ވަޒީރުން ވަކިކުރާނެ އަމުރެއް ސުޕްރީމް ކޯޓަކުން ނުނެރޭނެ. ރައްޔިތުންގެ މަޖިލީހަކަށް ވަޒީރުން ވަކިކުރުމަކަށް ނޭންގޭނެ – އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ - ކުރިޔަށް އޮތް އިންތިޚާބަށް ވަގުތު ހޭދަކުރައްވާނޭ ކަމަށް ވިދާޅުވި
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު ހަރުގޭގައި ވާހަކަފުޅު ދައްކަވަނީ - ކުރިޔަށް އޮތް އިންތިޚާބަށް ވަގުތު ހޭދަކުރައްވާނޭ ކަމަށް ވިދާޅުވި

ވަޒީރުން ވަކިކުރާނެ އަމުރެއް ސުޕްރީމް ކޯޓަކުން ނުނެރޭނޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކިކުރުމަކަށް ނޭންގޭނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެޕާޓީގެ ކުއްލި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ” އަޅުގަނޑު ޔަގީންކޮށް ދަންނަވަން މިރާއްޖޭގެ ސުޕްރީމް ކޯޓަކަށް ލިބިފައެއްނޯންނާނެ ވަޒީރުން ވަކި ކުރުމުގެ ބާރެއް. ވަޒީރުން ވަކިކުރާނެ އަމުރެއް ސުޕްރީމް ކޯޓަކުން ނުވެސް ނެރޭނެ. ރައްޔިތުންގެ މަޖިލީހަކަށް ވެސް ވަޒީރުން ވަކިކުރުމަކަށް ނޭންގޭނެ. ރައްޔިތުންގެ މަޖިލީހަށް ފަނޑިޔާރުން ވަކިކުރާކަށް ވެސް ނޭންގޭނެ. އަޅުގަނޑުމެންނަށް އޮންނަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގެ ބާރު. އެކަން ނޭނގޭވަރު ބައެއް ނޫން އަޅުގަނޑުމެން ސުޕްރީމްކޯޓަށް ހޮވާފައި އެތިބީއަކީ”
ދިވެހި ދައުލަތުގެ މާލީ ވަޒީރު އަލީ ހާޝިމް ބަޖެޓު ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައިފި ނަމަ، އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ވަންނަވާނީ ދިވެހި ރައްޔިތުންނާ އެކު ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އަލީ ހާޝިމް ރައްޔިތުންގެ މަޖިލީހަށް ވަދެޑައިގެންފިނަމަ އެމަނިކުފާނަށް ހަމަލާދިނުމަށް އިދިކޮޅު ޑީއާރުޕީން ރާވާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، މިފަދަ އަމަލެއް ޑީއާރުޕީން ކޮށްފިނަމަ ނެގުނު ސަރުކާރުގެ ވަޒީރުކަން ކޮށްފައިވާ އެއްވެސް ބޭފުޅަކަށް ގޭގައި މަޑުން ނުތިއްބެވޭނޭ ކަމަށާއި، އެމީހުން އުޅޭ ގޭގެއަށް އެމްޑީޕީގެ އެކްޓިވިސްޓުންނާއެކު ޚުދު މޫސާ މަނިކު ވަޑައިގަންނަވާނޭ ކަމަށް ވެސް މޫސަ ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޑީއާރުޕީގެ އެއްވެސް މެންބަރެއްގެ ރުހުން ވަޒީރުންނަށް ބޭނުން ނުވާ ކަމަށާއި، ޑީއާރުޕީގެ މެންބަރުން ރުހުން ނުދިން ނަމަވެސް ވަޒީރުން އެ ބޭފުޅުންގެ މަގާމުގައި ދެމިތިއްބަވާނެ ކަމަށް މޫސަ ވިދާޅުވަމުން ގެންދަވާ ވިދާޅުވުން ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވެސް މޫސަ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ޑީއާރުޕީއަށް އެންމެ ކައުންސިލެއް ވެސް ކާމިޔާބު ނުވާނޭ ކަމަށާއި، މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް މޫސަގެ ވަގުތުތައް ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 މެންބަރުން ކަމަށްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު (ކާނަލް) ނަޝީދާއި، ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް ވެސް ވާހަކަދެއްކެވިއެވެ.
ޝިފާޒް ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީން ޑީއާރުޕީން ޖެހާނެހާ ސަކަރާތެއް ޖަހަން މަޖިލީހުގައި މަޑުން ނުތިބޭނޭ ކަމަށާއި، މީގެ ކުރިން އެމްޑީޕީން މަޑުންތިބީ އެޕާޓީގެ ސަބަބުން މަޖިލިސް ހުއްޓުމަކަށް ނުގެނައުމަށް ކަމަށް ވިދާޅުވިއެވެ.
ކާނަމް ވިދާޅުވީ އެމްޑީޕީން މިހާރު މަސައްކަތްކުރަނީ ހަމައެކަނި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ނޫން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ތިބި ކުށްވެރީންނާއިޚިޔާނާތްތެރީންގެ ގޮނޑިތައް ހުސްކޮށް، އެދާއިރާތަކުގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް މަސައްކަތްކުރުމަށް ވެސް އެޕާޓީން މަސައްކަތްކޮށް އެގޮނޑިތައް ކާމިޔާބު ކުރާނޭ ކަމަށެވެ.،