަށް ފާސްކުރުމަށާއި، މިއަށްފަހު ޕާޓީ ޓިކެޓް ދިނުމަށް ގެންނަންޖެހޭ ބަދަލުތައް ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީ އިން ފާސްކޮށް، ޕާޓީ ޓިކެޓްދޭން ނިންމުމަށް” އެމްޑީޕީގެ ޤައުމީ މަޖިލިސް އިޤްރާރުވެއެވެ.
މިއަދު ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި އެމަޖިލީހުން ޓިކެޓް ދީފައިވަނީ އައްޑޫ ސިޓީ ކައުންސިލާއި، މާލެ ސިޓީ ކައުންސިލްގެ ޓިކެޓަށް އެދި ހުށަހަޅުއްވާފައިވާ 17 ފަރާތަކަށާއި، ރަށުކައުންސިލް ޓިކެޓަށް އެދި ކުރިމަތިލައްވާފައިވާ 769 ފަރާތަކަށާއި، އަތޮޅު ކައުންސިލް އިންތިޚާބަށް ކުރިމަތިލެއްވުމަށް އެދި ހުށަހަޅުއްވާފައިވާ 138 ފަރާތަކަށެވެ. ބިލެތްދޫ ދާއިރާގެ ޓިކެޓް ދިނުމުގައި އިތުރަށް ބަލަންޖެހޭ ބައެއް ކަންތައްތައް ހުރިކަމަށް އެދާއިރާގެ ވަގުތީ ރައީސް އަލްއުސްތާޛް އަޙުމަދު ހަމްޒާ ވިދާޅުވުމާ ގުޅިގެން އެދާއިރާއިން ޓިކެޓަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަށް ޓިކެޓް ދިނުންވަނީ ފަސްކޮށްފައެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 26 މެންބަރުންގެ ތެރެއިން 18 ބޭފުޅުންގެ ވޯޓާއެކު ހޮވި 7 މެންބަރުންގެ މައްޗަށް އެކުލެވޭ އެމްޑީޕީގެ ކެމްޕެއިން އެގްޒެކެޓިވް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބެފުޅުންނަކީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި، ނައިބު ރައީސް މުޙައްމަދު އަސްލަމް އާއި، އެގްރޫޕްގެ އަމީންއާންމު ހާމިދު އަބްދުލްޤަފޫރާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުލްޤަފޫރު މޫސާ އާއި މުލަކު ދާއިރާގެ ރައީސް އަހުމަދު ޝަފީޤް އަދި ކާށިދޫ ދާއިރާގެ ރައީސް އަޙުމަދު ޙަލީމް އެވެ.
މީގެ އިތުރުން، މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ފަންޑްރައިސިންގް ކޮމެޓީގެ 2 މެންބަރުން ކަމަށްވާ ޖާދުﷲ ޖަމީލް އަދި ޝޮފީނާޒް އިބްރާހީމްގެ އެދިވަޑައިގަތުމުގެ މަތިން އެ 2 ބޭފުޅުން އެކޮމިޓީން ވަކިކޮށް އެކޮމިޓީއަށް ހ.ތިމާވެށި ޢަބްދުﷲ ޖާބިރު އަދި އެމްޑީޕީގެ މާވަށު ދާއިރާގެ ރައީސް މ.އާދިއްލީގޭ ފާރޫޤް އުމަރު އައްޔަންކުރުމަށް ފަންޑްރައިސިންގ ކޮމިޓީގެ މުޤައްރިރު އިސްމާޢީލް ޝަފީއު ހުށަހަޅުއްވައި، އެމްޑީޕީ ދިއްގަރު ދާއިރާގެ ރައީސް އަސްލަމް މުހައްމަދު ޝާކިރު ތާޢީދުކުރެއްވި ހުށަހެޅުން މަޖިލީހުގެ އިއްތިފާޤުން ފާސްވިއެވެ.