27 ނޮވެމްބަރ 2010

އަންހެނުންނަށް އަނިޔާ ކުރުމުގެ ނޭއްގާނި ޢަމަލުތައް ހުއްޓުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަކީ، އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިއްޔެ އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިތާބުގައި، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމާއި ބޭނުންތެރިކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައިވެސް އަނިޔާ ލިބެމުންދާ އަންހެނުންގެ ޢަދަދު ކުޑަނޫންކަމަށް ވިދާޅުވެ، އަންހެނުންނަށް މިފަދަ އަނިޔާ ލިބެމުންދާއިރުގައި، ވަރަށްގިނަ އަންހެނުން އެކަމާ އެއްވެސް އެއްޗެއް ނުބުނެ ތިބޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. “އެންމެ ގާތް ރަޙްމަތްތެރިން ގާތުގައިވެސް އަދި ގާތްތިމާގެ މީހުން ގާތުގައިވެސް ބައެއް އަންހެނުން މިބާވަތުގެ ވާހަކަ ދައްކާކަށް ނުއެއް އެދޭ. އަދި ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުން ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން މިއޮންނަނީ ޢަމުދުން ބައެއް އަންހެނުންނަށް ކުރަން ނުކެރޭ ކަމަކަށްވެފައި.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި، ބައެއްފަހަރު ފަހަރު މިބާވަތުގެ ޢަމަލުތައް ހިންގަނީ، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި ހަމަ ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވޭ މީސްމީހުން ކަމަށާއި، އަނެއްބައިފަހަރު ނުރަނގަޅު މީހެއް ކަމަށް ފާހަގަކުރެވޭ މީހުންގެ ކިބައިންވެސް މިފަދަ ކަންތައް ފެންނަ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމަށްވާއިރު، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި ހަރުދަނާ ގޮތުގައި އަންހެނުންނަށް ބައިވެރިވެވެންޖެހޭނެ ކަމަށާއި، ހަރުދަނާ ގޮތުގައި ބައިވެރިނުވެވޭނަމަ، އަޅުގަނޑުމެން މި ހޯދަންއުޅޭ ތަރައްޤީ، މި އެދޭ މިންވަރަކަށް ނުހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މަސައްކަތްކުރާ ކޮންމެ މާޙައުލެއްގައިވެސް، އަންހެނުންނަށް ސަލާމަތްކަމާއި ޔަޤީންކަމާއި، އިތުބާރާ އެކީގައި މަސައްކަތް ކުރެވެން ޖެހޭނެ ކަމަށާއި، މިނޫން ގޮތަކަށް ތަރައްޤީ ރާވަނީނަމަ، އަޅުގަނޑުމެންނަށް މިދެވެނީ ދެދުނިޔޭގެ ހަލާކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންހެނުންނާ ގުޅޭގޮތުން ރަނގަޅު ގޮތްގޮތަށް ކަންތައްތައް ނުކުރެވެނީނަމަ، މި އެދޭ ބާއްޖަވެރި ދިރިއުޅުން އަޅުގަނޑުމެންނަށް ނުލިބޭނެކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.